ޖޭއެސްސީ ޖަލްސާގެ ކޯރަމް ހަމަނުވާތީ ހައި ކޯޓަށް ފަނޑިޔާރުން އައްޔަން ނުކުރެވިފައި
ޖޭއެސްސީ ޖަލްސާގެ ކޯރަމް ހަމަނުވާތީ ހައި ކޯޓަށް ފަނޑިޔާރުން އައްޔަން ނުކުރެވިފައި

ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ ދެ މަގާމަށް ބޭފުޅުން އައްޔަން ކުރުން ލަސްވަނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ޖަލްސާގެ ކޯރަމް ހަމަނުވާތީ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.

ހައި ކޯޓުގެ ބެންޗުން ހުސްވެފައިވާ ދެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު މިދިޔަ ސެޕްޓެމްބަރު މަހު ކުރީކޮޅު ހަމަވެ، އޭގެ ފަހުން ދެ މަސް ވެފައިވާއިރު އަދިވެސް އެ ދެ މަގާމަށް ބޭފުޅުން އައްޔަނެއް ނުކުރެ އެވެ. އެ ދެ މަގާމަށް އަށް ބޭފުޅަކު ވަނީ ކުރިމަތިލައްވައިފަ އެވެ.

ޖޭއެސްސީގެ މީޑިއާ އޮފިޝަލް ހަސަން ޒަހީން ވިދާޅުވީ ފަނޑިޔާރު ކަމަށް އައްޔަން ކުރާނެ ބޭފުޅުން ކަނޑައެޅުން ލަސްވަނީ އެ ކޮމިޝަންގެ ޖަލްސާގެ ކޯރަމް ހަމަނުވާތީ ކަމަށެވެ.

"ކޯރަމް ހަމަނުވާތީ ޖަލްސާ ނުބޭއްވިގެން އެކަމުގައި ގޮތެއް ނުނިންމެނީ. ކޮންމެ ހަފުތާއަކު ހޯމަ އަދި ބުދަ ދުވަހު ޖަލްސާ މި އޮންނަނީ،" ޒަހީން ވިދާޅުވި އެވެ.

ޖޭއެސްސީގެ ހިންގާ ގަވާއިދު ބުނާ ގޮތުން އެ ކޮމިޝަންގެ ޖަލްސާއެއް ބޭއްވޭނީ ދެ ބައިކުޅަ އެއް ބަޔަށް ވުރެ ގިނަ މެމްބަރުން ތިބެގެންނެވެ. އެކި ދާއިރާތަކުން 10 މެމްބަރުން ތިބޭ ކޮމިޝަންގެ އެއް މަގާމު މިވަގުތު އޮތީ ހުސްކޮށެވެ. އެއީ ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ކޮމިޝަނަށް ކަނޑައެޅި ފަނޑިޔާރު އަބްދުﷲ ހަމީދުގެ މެމްބަރުކަމުގެ ދައުރު ހަމަވުމުންނެވެ.

ހައި ކޯޓު ފަނޑިޔާރުންގެ ބެންޗުން ދެ މަގާމު ހުސްކޮށް އޮތުމުން އެ ކޯޓުގެ އުތުރު ގޮފީގެ މަސައްކަތް ވެސް އޮތީ ނުފެށިފަ އެވެ. ހދ. ކުޅުދުއްފުށީގައި ގާއިމްކުރާ އެ ގޮތްޕަށް ތިން ފަނޑިޔާރުން ކަނޑައެޅެން އަންނަނީ ހުސްވެފައިވާ ދެ މަގާމަށް ބޭފުޅުން އައްޔަން ކުރުމުންނެވެ.

ނުވަ ފަނޑިޔާރުން ތިބެން ޖެހޭ ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ދެ މަގާމު ހުސްވީ އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި ޑރ. އަޒްމިރަލްދާ ޒާހިރު ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވުމާއި ފަނޑިޔާރު އައްބާސް ޝަރީފް ފަނޑިޔާރުކަމުން ރިޓަޔާކުރެއްވުމުންނެވެ.

މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 54،000ރ. ލިބޭ ހައި ކޯޓުގެ ފަނޑިޔާރުގެ މަގާމަށް މިފަހަރު ގިނައިން ކުރިމަތިލެއްވީ ސިވިލް ކޯޓުގެ ގާޒީންނެވެ.