އިޒްރޭލުން ގާޒާގެ ރައްޔިތުންނަށް ވަގުތީ ލުއިތަކެއް
އިޒްރޭލުން ގާޒާގެ ރައްޔިތުންނަށް ވަގުތީ ލުއިތަކެއް

މި މަހުގެ 10 އިން 21 އަށް، އިޒްރޭލުން ދިން އުދުވާނީ ހަމަލާތަކުގައި ސުންނާފަތި ވެފައިވާ ގާޒާ އަށް ބޭނުންވާ ޒަރޫރީ ސާމާނު އެތެރެކުރުމަށް ޖާގަ ދިނުމުގެ ގޮތުން، މިސްރާއި ގާޒާ ގުޅޭ އިމުގައިވާ، ކަރަމް އަބޫ ސާލިމް ދޮރޯށި (ކްރޮސިން) އިޒްރޭލުން ހުޅުވާލައިފި އެވެ.

އިޒްރޭލުން އިއްޔެ ބުނީ، މިސްރުން ގާޒާ އަށް ފޮނުވާ ތެލުގެ ބާވަތްތަކާއި ކާބޯތަކެތި، މިއަދުން ފެށިގެން ގާޒާ އަށް އެތެރެކުރުމަށް ފުރުސަތު ލިބޭނެ ކަމަށެވެ. ގާޒާގެ އެންމެ އުތުރުކޮޅުން އިޒްރޭލާ ގުޅޭ އިމުގައިވާ ބައިތު ހާނޫން ދޮރޯށި ވެސް، މިއަދުން ފެށިގެން ހުޅުވައިލާނެ ކަމަށް އިޒްރޭލުން ބުނެ އެވެ.

ބައިތު ހާނޫން ދޮރޯށި ހުޅުވައިލަނީ، ބައިނަލްއަގްވާމީ އެހީ ދޭ ޖަމިއްޔާތަކުގެ މުވައްޒަފުންނާއި ބޭރުގެ ނޫސްވެރިން ގާޒާ އަށް ވަނުމަށެވެ.

ގާޒާގެ ރައްޔިތުންނަށް ދޭ އިތުރު ލުޔެއްގެ ގޮތުން، ގާޒާގެ އައްސޭރިފަށުން ހަ މޭލުގެ ސަރަހައްދަކުން، މެޑްޓެރޭނިއަން ކަނޑަށް ނުކުމެ މަސްވެރިކަން ކުރުމަށް ވެސް، މިއަދުން ފެށިގެން ހުއްދަ ލިބޭނެ ކަމަށް އިޒްރޭލުން ބުނެ އެވެ.

ގާޒާ އަށް ވަދެވޭ ދޮރޯށިތައް ހުޅުވައިލި ނަމަވެސް، ގާޒާ އަށް ގެންދާ ކޮންމެ އެއްޗެއް ގެންދަން ޖެހޭނީ ފަލަސްތީނު ސަރުކާރަށް ކަމަށާއި އެއްވެސް އެއްޗެއް ހަމާސް ޖަމާއަތާ ހަވާލުކޮށްގެން ނުވާނެ ކަމަށް، އެހީދޭ ޖަމާއަތްތަކަށް އިޒްރޭލުން ވަނީ އަންގައިފަ އެވެ. އެހީގެ ގޮތުގައި ގާޒާއަށް އެތެރެވާ ކޮންމެ އެއްޗެއް ބޭނުންކުރަން ޖެހޭނީ، ގާޒާ އަލުން އާރާސްތުކުރުމަށް ކަމަށާއި، އިޒްރޭލަށް ނުރައްކާވެދާނެ ފަދަ އެއްވެސް ކަމަކަށް، އެފަދަ އެއްޗެއްގެ ބޭނުން ހިފައިގެން ނުވާނެ ކަމަށް ވެސް އިޒްރޭލުން ވަނީ އަންގައިފަ އެވެ.

ގާޒާއަށް އިންސާނީ އެހީތެރިކަމުގެ ސާމާނު އެތެރެކުރަން އިޒްރޭލުން ފުރުސަތު ދިން އިރު، ހަމަލާ ބަދަލުކުރުން ހުއްޓައިލުން އެ ގޮތުގައި ދެމެހެއްޓުމާ ބެހޭ ގޮތުން، އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި މިސްރުގެ ރައީސް އަބްދުލް ފައްތާހު އައްސީސީ، އިއްޔެ ވަނީ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވައިފަ އެވެ. ދެ ބޭފުޅުންގެ މަޝްވަރާގައި، ގާޒާ އަލުން އާރާސްތުކުރުމާ ބެހޭ ގޮތުންނާއި، މެދުއިރުމަތީގައި ސުލްހަ ގާއިމުކުރުމާ ބެހޭ ގޮތުން ވެސް ވާހަކަފުޅު ދެއްކެވި ކަމަށް މިސްރުގެ ރިއާސީ ގަނޑުވަރުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ގާޒާގެ ހެލްތު މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ބުނާ ގޮތުން، މެއި މަހުގެ 10 އިން 21 އަށް އިޒްރޭލުން ދިން އުދުވާނީ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ޖުމުލަ އަދަދަކީ 253 އެވެ. އޭގެ ތެރޭގައި 66 ކުޑަކުދިންނާއި 39 އަންހެނުން ހިމެނެ އެވެ. މީގެ އިތުރުން 1948 މީހަކު ޒަޚަމްވި އެވެ.