26 މެއި 2021 - 07:15

އާދިއްތަ ދުވަހާ ގުޅޭ
ދެން ޖެހުނީ ނިދާ ގަޑިއެވެ. "ދުރުހިލޭ" ދެމަފިރިން އެއް އެނދުގައި ނިދާނީ ކިހިނެއް ހެއްޔެވެ؟ ހައިޝަމްއާ ވާހަކަދައްކާކަށް އަހަރެން ބޭނުމެއް ނޫނެވެ. އޭނަ ވެސް ހުރީ އެ ފަދަ ގޮތަކަށެވެ. އެކަމަކު ކޮޓަރި ހުރި ގޮތުން އެނދު ނޫން ތަނެއްގައި ނިދޭކަށް ނެތެވެ. އަހަންނަށް ވިސްނުނު އެއް ގޮތަކީ، ހައިޝަމްއަށް ވުރެ ކުރިން ނިދުމެވެ. ނޫނީ ފަހުން ނިދުމެވެ. އެހެނަސް އެހެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ހައިޝަމް ވެސް ހުރީ އެ ގޮތަށް ވިސްނައިގެންހެން އަހަންނަށް ހީވިއެވެ. ދެ މީހުން އެކަކުއަނެކަކާ ވާހަކަދައްކާ ނަމަ އެ ކަން ވެސް ވަރަށް އޮމާންކޮށް ދިޔައީހެވެ. އެނދުގެ ދެފަރާތުގައި އިށީނދެލައިގެން ދެ މީހުން ވެސް ފޯނާކުޅެން ތިބީއެވެ. ހައިޝަމް ނުނިދައިގެން ހިތާހިތުން އަހަރެން ޝަކުވާކުރި އިރު، ހައިޝަމް ވެސް އެ ފަދަ ޝަކުވާތަކެއް ކުރާނެކަން އަހަންނަށް ގައިމެވެ.
އެގާރަޖެހިއެވެ. ބާރަޖެހިއެވެ. އެކެއް ޖެހިއެވެ. އަހަރެން ކުއްލިއަކަށް ފޯނު ބާއްވައި އެނދުގައި އޮށޯތީމެވެ. އަހަރެން ލައިގެން ހުރީ ހަވީރު ލީ ހެދުމެވެ. އަހަރެން ކުއްލިއަކަށް އޮށޯތުމުން ސިއްސައިގެން ގޮސް ހައިޝަމަށް ތެދުވެވުނެވެ. އޭނަ ސިހުނުކަން އެނގުމުން އަހަރެން ގާތަށް ހިނިއައެވެ. އެ ކަން ނާންގަން ވެގެން އަނެއް ފަރާތަށް އެނބުރުނީމެވެ. އެ ސިކުންތު ތެރޭގައި ހައިޝަމް ގާތަށް ވެސް ހިނިއައި ތަން އަހަންނަށް ފެނުނެވެ. އަހަރެން ލޯމެރީމެވެ. ހައިޝަމް ކުރާ ކަންތައް ފެންނަ ވަރަށެވެ. އިރުކޮޅަކު ބަލަން ހުރުމަށް ފަހު ހައިޝަމް މަޑުމަޑުން އިށީނެވެ. މަޑުމަޑުން އޮށޯތެވެ. ދެމީހުން ވެސް ތިބީ އެނދުގެ އަރިމަތީގައެވެ. އިތުރު މީހަކަށް އޮވެވޭނެހާ ޖާގަ މެދުގައި ހުސްކޮށް އޮތެވެ. އެކަމަކު ނިދުމަށް ފަހު އެ ޖާގަ ހުސްކޮށް ނޯންނާނެކަން އަހަންނަށް އެނގެއެވެ. އަހަރެން ނިދީގައި އިންތިހާއަށް ފުރޮޅެމެވެ. ގޭގައި ނިދާ އިރު އެނދުގައި ބައްދާބާލީސް ކިޔާ ބާލީހެއް އޮންނާނެއެވެ. ހައިޝަމްގެ އެނދަކު އެ ބާލީހެއް ނެތެވެ. ބާލީހުގެ ބަދަލުގައި އޮތީ މީހެކެވެ. ދެން ވާނީ ކިހިނެއްކަން ބުނެދޭކަށް އަހަންނަކަށް އުނދަގުލެއް ނޫނެވެ.
