25 މެއި 2021 - 12:40

ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އައި ދެ މީހަކު މިއަދު މަރުވެއްޖެ އެވެ.
އެޗްޕީއޭ އިން ބުނީ، ރޭ ދަންވަރު ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އައި އުމުރުން 66 އަހަރުގެ ފިރިހެނަކު މަރުވެފައިވާ ކަމަށެވެ.
އޭގެ ފަހުން މިއަދު ހެނދުނު 7:40 ގައި މަރުވެފައި ވަނީ އުމުރުން 89 އަހަރުގެ ދިވެހި ފިރިހެނަކު ކަަމަށް އެޗްޕީއޭ އިން ބުންޏެވެ.
މި ދެ މީހުންގެ މަރާ އެކު ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ ޖުމްލަ އަދަދު މިވަނީ 144 އަށް އަރައިފަ އެވެ.
އިއްޔެ އަކީ ރާއްޖެއިން ކޮވިޑް ބަލީގައި ރިކޯޑް އަދަދަކަށް މީހުން މަރުވި ދުވަހެކެވެ. އިއްޔެ 13 މީހަކު މަރުވިއިރު އެއީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ ދިހަ މީހަކާއި އައިޖީއެމްއެޗްގެ އިމަޖެންސީ ރޫމުގައި ފަރުވާ ދެމުން ދިޔަ މީހެއްގެ އިތުރުން، ޅ. ހިންނަވަރާއި އައްޑޫން މީހެކެވެ.