އޮޑިޓާ ޖެނެރަލްގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި
އޮޑިޓާ ޖެނެރަލްގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

އޮޑިޓާ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން ކުރި އިއުލާނެއްގައި ބުނީ މި މަގާމަށް އެދި ފޯމު ހުށަހަޅަން ޖެހޭނީ އަންނަ މަހުގެ ހަ ވަނަ ދުވަހާއި ހަތް ވަނަ ދުވަހުގެ ހެނދުނު 10:0 އާއި މެންދުރު 12:30 އާ ދެމެދު ރައީސް އޮފީހަށް ކަމަށެވެ. މި މަގާމަށް އެދި ހުށަހަޅާ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ އެވެ.

އޮޑިޓާ ޖެނެރަލްގެ މަގާމަށް މީހަކު އައްޔަން ކުރަން އިއުލާން ކުރީ އެ މަގާމުގައި ހުންނެވި ހަސަން ޒިޔަތު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ އިސްތިއުފާ ދެއްވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި އޭނާގެ ނަން ހިމެނިފައިވާތީ އެވެ. ޒިޔަތު ވަނީ އޭނާގެ ނަން ލިސްޓުގައި އޮތީ ޚިޔާނާތުގެ ފައިސާ ބޭނުންކޮށްގެން ނޫން ކަމަށާއި އެއީ ޕީޕީއެމުން މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް ދިން ފައިސާ ކަމަށް ވިދާލުވެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ޒިޔަތު ފޮނުއްވި އިސްތިއުފާގެ ސިޓީގައި ވިދާޅުވީ، އެ ލިސްޓުގައި ނަން ހިމެނިފައި އޮތުމުން އޮޑިޓާ ޖެނެރަލްގެ މަގާމުގައި ދެމިހުރުމަކީ ދައުލަތާއި އޮޑިޓަ ޖެނެރަލް އޮފީހުގެ ކަރާމާތާއި ގަދަރަށް އުނިކަން އަންނާނެ ކަމަށް ދެކިވަޑައިގަންނަވާތީ ކަމަށެވެ.