"ހިދާޔާ! ހިދާޔާ!" ދަތި ގޮތަކަށް މީހަކު ކުކުރާ އަޑު އަހަންނަށް އިވުނެވެ.
އަހަންނަށް ހޭލެވުނު އިރު ހައިޝަމް އުޅެނީ ނޭވާ ނުލެވިގެންނެވެ. ހުވަފެނުން އަހަންނަށް ފެނުނީ އަހަރެންގެ ބައްދާބާލީހެވެ. ހިތުން އަހަރެން ބަގުޑިބެއްދީ އެ ބާލީހުގައެވެ. ލަދުން މަރުނުވީ ކިރިޔާއެވެ. ހޭލެވުނުކަމަށް ހަދާކަށް ވެސް ނުކެރުނެވެ. ނިދީގައިކަމަށް ހެދިފައި، ހައިޝަމްގެ ގައިން ދޫކޮށްލައިފައި އަނެއް ފަރާތަށް އެނބުރުނީމެވެ. ހަގީގަތުގައި އަހަރެންނަށް އޮތީ ހޭލެވިފައެވެ. ކުރެވުނު ކަންތަކާ މެދު ބިރުހީވެފައެވެ. ހައިޝަމް ފުން ނޭވައެއްލި އަޑު އިވުނެވެ. ކެއްސައިލި އަޑު ވެސް އިވުނެވެ.
"ބޯވައެއްތަ؟" ވަރަށް މަޑުމަޑުން ހައިޝަމަށް ބުނެވުނެވެ.
އަހަރެން ހިނިގަނޑު ފަޅައިގެން ނުދިޔައީ ކިރިޔާއެވެ. ހިތަށްއެރިއެވެ. ދެން ނުނިދާނަމެވެ. އެހެން ހިތައި އޮއްވައި އަނެއްކާ ވެސް ހޭލެވުނެވެ. އަހަންނަށް އޮވެވުނީ ހައިޝަމްގެ މޭމަތީގައި ބޯއަޅައިގެންނެވެ. ސިއްސައިގެން ގޮސްފައި އަހަރެން ދުރަށް ޖެހިލި ވަގުތު ސިހިފައި ހައިޝަމް ފުންމައިގެން ތެދުވިއެވެ. އަހަރެން ދެނަހުރި ކަމަށް ވެސް ނަހަދަމެވެ.
"މިހިރީ ނިދިފައެއްނު!" ހައިޝަމް މަޑުމަޑުން ބުނެލިއެވެ.
މުޅި ރޭ ހޭދަވީ އެ ކަހަލަ ގޮތަކަށެވެ. ފަތިސްނަމާދަށް އަހަރެންނަށް ހޭލެވުނު އިރު ހައިޝަމް އޮތީ ނިދައިފައެވެ. އަހަރެން ހީކުރީ އޭނަ އޮންނާނީ ސޯނާކޮށްގެން ކަމަށެވެ. އަހަރެން ނަމާދުކޮށް އަވަދިވި އިރު ވެސް ހައިޝަމްގެ ފޯނު ސޯނާއެއް ނުވެއެވެ. އޭނަ ނުވެސް ހޭލައެވެ. ގޮވައިލުން ރަނގަޅުކަން އަހަންނަށް އެނގެއެވެ. އެހެނަސް ގޮވާ ހިތެއް ނުވިއެވެ. ހިތަށްއެރިއެވެ. އެ މީހަކު ނަމާދަށް ހޭލުމަކީ އެ މީހެއްގެ ކަމެކެވެ. އަހަންނަކީ އަނބިމީހާއެވެ. ހައިޝަމްގެ މަންމައެއް ނޫނެވެ. އޭނަޔާ ދިމާއަށް ބަލަހައްޓައިގެން ވިސްނަން ހުއްޓައި ކުއްލިއަކަށް އޭނަ ލޯހުޅުވައިލިއެވެ.
"އިރު އެރުމުގެ ކުރިން ގޮތެއް ނިންމޭނެތަ؟" ހައިޝަމް ސުވާލުކުރިއެވެ.
