25 މެއި 2021 - 14:07

ވަޒީފާއަށް ނުކުންނަ މީހުންނަށް މާދަމާއިން ފެށިގެން ހުއްދަ ދޫކުރަނީ އިކޮނޮމިކް މިނިސްޓްރީން ކަމަށް ނިންމައިފި އެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެޗްޕީއޭ އިން މާދަމާ އިން ފެށިގެން މާލެ ސަރަހައްދުގައި އަޅަން ނިންމާފައިވާ ފިޔަވަޅުތަކާ އެކު ހެނދުނު 8:00 އިން ހަވީރު 4:00 އާ ދެމެދު ބޭރަށް ނުކުމެ އުޅެވޭނީ ހުއްދަ ލިބޭ މީހުންނަށް އެކަންޏެވެ. އަދި އެ ނޫން ވަގުތުތަކުގައި ކާފިއު ހިންގަން ވަނީ ނިންމައިފަ އެވެ.
މި ނިންމުމާ އެކު ގިނަ ބަޔަކު އަންނަނީ ސުވާލުތައް އުފައްދަމުންނެވެ. އެގޮތުން، ވަޒީފާތަކަށް ދާންޖެހޭ މީހުން ވަޒީފާތަކަށް ދާނީ ކިހިނެއްކަމާއި ހުއްދަ ހޯދަން ކަންތައް ކުރަން ޖެހޭ ގޮތްތަކާ ބެހޭ ސުވާލުތައް ވަނީ ގިނަވެފަ އެވެ.
އެޗްޕީއޭ އިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒް ވިދާޅުވީ ފުލުހުންނާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ވަޒީފާތަކަށް ދާ މިހުންނަށް ހުއްދަ ދޫކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އަދި މިހާރު ދޫކޮށްފައިވާ ފާސްތައް ބޭނުންކޮށްގެން ވެސް ވަޒީފާތަކަށް ދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މަބްރޫކު ވިދާޅުވީ ފާސް ނުލިބޭ ނަމަ ވަޒީފާއަށް ނުކުންނަން މަޖުބޫރު ނުކުރެވޭނެ ކަމަށެވެ. އަދި ވަޒީފާ ދޭ ފަރާތުން އެގޮތަށް މަޖުބޫރުކުރާ ނަމަ މައްސަލަ ހުށަހެޅޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ވަޒީފާއަށް ނުކުންނަންޖެހޭ ނަމަ ހުއްދަ ހޯދަ ދެވޭނެ. ހުއްދަ ނުލިބޭ ނަމަ ނުޖެހޭނެ ނުކުންނަން. ނުކުންނަން އަންގައިގެން ވެސް ނުވާނެ. އަންގާ ނަމަ މައްސަލަ ވެސް ޖައްސަންވީ،" މަބްރޫކު ވިދާޅުވި އެވެ.
މިހާރު ވަޒީފާތަކަށް ނުކުންނަނީ ހަމައެކަނި ޕްރައިވެޓް ކުންފުނިތަކުގެ މުވައްޒަފުންނެވެ. ސަރުކާރު ވަޒީފާތަކުގައި އުޅޭ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުން އަންނަނީ ގޭގައި ތިބެގެންނެވެ.