25 މެއި 2021 - 16:31

މެންޗެސްޓާ (25 މެއި) - ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ރެފްރީކަން ކުރާ، ސްޕެއިންގެ ރެފްރީ، އެންޓޯނިއޯ މަޓޭއޫ ލާހޯޒް އާ މެދު ނުވިސްނާ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ބުނެފި އެވެ.
އަންނަ އާދިއްތަ ދުވަހުގެ ރޭ، ސިޓީ އާއި ޗެލްސީ ކުޅޭ ފައިނަލު މެޗަށް، ޔޫއެފާއިން ހަމަޖެއްސި ލާހޯޒް އަކީ ގާޑިއޯލާއަށް މީގެ އަދަބު ދިން ރެފްރީ އެވެ. އަދި ލާހޯޒް އާ ދެމެދު ގާޑިއޯލާ ވެސް މީގެ ކުރިން ހިތްހަމަނުޖެހުން ފާޅު ކޮށްފަ އެވެ.
ލާހޯޒް ވަނީ، ޗެމްޕިއަންސް ލީގުގައި، ތިން މެޗެއްގައި ސިޓީ އާ ދެކޮޅަށް ޕެނަލްޓީ ދީފަ އެވެ. އަދި 2018 ވަނަ އަހަރު ކުއާޓާ ފައިނަލުގައި ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުގައި ގާޑިއޯލާ ބެންޗުން ފޮނުވާލީ ވެސް ލާހޯޒް އެވެ. އޭގެ ކުރީ އަހަރު ޗެމްޕިއަންސް ލީގުގެ ކްއާޓާ ފައިނަލުގައި މޮނާކޯ އާ ދެކޮޅަށް ސިޓީ ކުޅުނު މެޗުގައި، މޮނާކޯގެ ޕެނަލްޓީ އޭރިއާ ތެރެއިން މޮނާކޯގެ ކީޕަރު ޑެނިއަލް ޝުބަޝިޗް އާއި ސިޓީގެ ސާޖިއޯ އަގުއޭރޯ އެއްފަހަރާ ބޯޅައަށް މަސައްކަތް ކުރުމުގެ ތެރޭގައި އަގުއޭރޯ އޭރިއާ ތެރެއަށް ވެއްޓުނެވެ. ނަމަވެސް ލަހޯޒް ނިންމީ އަގުއޭރޯ ގަސްތުގައި ވެއްޓުނު ކަމަށެވެ.
ފައިނަލުގެ ކުރިން ގާޑިއޯލާ ހުރީ ލާހޯޒް އާ މެދު ހިތްސާފު ކޮށްގެންނެވެ. ޗެމްޕިއަންސް ލީގުގައި ލަހޯޒްގެ ފުރަތަމަ ފައިނަލު މެޗުގައި ސިޓީ ކުޅޭ މެޗަކަށް ލަހޯޒް ނެރުމަކުން ގާޑިއޯލާ ކަންބޮޑެއް ނުވެ އެވެ.
އޭނާ ބުނީ، މެޗަށް ނެގި ރެފްރީންނާ މެދު ކުޑަ ހިނދު ކޮޅަކަށްވެސް ނުވިސްނާ ކަމަށެވެ.
"އަހަރެމެންގެ މުޅި ޓީމު އޮތީ. މެޗަށް މޯޓީވޭޓް ވެފަ. އަހަރެން މިހުރީ މޯޓިވޭޓް ވެފަ. ސިކުންތު ކޮޅަކަށްވެސް އެހެން ކަމަކާމެދު ނުވިސްނަން."
ތޯމަސް ޓުޗެލް ޗެލްސީގެ ކޯޗް ކަމާ ހަވާލުވި ފަހުން އޭނާ ވަނީ، ސިޓީ ދެ ފަހަރަށް ބަލިކޮށްފަ އެވެ.