މެލޭޝިޔާގައި ދެ ރޭލެއް މުޑިއަރައި 200 މީހުން ޒަހަމްވެއްޖެ
މެލޭޝިޔާގައި ދެ ރޭލެއް މުޑިއަރައި 200 މީހުން ޒަހަމްވެއްޖެ

މެލޭޝިޔާގައި ކަރަންޓުން ދުއްވާ ދެ ރޭލެއް، ރޭގައި މުޑިއަރައި، 200 އަށް ވުރެ ގިނަ މީހުން ޒަހަމްވެއްޖެ އެވެ.

އެ ގައުމުގެ ކަމާ ބެހޭ އިދާރާތަކުން ބުނި ގޮތުގައި މެލޭޝިޔާގެ ޕެޓްރޯނަސް ޓަވަރާ ކައިރި ހިސާބެއްގެ ބިންގަރާސް މަގެއްގައި، މުޑިއެރީ 213 ފަސިންޖަރުން ގޮވައިގެން ދަތުރުކުރި ރޭލަކާއި، މަރާމާތު ކުރުމަށް ފަހު އަޖުމަ ބެލުމުގެ ގޮތުން ދުއްވި ހުސް ރޭލެކެވެ. މިއީ މެލޭޝިޔާގެ ކަރަންޓު ރޭލު ވިއުގައިގެ 23 އަހަރުވީ ތާރީޚުގައި ހިނގި މިފަދަ ފުރަތަމަ ހާދިސާ އެވެ.

މި ހާދިސާ ހިނގިއިރު އެއް ރޭލު ދަތުރުކުރީ ގަޑިއަކު 20 ކިލޯމީޓަރު ބާރުމިނުގައި ކަމަށާއި އަނެއް ރޭލު ދަތުރުކުރީ ގަޑިއަކު 40 ކިލޯމީޓަރު ބާރުމިނުގައި ކަމަށް، މެލޭޝިޔާގެ ޓްރާންސްޕޯޓް މިނިސްޓަރު ވީ ކާ ސިއޯންގް ވިދާޅުވި އެވެ. ދެ ރޭލު މުޑިއެރުމުގެ ސަބަބުން، ބައެއް ދަތުރުވެރިން އެ މީހުން އިށީނދެ ތިބި ގޮނޑިތަކުން ވިއްސައިގެން ގޮސް، އެހެން ގޮނޑިތަކުގަ އާއި ރޭލުގެ ދެ ފަރާތު ބިތްގަނޑުގައި ޖެހި ބޮޑެތި އަނިޔާތަކެއް ލިބުނެވެ.

ފެޑެރަލް ޓެރިޓަރީ މިނިސްޓަރު އަންވަރު މޫސާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޒަޚަމްވި ދަތުރުވެރިންގެ ތެރެއިން ނުރައްކާތެރި ހާލަތެއްގައި ތިބީ ތިން މީހުން ކަމަށެވެ. ނަމަވެސް 40 އަށް ވުރެ ގިނަ ދަތުރުވެރިންނަށް ބޮޑެތި ޒަޚަމްތަކެއް ލިބިފައިވެ އެވެ. ދެން ތިބި މީހުންނަށް ލިބިފައިވަނީ ކުދިކުދި ޒަޚަމްތަކެކެވެ.

މި ހާދިސާ ވަރަށް ރަނގަޅަށް ތަހުގީގު ކުރުމަށް، ބޮޑުވަޒީރު މުހްޔިއްދީން ޔާސީން ވަނީ ފުލުހުންނަށް އަންގަވައިފަ އެވެ. ފުލުހުން ތުހުމަތުކުރާ ގޮތުގައި ދެ ރޭލު މުޑިއެރީ ރޭލުގެ ކޮންޓްރޯލް ސެންޓަރަށް އެރި އޮޅުމަކުންނެވެ.

ދަތުރުވެރިންނާ ނުލައި ދުއްވި ހުސް ރޭލުގައި ޑްރައިވަރެއް އިނެވެ. ނަމަވެސް ދަތުރުވެރިން ގޮވައިގެން ދަތުރުކުރި ރޭލަކީ ފުލް އޮޓަމެޓިކް ރޭލަކަށް ވާތީ، އެ ރޭލު ދުއްވަމުން ދިޔައީ ޑްރައިވަރަކާ ނުލައި، ކޮންޓްރޯލް ސެންޓަރުންނެވެ.

މި ހާދިސާ ހިނގުމާ ގުޅިގެން، ރޭލު ދަތުރުތަކަށް ބުރޫ އެރިޔަސް، މިއަދު ހެނދުނުން ފެށިގެން ރޭލު ދަތުރުތައް ވަނީ އަލުން ފަށައިފަ އެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން، މެލޭޝިޔާގެ މެޓްރޯ ރެއިލް ވިއުގައިގެ ނިޒާމު ބޭނުންކޮށްގެން، ކޮންމެ ދުވަހަކު ގާތްގަނޑަކަށް 350،000 މީހުން ދަތުރުކުރެ އެވެ. ނަމަވެސް ކޮވިޑްގެ ސަބަބުން ރޭލު ދަތުރުތަކުގައިވެސް ގައިދުރުކަން ދަމަހައްޓަންޖެހޭތީ، ދަތުރުކުރާ މީހުންގެ އަދަދު މިހާރު ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ.