20 ނޮވެމްބަރ 2016 - 11:50

ރައްޔިތުންގެ މަޖިލީހަށް ފަހަކަށް އައިސް ހުށަހަޅާ ކަންކަމުގައި ތުލުސްދޫ ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އަށް ވާހަކަ ދެއްކުމުގެ ފުރުސަތު ނުދޭތީ އިދިކޮޅު ބައެއް މެމްބަރުންގެ ފާޑުކިޔުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހަށް މިއަދު އަމާޒުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސް ކުރަމުން ދިޔައީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށާއި ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލަށެވެ.
ދެ ބިލަށް ވާހަކަދެއްކުމުގެ ބަދަލުގައި ބައެއް މެމްބަރުން ފާޑު ވިދާޅުވީ މަސީހަށެވެ. އެ ވާހަކަތަކަށް ރައީސް އަބްދުﷲ ޔާމީން ފެކްޝަންގެ ޕީޕީއެމްގެ ބައެއް މެމްބަރުން ރައްދު ދެއްވައި ވިދާޅުވީ މަސީހު ކުރަައްވަމުން ގެންދަވަނީ އެހެން މެމްބަރަކަށް ނުކުރެއްވޭ ވަރުގެ ބުރަ މަސައްކަތްތަކެއް ކަމަށެވެ.
އިދިކޮޅު މެމްބަރުން ވިދާޅުވި ގޮތުގައި ޕީޕީއެމް މެމްބަރުންނާއި ވައްޑެއާ ދެމެދު ބޮޑެތި ތަފާތު ކުރުންތަކެއް ދަނީ ގެންގުޅެމުންނެވެ. އެ ގޮތުން ޕީޕީއެމް މެމްބަރުންނަށް ވާހަކަ ދައްކަވަން ގިނަ ވަގުތު ދީފައި، ވައްޑެއަށް އެކަށީގެންވާ ވަގުތު ނުދޭތީ އޭނާގެ ދިފާއުގައި އިދިކޮޅު މެމްބަރުން ތެދުވެންނެވި އެވެ. އަދި ވައްޑެ ވެސް އެކަން މަޖިލީހުގެ މެމްބަރުންގެ ސަމާލުކަމަށް ގެންނެވި އެވެ.
ޖަލްސާގައި ބިލަށް ބަހުސް ކުރައްވަން ވައްޑެއަށް ލިބިވަޑައިގެންނެވި ފުރުސަތުގައި އޭނާ ވިދާޅުވީ ވެރިކަން ކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީނަށް މިހާ ރަނގަޅު ފުރުސަތެއް ލިބިވަޑައިނުގަންނަވާނެ ކަމަށެވެ.
އެކަމަކު މަޖިލީހުގައި "ސުޕާ މެޖޯރިޓީ" އޮވެ ސަރުކާރާ މެދު ހިތްހަމަޖެހިގެން ތިއްބެވީ ކިތައް މެމްބަރުންތޯ އޭނާ ސުވާލު އުފެއްދެވި އެވެ. އަދި ސަރުކާރާ އެކު ތިއްބެވީ ޕީޕީއެމްގެ ވަރަށް މަދު އަދަދެއްގެ މެމްބަރުން ކަމަށާއި ގިނަ މެމްބަރުންގެ ތާއީދު ސަރުކާރަށް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަންގައި ހުންނެވި ވައްޑެއަށް ވާހަކަ ދައްކަވަން ލިބިވަޑައިގެންނެވީ އެންމެ 30 ވަރަކަށް ސިކުންތެވެ. އެހެންވެ، ނިޒާމީ މައްސަލަ ނަންގަވައި ވައްޑެ ވަނީ މަޖިލީހުގެ ގަވާއިދަށް އަމަލުކުރން ގޮވާލައްވައިފަ އެވެ.