ވީ ފޫހިން އަހަރެން އެނދަށް އަރައި ދެލޯ މަރައިލީމެވެ. ހަގީގަތުގައި ހައިޝަމް ކުރީ ގޯސް ސުވާލެއް ނޫނެވެ. އެކަމަކު، އޭނަ ދެކެ ފޫހިވެފައި ހުރީމައި، އޭނަ ދައްކާ އެއްވެސް ވާހަކައެއް އަހަންނަށް ކަމުނުދަނީއެވެ.
ފިރިމީހާއެއް ކަމަކު ހައިޝަމްއަކީ އަހަންނަށް ބީރައްޓެއްސެކެވެ. އަހަންނަކީ ހައިޝަމްއަށް ވެސް ބީރައްޓެއްސެކެވެ. އަހަރުމެން އަނބިފިރިންނަށްވީ ދެކިފަރިތަ ވެސް ނުވަނީހެވެ. ދެން އޮންނާނީ އެހެން ކޮން ގޮތެއް ހެއްޔެވެ؟ ހިލޭ ދެ މީހުނެކޭ އަހަރުމެންނެކޭ އެއްގޮތެވެ. ބައެއް ފަހަރު ހިނި ވެސް އާދެއެވެ. ހެދުން ބަދަލުކުރަން ބޭނުން ވިޔަސް އަހަރެން ވަންނަނީ ފާހާނަޔަށެވެ. އެނދު ވަރަށް ބޮޑެވެ. އެނދުގެ މެދުގައި ބާލީހެއް ފުރަތަމަ ބޭއްވީ އަހަންނެވެ. އެއީ ސަރަހައްދީ ރޮނގެވެ. އެކަކު ވެސް އެ ރޮނގު ހުރަސްކުރާކަށް ބޭނުމެއް ނޫނެވެ. އަހަންނަކީ ހުތުރު ކުއްޖެއް ނޫނެވެ. ހައިޝަމްއަކީ ވެސް ރީތި މީހެކެވެ. ފެނިގެން ލޯބިވާން ފުރުސަތުލިބުނު ނަމަ، އަހަރުމެން ދެ މީހުން ލޯބި ވެސް ވީސްކަން ނޭނގެއެވެ. އެކަމަކު ކަންތައް ވެފައި އޮތީ އެހެނެއް ނޫނެވެ.
އަހަރުމެން ކިރިޔާ ވެސް ވާހަކަދައްކަނީ މީހުން ތެރޭގައި އުޅޭ އިރުއެވެ. މީހުންނަށް ފެންނަ ތަންތަނުގައެވެ. އެއީ އެކަކު ވެސް ރާވައިގެން ކުރާ ކަމެއް ނޫނެވެ. އުޅެން ޖެހޭނީ އެ ގޮތަށްހެން ހީވެގެން އެހެން އުޅެނީއެވެ. ކޮޓަރިއަށް ވަނުމަށް ފަހު އަހަރުމެންނަކީ ދަންނަ ބައެއް ނޫނެވެ. ގިނަ ވަގުތު ދެ މީހުން ތިބޭނީ ފޯނާކުޅޭށެވެ. ކޮޓަރީގައި ހުރި އެނދު ބޮޑުކަމުން ދެން މާ ބޮޑު ހުސް ތަނެއް ކޮޓަރިއަކު ނޯވެއެވެ. ހިނގާ އިރު ބައެއް ފަހަރު އެކަކު ކުރިމައްޗަށް ވެސް އަނެކަކަށް އެރެއެވެ. ބައެއް ފަހަރު އަންނަނީ ރުޅިއެެވެ. އަނެއްބައި ފަހަރު ހިނި ވެސް އާދެއެވެ. ސޮރީއޭ ވެސް ބުނަމެވެ. ކޮންމެ މީހަކު ވެސް ބަލަނީ އަނެކަކަށް ނުފެނި އުޅެވޭތޯއެވެ.
