ބްލެކް ފަންގަސްއަކީ ކޮވިޑާ ގުޅުން ހުރި އެއްޗެއް ނޫން
ބްލެކް ފަންގަސްއަކީ ކޮވިޑާ ގުޅުން ހުރި އެއްޗެއް ނޫން

ކޮވިޑް-19ގެ މުޅިން އާ ވައްތަރެއް، އިންޑިއާއިން އުފެދި ހަލުވިކަމާއެކު އެ ގައުމުގައި ފެތުރެމުން ދަނިކޮށް، ބްލެކް ފަންގަސް ޖެހޭ މީހުންގެ އަދަދު ވެސް، އިންޑިޔާގައި ކުއްލިއަކަށް އިތުރުވި އެވެ. އެއާ އެކު ގިނަ ބަޔަކަށް އަދިވެސް ގަބޫލުކުރެވެނީ، މިއީ ކޮވިޑް-19ގެ އިންޑިއާ ވޭރިއަންޓާ އެކު އުފެދި ފެތުރެމުންދާ ބައްޔެއް ކަމަށެވެ.

ނަމަވެސް، އިނގިރޭސިވިލާތުގެ ސައެންސްވެރިން ވިދާޅުވާ ގޮތުގައި، ބްލެކް ފަންގަސް ނުވަތަ މިއުކޯމައިކޯސިސް އަކީ، ކޯވިޑް-19 އަށް ވުރެ މާ ދޮށީ އެއްޗެކެވެ. އަދި އެ ބެކްޓީރިއާ އިންސާނުންގެ ހަށިގަނޑުގައި އުޅޭތާ އެތައް ހާސް އަހަރެއް ވެދާނެ އެވެ.

އިނގިރޭސިވިލާތުގެ ލެންކެސްޓާ ޔުނިވަސިޓީގެ މެޑިސިން ފެކަލްޓީގައި ވައިރަސް ދިރާސާކުރައްވާ ޓީމުގައި ހިމެނޭ ޑރ. މުހައްމަދު ރަހީމް ވިދާޅުވާ ގޮތުގައި ބްލެކް ފަންގަސް، އިންސާނާގެ ހަށިގަނޑުގައި އުޅުނަސް، ގިނަ ފަހަރަށް އެއީ ހަށިގަނޑަށް އެއްވެސް ގެއްލުމެއް ދޭ އެއްޗެއް ނޫނެވެ.

އިންސާނާގެ ހަށިގަނޑުގައި، ގެއްލުންދޭ ބެކްޓީރިއާ އާއި ފައިދާހުރި ބެކްޓީރިއާ އުޅޭއިރު، ވަރަށް މަދު ހާލަތެއްގައި ނޫނީ ބްލެކް ފަންގަސް ހިމެނިފައިވަނީ، ހަށިގަޑަށް ފައިދާ ހުރި ބެކްޓީރިއާއެއްގެ ގޮތުގަ އެވެ.

ބްލެކް ފަންގަސް އަކީ އިންސާނާގެ ހަށިގަނޑަށް ގެއްލުން ދެނިވި ބެކްޓީރިއަކަށް ވަނީ، ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށިވެގެންދާ އިރު ނުވަތަ ދިފާއީ ނިޒާމަށް ބޮޑު ގެއްލުމެއް މެދުވެރިވާ ހާލަތްތަކުގެ ތެރެއިން ވެސް ވަރަށް މަދު ފަހަރެއްގަ އެވެ.

އެނޫން ހުރިހާ ހާލަތެއްގައި ވެސް، ބްލެކް ފަންގަސް އާއި، ހަށިގަނޑަށް ގެއްލުމެއް ދީފާނެހެން ހީވާ ހުރިހާ ބާވަތެއްގެ ބެކްޓީރިއާތައް ހުންނަނީ، ހަށިގަނޑުގެ ދިފާއީ ނިޒާމުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގަ އެވެ.

ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށިވާ ބައެއް ހާލަތްތަކުގައި، ބްލެކް ފަންގަސްގެ ބެކްޓީރިއާތަކަށް ދިރުން ލިބި، ހަށިގަނޑާ ދެކޮޅަށް މަސައްކަތް ފަށަ އެވެ.

ނަމަވެސް، ކޯވިޑް-19ގެ ވަބާއިން ފަހުން އުފެދުނު ބާވަތްތައް ކަމަށްވާ، އިންޑިއާ ވޭރިއަންޓާއި އިނގިރޭސި ވޭރިއަންޓް އަދި ބްރެޒީލް ވޭރިއެންޓްގައި، ބައެއް މީހުންގެ ހަށިގަނޑުގެ ދިފާއީ ނިޒާމަށް ބޮޑު ގެއްލުންތަކެއް ލިބޭ ގޮތް މެދުވެރިވެ އެވެ. އެހެންވުމުން، ހަށިގަނޑުގެ ދިފާއީ ނިޒާމުގެ ގާބިލުކަން ދަށްވެ، ގެއްލުންދޭ ބެކްޓީރިއާތަކާ ދެކޮޅަށް އެކަށީގެންވާ މަސައްކަތެއް ނުކުރެވުމުން، އެފަދަ ބެކްޓީރިއާތައް، ދިފާއީ ނިޒާމުގެ މައްޗަށް ގަދަވެގަތުމުގެ ފުރުސަތު ލިބެ އެވެ.

މިއީ ހަމައެކަނި ކޮރޯނާ ޖެހުމުން ހަށިގަނޑަށް މެދުވެރިވާ ކަމެއް ނޫނެވެ. ރޯގާގެ ކޮންމެ ބާވަތެއް ޖެހިގެން ވިޔަސް، ހަށިގަނޑުގެ ދިފާއީ ނިޒާމު މާބޮޑަށް ބަލިކަށިވެއްޖެ ނަމަ، ބްލެކް ފަންގަސް ފަދަ ބެކްޓީރިއާތައް ހަށިގަނޑަށް ގެއްލުން ދިނުމުގެ ފުރުސަތު އޮންނާނެކަމަށް ޑރ. މުހައްމަދު ރަހީމް ވިދާޅުވެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބްލެކް ފަންގަސްގެ ކިތަންމެ ބާވަތެއް، ހަށިގަނޑަށް ގެއްލުންދެ އެވެ. އޭގެ ތެރެއިން، އިންސާނާގެ ހަންގަނޑުގެ ޒަރީއާއިން ޖެހޭ ބްލެކް ފަންގަސްގެ ސަބަބުން، ލޮލުގައި އެ ފަންގަސް އާލާވެ އެވެ.

އަދި ހަޖަމުކުރުމުގެ ނިޒާމުގެ ޒަރީއާއިން ބްލެކް ފަންގަސް ޖެހުމުން، ބޭރަށްހިންގުން ޖެހެ އެވެ. އަދި ،އިންފެކްޝަނެއްގެ ޒަރީއާއިން ބްލެކް ފަންގަސް ޖެހުމުން، ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ވެސް ގެއްލުން ލިބެ އެވެ.

އިންޑިޔާގެ ކަމާ ބެހޭ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އެ ގައުމުގައި ކޮވިޑް ޖެހޭ މީހުންގެ މެދުގައި ބްލެކް ފަންގަސް އާންމުވެގެން ދިޔައީ، ކޮވިޑްގައި ހާލު ބޮޑުވާ މީހުންނަށް އޮކްސިޖަން ދިނުމުގައި، ނުސާފު އޮކްސިޖަން ބޭނުންކުރެވިފައި ހުރުމުންނެވެ. ކޮވިޑް ބަލިން ފަސޭހަވެފައިވާ މީހުންގެ މެދުގައި ވެސް، ބްލެކް ފަންގަސް ދަނީ ފެތުރެމުންނެވެ.