ސެކިއުރިޓީން އައިސްކްރީމް ބޯން ހަދައިގެން ޗެލްސީ ގަޑިޖެހިއްޖެ!
ސެކިއުރިޓީން އައިސްކްރީމް ބޯން ހަދައިގެން ޗެލްސީ ގަޑިޖެހިއްޖެ!

ލަންޑަން (25 މެއި) - ސްޓޭޑިއަމްގެ ސެކިއުރިޓީ އޮފިޝަލުން އައިސްކްރީމް ބޯން ތިބުމުން، ޗެލްސީގެ ބަހަށް ސްޓޭޑިއަމަށް ނުވަދެވި ލަސްވި މައްސަލަ ޗެލްސީން ޕްރިމިއާ ލީގުގައި ޖައްސައިފި އެވެ.

ޕްރިމިއާ ލީގުގެ ފަހު މެޗުގައި، އެސްޓަން ވިލާ އާ ދެކޮޅަށް، ވިލާ ޕާކުގައި ކުޅުނު މެޗަށް ދިޔަ ޗެލްސީގެ ޓީމުގެ ބަސް ސްޓޭޑިއަމަށް ދިޔައިރު ޗެލްސީގެ ޓީމަށް އެހީވާން ވިލާގެ ސްޓޭޑިއަމްގައި ތިބި ސެކިއުރިޓީ އޮފިޝަލުން ތިބީ އައިސް ކްރީމް ބޯށެވެ. ސްޓޭޑިއަމަށް ޓީމު ވަނުމުގައި ސެކިއުރިޓީ އެހީތެރިން އެއްބާރުލުން ނުދިނުމުން ޗެލްސީގެ ޓީމަށް ސްޓޭޑިއަމަށް ވަދެވުނީ ކަނޑައެޅިފައިވާ ވަގުތަށް ވުރެ ލަހުންނެވެ.

އިނގިރޭސި މީޑިއާތަކުން ބުނާ ގޮތުގައި، ދަނޑުގައި ތިބި ސެކިއުރިޓީން، ޗެލްސީގެ ބަސް ސްޓޭޑިއަަމަށް ވަނުމުގެ ހުއްދަ ނުދިނީ ވިލާ ޕާކުގެ ސެކިއުރިޓީ ހެޑްގެ ހުއްދަ ނުލިބި އޮތުމުންނެވެ. ސެކިއުރިޓީން ތިބީ ދަނޑު ބޭރުގައި، އައިސްކްރީމް އާއި ރޭސްބެރީ ސޯސް ކާށެވެ.

ދި އެތުލެޓިކް ނޫހުން ބުނީ، މެޗު ފެށުމުގެ ކުރިން ޗެލްސީން މައްސަލަ މެޗު ކޮމިޝަނަރާ ހަމައަށް ގެންދިޔަ ކަމަށެވެ.

އެ މެޗުން ޗެލްސީ ބަލިވީ 2-1 ންނެވެ. އެހެންނަމަވެސް. އެ ޓީމަށް ޗެމޕިންސް ލީގުގެ ޖާގަ ލިބުނެވެ. އެއީ ޓޮޓެންހަމް އަތުން ލެސްޓާ ސިޓީ ބަލިވުމުންނެވެ.