25 މެއި 2021 - 12:23

އިންކަމް ސަޕޯޓް އެލަވެންސް ލިބުނު މީހުންގެ ޒާތީ މައުލޫމާތު އާއްމު ކުރިކަމަށް ބުނެ ފާޑުކިޔުން އިތުރުވުމާ އެކު، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މައާފަށް އެދިވަޑައިގެންފި އެވެ.
ފައްޔާޒަށް ފާޑުކިޔާފައިވަނީ އިިކޮނޮމިކް މިނިސްޓްރީގެ ޖޮބް ސެންޓަރުން އާއްމު ކުރި މައުލޫމާތު ރޭގެ ވަގިތެއްގައި އޭނާ ޓްވީޓު ކުރެއްވުމުންނެވެ. އޭނާ އާއްމު ކުރެއްވި ލިސްޓަކީ މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން އާއްމު ކުރަމުން އަންނަ ލިސްޓެކެވެ.
ޖޮބް ސެންޓަރުން ކޮންމެ މަހަކު އަޕްޑޭޓު ކުރާ މި ލިސްޓުގައި އެލަވެންސަށް އެދި ހުށަހަޅާފައިވާ މީހުންނާއި އެލަވެންސް ލިބޭ މީހުންގެ މައުލޫމާތު ހިމެނެ އެވެ. މީގެ ތެރޭގައި އެ މީހާގެ އައިޑީ ކާޑު ނަންބަރާއި ދާއިމީ އެޑްރެސް ވެސް ހިމެނެ އެވެ. އެހެންކަމުން އެ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުން ކޮށްފާނެ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފަ އެވެ.
ފާޑުކިޔުންތަކުގެ ސަބަބުން މިހާރު އެ ލިސްޓުން މީހުންގެ އައިޑީ ކާޑު ނަންބަރުތައް ވަނީ އުނިކޮށްފަ އެވެ. އަދި އެ ލިސްޓު އާއްމު ކުރެވުނީތީ ފައްޔާޒު ވަނީ މާފަށް އެދިވަޑައިގެންފަ އެވެ.
ފައްޔާޒު "މިހާރު" އަށް ވިދާޅުވީ ޖޮބް ސެންޓަރުން އަބަދުވެސް އެ މައުލޫމާތުތައް ހާމަ ކުރާ ކަމަށެވެ. އަދި އައިޑީކާޑުގެ މައުލޫމާތުތަކަކީ އިލެކްޝަންސް ކޮމިޝަނުން ވެސް ހާމަކުރާ މައުލޫމާތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ޖުލައި 2020 ގައި ޕަބްލިޝްކުރި ލިސްޓެއް އެއީ. އަޅުގަނޑު ހަމައެކަނި އެ ލިސްޓުގެ ލިންކް ޝެއާ ކޮށްލީ ރޭ. ޖޮބް ސެންޓަރުން ޕަބްލިޝް ކުރާނެ ހުރިހާ ޑީޓެއިލެއް. އަޕްޑޭޓް ވެސް ކުރާނެ ބަދަލުވާ ވަރަކަށް،" ފައްޔާޒު ވިދާޅުވި އެވެ.
ޖޮބް ސެންޓަރަކީ ވަޒީފާ ހޯދާ މީހުންނާއި ވަޒީފާ ދޭ ފަރާތްތައް އެއް ޕްލެޓްފޯމަކަށް ގެނައުމަށް އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހުޅުވާލި ސެންޓަރެކެވެ. ކޮވިޑް-19އާ ގުޅިގެން އާމްދަނީ އަށް އަސަރު ކުރާ މީހުންނަށް އެލަވެންސް ދެމުން އަންނަނީ ވެސް މި ސެންޓަރު މެދުވެރިކޮށްގެންނެވެ.
އިނަކަމް ސަޕޯޓް އެލަވެންސް ދޫކުރަނީ އެކަމަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން ވަޒީފާ ނެތް ކޮންމެ މީހަކަށް މަހަކު 5،000ރ. އެވެ. އަދި ވަޒީފާތަކުގައި އުޅޭ މީހުންގެ ތެރެއިން 5،000ރ، ނުލިބޭ މީހުންނަށް، އެލަވެންސް ލިބޭނީ މުސާރަ އާއި އެލަވެންސް އެއްކޮށްލުމުން 5،000ރ. އަށް ވާ އަދަދެވެ.