"މަޖިލިސް ހިންގުމުގައި ގަވާއިދެއް އޮވޭ، (ޕީޕީއެމް) ޕީޖީ ލީޑަރު (އަހުމަދު ނިހާނު) ވިދާޅުވިތޯ އަޅުގަނޑަށް އެއް މިނެޓުތޯ ދޭން ޖޭހެނީ،" ވައްޑެ ސުވާލު ކުރެއްވި އެވެ.
އޭނާ ނެންގެވި އެ މައްސަލައާ ގުޅިގެން މަސީހު ވިދާޅުވީ ޕާޓީތަކުގެ މެމްބަރުންނަށް ވަގުތު ކަނޑައަޅަނީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުން ރިޔާސަތަށް އަންގަވާފައި އޮންނަ ގޮތެއްގެ މަތިން ކަމަށެވެ.
"ބައެއް ފަހަރު ވަކިވަކި މެމްބަރުންނަށް ދޭން ޖެހޭ މިނެޓް ވެސް އަންގަވާ، އެއީ ރިޔާސަތުން ކުރާނެ ކަމެއް ނޫން،" މަސީހު ވިދާޅުވި އެވެ.
އެކަން ގަބޫލުނުކުރައްވައި ވައްޑެ ވަނީ މަޖިލިސް ތަޅުމުގައި ގިނަ އިރުތަކެއް ވަންދެން އަޑުގަދަ ކުރައްވާ މަސީހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އަދި މަޖިލީހުގައި ގާނޫނުއަސާސީއާ ހިލާފަށް ކުރައްވަމުން ގެންދަވާ ހުރިހާ ކަމެއްގެ ޒިންމާ މަސީހު ނަންގަވަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މެދު ހެންވޭރު ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ އާޒިމް ވިދާޅުވީ ޕާޓީތަކުގެ މެމްބަރުންނަށް ވަގުތު ކަނޑައެޅުމުގައި އެ ޕާޓީން އެއްވެސް މެމްބަރަކާ މެދު ތަފާތުކުރުން ނުގެންގުޅޭ ކަމަށެވެ. އަދި މިއީ މަސީހު އަޑީގައި ހުންނަވައިގެން ކުރައްވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަސީހު ދިފާއުކުރައްވަމުން ގެމަނަފުށީ ދާއިރާގެ ޕީޕީއެމް މެމްބަރު ޖަމީލް އުސްމާން ވިދާޅުވީ އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތަށް މުޅި ގައުމުގެ ރައްޔިތުން ފަހުރުވެރިވާ ކަމަށެވެ. އަދި މަސީހާ 50 ފޫޓަށް ވެސް ކައިރި ނުވެވޭނެ ކަމަށް ވިދާޅުވި އެވެ.
"މަސީހު މަސައްކަތް ކުރައްވަނީ ވަރަށް ޒިންމާދާރުކަމާ އެކު. ކޮމެޓީތަކުގެ މަސައްކަތް ހަލުވިކަމާ އެކު ކުރިއަށް ގެންދިއުމަށް މަސީހު ގެންދަވަނީ ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުން،" ޖަމީލް ވިދާޅުވި އެވެ.
ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ނިޒާރު ވިދާޅުވީ ރައްޔިތުން ތަމްސީލްކުރައްވާ ކޮންމެ މެމްބަރަކަށް ވާހަކަ ދެއްކުމުގެ ފުރުސަތު ލިބެން ޖެހޭނެ ކަމަށެވެ. އެކަމަކު އަމިއްލަ މެމްބަރަކަށް ވަގުތު ކަނޑައެޅުމުގައި ރިޔާސަތަށް ގޮތްތަކެއް ނިންމިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މެމްބަރުންނަށް ވާހަކަ ދެއްކުމުގެ ފުރުސަތު ހަމަހަމަ އުސޫލަކުން ލިބެން ޖެހޭނެ ޕާޓީއެއްގެ މެމްބަރެއްގެ ގޮތުގައި ހުރި ނަމަ،" ނިޒާރު ވިދާޅުވި އެވެ.