25 މެއި 2021 - 08:24

ރާއްޖޭގެ ކުރީގެ ރަދުން އައްސުލްތާން ހަސަން ނޫރައްދީންގެ ދަރިކަލުން މުހައްމަދު ނޫރައްދީން، އުމުރުފުޅުން 89 އަހަރުގައި މިއަދު އަވަހާރަވެއްޖެ އެވެ.

މުހައްމަދު ނޫރައްދީނަކީ ރާއްޖޭގެ ރަދުންގެ ދަރިދަރިކަލުންގެ ތެރެއިން އެންމެ ފަހަށް ހުންނެވި ބޭފުޅާ އެވެ.
އަމީރް މުހައްމަދު ނޫރައްދީން އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ފަހުންނެވެ. އަވަހާރަވީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.
މުހައްމަދު ނޫރައްދީންގެ ބައްޕާފުޅު ހަސަން ނޫރައްދީން (ދެ ވަނަ) ރާއްޖޭގެ ރަސްކަން ކުރެއްވީ 1935 އިން 1943 އަށެވެ. ހަސަން ނޫރައްދީ ރަސްކަމަށް އިސްކުރެވުނީ އޭގެ ކުރިން ރަސްކަމުގައި ހުންނެވި ސުލްތާން މުހައްމަދު ޝަމްސުއްދީން (ތިން ވަނަ) ރަސްކަމުން ދުރުކުރުމާއި ގުޅިގެން ފެބްރުއަރީ 21، 1935 ގަ އެވެ. ރަސްކަމަށް ކޮލި ލެވުނީ ޖުލައި 21، 1938 ގަ އެވެ. ރަސްކަމަށް ކޮލިލުމާއި ގުޅިގެން އެ ރަދުންގެ ކޮލި ނަންފުޅަކީ ކުލަ ސުންދުރަ ކަންތިރި ބަވަނަ މަހާރަދުންނެވެ. ރާއްޖޭގައި ރަސްކަމުގެ އިއްޒަތް ފުރިހަމަ ކުރުމުގެ ގޮތުން އެންމެ ފަހުން ކޮލިލާފައިވަނީ މިރަދުންނަށެވެ.
ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަން 2011 ވަނަ އަހަރު ސަރުކާރުން އަރުވާފައިވާ ނޫރައްދީން މެދުކެނޑުމެއް ނެތި 53 އަހަރު ސަރުކާރަށް ހިދުމަތް ކުރައްވާފައިވެ އެވެ.
ޖުލައި 25، 1954 ގައި ވުޒާރަތުއް ތިޖާރާ ވައްތަމްވީނުގެ ކާތިބުކަމުން ސަރުކާރުގެ ޚިދްމަތް ފެއްޓެވި ނޫރައްދީން ސަރުކާރުގެ ވަރަށް ގިނަ މަގާމުތައް އަދާކުރެއްވި އެވެ. އޭގެތެރޭގައި، ވުޒާރަތުލް އަވްގާފުގެ ސެކްރެޓަރީ ކަމާއި މަޙްކަމަތުލް ޚާރިޖިއްޔާގެ ސެކްރެޓަރީ ކަމާއި، މީޓިއޮޮރޮލޮޖިކަލް އޮފީހުގެ ވެރިޔާކަމާއި، މުނިސިޕަލްޓީގެ ރައީސްގެ ނައިބު ކަމާއި، މުނިސިޕަލް ކައުންސިލަށް ދާޚިލިއްޔާ އިން އައްޔަންކުރި މެންބަރުކަން ހިމެނެ އެވެ.
އަދި ވަޒީރުލް އައުޒަމްގެ އޮފީހުގެ ހާއްސަ ވަކީލު ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ޓްރޭޑް އެންޑް ޑިވެލޮޕްމަންޓުގެ ހާއްސަ ވަކީލު ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވަކީލު ކަމުގެ މަގާމާއި، ޑިޕާޓްމަންޓް އޮފް ފިނޭންސްގެ ވަކީލު ކަމުގެ މަގާމާއި، ނައިބު ކަމުގެ މަގާމު ވެސް އަދާކުރެއްވި އެވެ. މި ވަޒީފާތަކުގެ އިތުރުން މިނިސްޓަ އޮފް ހޯމްއެފެއާޒްގެ ނައިބު ކަމުގެ މަގާމާއި، މިނިސްޓަ އޮފް އެޑިޔުކޭޝަންގެ ނައިބު ކަމުގެ މަގާމާއި، ޑެޕިއުޓީ މިނިސްޓަ އޮފް ސްޓޭޓް ފޮ ރިލިޖަސް އެފެއާޒް ކަމުގެ މަގާމު ވެސް އަދާކުރެއްވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ނ. އަތޮޅުގެ މެންބަރުކަމާއި، ދ. އަތޮޅުގެ މެންބަރުކަމާއި، ގއ. އަތޮޅުގެ މެންބަރުކަން ވެސް އެ މަނިކުފާނު އަދާކުރެއްވި އެވެ.
ނޫރައްދީނަކީ ރައީސް އޮފީހުގެ ފޮރިން ރިލޭޝަންސް ސެކްރެޓަރީ ސަބްރާ އިބްރާހިމް ނޫރައްދީންގެ ކާފާފުޅެވެ. މުހައްމަދު ނޫރައްދީންގެ އަނބިކަނބަލުން ފާތިމަތު ނާސިރާ މިދިޔަ އޭޕްރީލް މަހު ވަނީ އުމުރުފުޅުން 87 އަހަރުގައި އަވަހާރަވެފަ އެވެ. ނާސިރާ އަކީ ކުރިން ވަޒީރުކަން ކުރެއްވި ސާހިބުއްސައާދަތު ކޮލިގޭ އުމަރު މަނިކުގެ ދޮށީ ދަރިކަނބަލުންނެވެ.