ކޮވިޑް-19: ރާއްޖެ އިން ޕާކިސްތާނަށް ދަތުރުކުރުން މަނާކޮށްފި
ކޮވިޑް-19: ރާއްޖެ އިން ޕާކިސްތާނަށް ދަތުރުކުރުން މަނާކޮށްފި

މާދަމާ އިން ފެށިގެން ރާއްޖެ އިން ޕާކިސްތާނަށް ދަތުރުކުރުން ދިވެހި ސަރުކާރުން މަނާކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރުނު ސާކިޔުލާއެއްގައި ބުނީ، ކޮވިޑް-19އާ ގުޅިގެން ޕާކިސްތާނުން ގައުމުތައް ރޭޓުކުރާ ކެޓަގަރީގެ "ސީ" އަށް ރާއްޖެ ވެއްޓިފައިވާ ކަމަށް ޕާކިސްތާނުގެ އެމްބަސީން އެ މިނިސްޓްރީ އަށް އަންގާފައިވާ ކަމަށެވެ. އެހެންވެ، މާދަމާ އިން ފެށިގެން ޕާކިސްތާނުން ރާއްޖެ އަށް މީހުން ދަތުރުކުރުން މަނާވާނެ ކަމަށް ސާކިއުލާގައި ވެ އެވެ.

ރާއްޖެ އިން ޕާކިސްތާނަށް ދަތުރުކުރުން މަނާކުރި ނަމަވެސް،، ރާއްޖޭގައި މިވަގުތު ތިބި ޕާކިސްތާނުގެ މީހުންނަށް އެ ގައުމަށް ދަތުރު ކުރެވޭނެ އެވެ.

ޕާކިސްތާނުން މިގޮތަށް ނިންމީ، ވަކި މުއްދަތެއް ނެތް ގޮތަށެވެ. މިހާރު ހަމަޖައްސާފައިވާ ގޮތުން ނަމަ ޕާކިސްތާނުގެ ރައްޔިތުން ފިޔަވައި އެހެން ގައުމެއްގެ މީހަކަށް ރާއްޖެ އިން އެ ގައުމަށް ދެވޭނީ ޕާކިސްތާނުގެ ސަރުކާރުން ކަނޑައަޅާފައިވާ ކޮމިޓީގެ ހުއްދަ ލިބިގެންނެވެ.

ރާއްޖޭގެ ކެޓަގަރީ "ސީ" އަށް ޕާކިސްތާނުން ބަދަލުކޮށްފައި ވަނީ ރާއްޖޭގައި އަނެއްކާވެސް ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވަމުން ދާތީ އެވެ.

ކޮވިޑާ ގުޅިގެން، ދެކުނު އޭޝިއާގެ ޓޫރިސްޓުންނަށް ރާއްޖެ ނާދެވޭ ގޮތަށް ސަރުކާރުން ވަނީ ހަމަޖައްސައިފަ އެވެ.

މިހާތަނަށް ރާއްޖޭން 57،341 މީހުން އެ ބައްޔަށް ޕޮޒިޓިވްވެފައިވާއިރު އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 24،057 އަށް އަރައިފަ އެވެ. އަދި 142 މީހުން ވަނީ މި ބަލި ޖެހިގެން މިހާތަނަށް މަރުވެފަ އެވެ. މި މަހު އެކަނި ވެސް ކޮވިޑްގައި މަރުވި މީހުންގެ އަދަދު 60 އަށް ވުރެ ވަނީ މަތިވެފަ އެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަރަށް ގޯސްވުމުން މިހާރު ވަނީ އެ ބަލި އެންމެ ބޮޑަށް ފެތުރޭ މާލެ ސަރަހައްދު މާދަމާ އިން ފެށިގެން ލޮކްޑައުން ކުރަން ނިންމައިފަ އެވެ. ދެ ހަފުތާގެ މުއްދަތަށް އިއުލާން ކޮށްފައިވާ ލޮކްޑައުންގައި ކޮންމެ ދުވަހެއްގެ ހަވީރު ހަތަރަކުން އަނެއް ދުވަހުގެ އަށަކާ ހަމައަށް އޮންނާނީ ކާފިއު ހިންގައިފަ އެވެ. ކާފިއު ނޫން ގަޑިތަކުގައި ވެސް ކޮންމެހެން ކުރަންޖެހޭ ކަންކަން ކުރަން ގެއިން ބޭރަށް ދެވޭނީ ފުލުހުން ދޫކުރާ ހާއްސަ ފާހެއް ހިފައިގެންނެވެ. ކޮންމެ ގެއަކަށް ދޫކުރަނީ ދެ ފާހެވެ.