ހައިޝަމްއަކީ ލުއިކާގެ ބޮޑު މީހެކެވެ. ލިންޓް ޗޮކުލެޓާއި، ޕޮޓޭޓޯޗިޕްސްއާއި، އޯރިޔޯ ބިސްކޯދަކީ ހައިޝަމްގެ އެންމެ މަގުބޫލު ކެއުމެވެ. އަހަންނަށް ވެސް އެއީ ހަމަ މަރެކެވެ. ކިހާ އެހެން ކަހަލަ އިއްތިފާގެއް ހެއްޔެވެ؟ އެހެންނަމަވެސް އެ ގެއަކީ، އަހަރެންގެ ގެ ފަދައިން އެ ފަދަ ކާއެއްޗެހި ވެއްދުން މަނާ ގެއެކެވެ. އަހަރެން ގޮތަށް ހައިޝަމް ވެސް ލުއިކާ ހިފައިގެން ވަންނަނީ ކޮޓަރިއަށެވެ. އަހަރުމެން ތަފާތުވަނީ އެ ހިސާބުންނެވެ. އަހަރެން ކާ އިރު ކޮޓަރިޔަކަށް ނޭޅޭނެއެވެ. ހައިޝަމްއަކީ އެ ވަރަށް ބަލާ މީހެއް ނޫނެވެ. ނަތީޖާއަކަށްވީ ކޮޓަރީގައި ހިނިއުޅެން ފެށުމެވެ. ކިތަންމެ ވަރަކަށް އަހަރެން ކޮޓަރި ސާފުކުރިޔަސް ހިނި މަދެއް ނުވެއެވެ. ހައިޝަމްއާ ހަތަރުކަޅި ހަމަކޮށްފައި އަހަރެން ވާހަކަދައްކަން ޖެހުނު ސަބަބަކީ އެއީއެވެ. ފުރަތަމަ އަހަރެން އުޅުނީ ވާހަކަނުދައްކާ އެ ކަން ހުއްޓުވާށެވެ.
އަހަރެން ކޮޓަރިއަށް ވަން އިރު ހައިޝަމް މުޅި ކޮޓަރި ހޯދަނީއެވެ. އޭނަ ހޯދަން އުޅޭ އެއްޗެއް ނުފެންނާނެއެވެ. އަހަރެން އަޅައިވެސް ނުލައި އެނދުގައި އިށީނދެފައި ފޯނާ ކުޅެން ފެށީމެވެ. އަހަރުމެން ދެ މީހުންގެ އިތުރުން އެހެން މީހަކު އެ ކޮޓަރިއަކަށް ނުވަންނާނެއެވެ. ވަކި ހިސާބަކުން ހޯދުން ހުއްޓައިލައިފައި އަހަންނާ ދިމާއަށް ބަލަހައްޓައިގެން ހައިޝަމް ހުންނަން ފެށިއެވެ. އަހަންނަކަށް ނުވެސް ފެނެއެވެ.
"ކޮންތާކަށް ލީ؟" ހައިޝަމް މަޑުމަޑުން އެހިއެވެ.
އަހަރެން އިވޭކަމަކަށް ނަހަދަމެވެ. ޖަވާބުދޭ ހިތެއް ނުވިއެވެ.
"އަހަރެން ނުފެންނަކަމަށް ހެދިގެން ތިހެން އިންނަން ހިދާއަށް ފަސޭހަތަ؟" އާދައިގެ ރާގެއްގައި ހައިޝަމް ބުންޏެވެ.
"މުޅި ކޮޓަރިއަށް ހިނިއެރީމަ ހައިޝަމަށް ފަސޭހަ؟" ހައިޝަމްއާ ދިމާއަށް ނުވެސް ބަލައި އަހަރެން އެހީމެވެ. "ކިތަންމެ ވަރަކަށް ހޯދިޔަސް އެޔެއް ނުފެންނާނެ. ކޮޓަރިއަށް ކާއެއްޗެހި ވައްދައިގެން ކާން ނޭނގެންޏާ ނުވައްދާ!"
އަހަރުމެންނަށް ވާހަކަދައްކަން ފެށުނީ ޒުވާބަކުންނެވެ. އެއީ ރަނގަޅު ފެށުމެއް ނޫނެވެ.
"ނުވައްދާށޭ؟ އައްދެ!" ހައިޝަމް ހައިރާންވެފައި ބުންޏެވެ. "މީ އަހަރެންގެ ކޮޓަރި."
"ރޯންގް!" ދެން ވެސް އަހަރެން ހައިޝަމްގެ މޫނަކަށް ނުބަލަމެވެ. "އަހަރުމެންގެ ކޮޓަރި."
"ވަޓްއެވަރ!" ފޫހި ރާގަކަށް ހައިޝަމް ބުންޏެވެ. "ކޮން ތާކަށް ލީ؟ ހަމަ މިހާރު ދައްކާ!"
"އަހަރެންގެ ބަނޑު ފަޅާލަން ޖެހޭނީ!" ކުޑަކޮށް ވެސް ހިނިނައިސް އަހަރެން ބުނެލީމެވެ.
"ވަޓް ދަ.." ތިންވަނަ ލަފުޒު ބުނަން ހައިޝަމް ހަނދާންނެތުނު ކަހަލައެވެ.
ހައިޝަމް ބުނި ގޮތުން އަހަންނަށް ހީވަނީ އޭނަ ހިނިއައިސްފައި ހުރިހެންނެވެ. އޭނަގެ މޫނަކަށް އަހަރެން ނުބަލަމެވެ. ބެލި ނަމަ އަހަރެން ގާތަށް ވެސް ހިނިއައީސްކަން ނޭނގެއެވެ. ކޮންމެއަކަސް، އެ ހާދިސާއަށް ފަހުގައި އަހަރުމެން ވާހަކަދައްކަން ފެށީމެވެ. ތެދަށް ބުނާ ނަމަ، އެއީ ވާހަކަދެއްކުމެއް ނޫނެވެ. ޒުވާބުކުރުމެވެ. އެކަކު ބޮލުގައި އަނެކަކު ތުހުމަތު އެޅުވުމެވެ. ކޮޓަރިއަށް ކާއެއްޗެހި ވެއްދުން ހައިޝަމް ހުއްޓައިލިއެވެ. ދެން ކުރަން ފެށި ކަމަކީ، އެނދުގެ ފައިލާ ކޮޅަށް ބޯ ލައިގެން ނިދަން ފެށުމެވެ. އަހަންނަކީ މޮޔައެއްހެން ފުރޮޅޭ މީހެކެވެ. ހައިޝަމްގެ މޫނުމަތީގައި ފައިން ޖެހިއްޖެއްޔާ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ އެންމެ ފަހުން އެ ކަމާ ވެސް ޒުވާބުކުރަން ޖެހުނެވެ. އަހަރުމެން ވާހަކަދައްކަނީ ބޭރަށް ނީވޭ ވަރަށެވެ.
"ތީ ދެން ކޮން ކަމެއް ހައިޝަމް؟" އަހަރެން ރުޅިއައިސްފައި ބުނީމެވެ. "ތި ވަރުން ދެން މެރީނުކުރި ނަމަ ނިމުނީނު."
"އަހަރެން ބޭނުމެއް ނޫނޭ މެރީކުރާކަށް،" އެނދުގައި އޮށޯވެގެން އޮވެ ހައިޝަމް ޒުވާބުކުރިއެވެ. "ހިދާގެ ޑެޑް އަހަރެންގެ ޑެޑްގެ ބޮލަށް އެރިގެން ކުރުވިކަމެއް މީ."
އަހަރެން ފުންމައިގެން ތެދުވެފައި، ދެފައި ވަށްކޮށްލައިގެން އިށީނދެލީމެވެ. ގަޔާވެގެން ޒުވާބުކޮށްލުމަށް ޓަކައެވެ.
"އޭ ހަލޯ!" އަހަރެން ބުނީމެވެ. "ހައިޝަމްގެ ޑެޑް އަހަރެންގެ ޑެޑްގެ ބޯކާލީ އިނގިއްޖެ! މަ ވެސް ބޭނުމެއް ނޫން މެރީކުރާކަށް."
"އަހަރެން ބޭނުމެއް ނޫން ރޫމްމޭޓަށް ވެގެން ވެސް އުޅޭކަށް،" ހައިޝަމް ބުންޏެވެ. "އިނަފް އިޒް އިނަފް."
"އެހެންވިއްޔާ ގޮސް ސިޓިންރޫމްގަ އޮވެބަލަ!" އަހަރެން ބުނީމެވެ. "ހައިޝަމްގެ ގެއެއްނު މީ. ކިޗަންގަ އޮންނަންވީނު."
"އެބަ އޮތް އައިޑިޔާއެއް،" ފުންމައިގެން ތެދުވަމުން ހައިޝަމް ބުންޏެވެ. "އެބަ އަންނަން."
ނުނިމޭ