ކްރައިފްގެ ދަރިފުޅު އަލުން ގެންދަން ބާސާއިން މަޝްވަރާއަށް
ކްރައިފްގެ ދަރިފުޅު އަލުން ގެންދަން ބާސާއިން މަޝްވަރާއަށް

ބާސެލޯނާ (25 މެއި) - ބާސެލޯނާގެ ލެޖެންޑް ޔޯހާން ކްރައިފްގެ ދަރިފުޅު ޖޯޑީ ކްރައިފް އަލުން އެ ޓީމަށް ގެންދަން ބާސެލޯނާގެ ރައީސް ޔޮއާން ލަޕޯޓާ މަސައްކަތް ފަށައިފި އެވެ.

ލަޕޯޓާ ބޭނުން ވަނީ، ބާސާގެ ސްޕޯޓިން ޑައިރެކްޓަރަކަށް ޖޯޑީ ގެންދިއުމަށެވެ. ޗައިނާގެ ސުޕަ ލީގުގެ ކްލަބު ޝެންޒެން އެފްސީގެ މިހާރުގެ ކޯޗް، އަލުން ބާސާ އަށް ގެންދިއުމާ މެދު މި ހަފުތާގައި ލަޕޯޓާ އޭނާ އާ ވާހަކަ ދައްކާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ޝެންޒެންއާ އެކު، ކްރައިފް ހަދާފައިވާ އެއްބަސްވުމުގެ ދަށުން، ބާސާގެ ސްޕޯޓިން ޑައިރެކްޓަރަކަށް އޭނާ ގެންދަން ބޭނުންވެއްޖެ ނަމަ ހިލޭ ޓްރާންސްފާއެއްގައި އޭނާ ދޫކޮށްލަން ޖެހޭނެ އެވެ. ބާސާގެ ސީނިއާ ޓީމަށް 54 މެޗު ކުޅުނު ޖޯޑީއަށް އެހެން މަގާމެއް ހުށަހަޅާނަމަ، ޓްރާންސްފާ ފީއަކަށް ޝެންޒެން އަށް ޑިމާންޑް ކުރެވޭނެ އެވެ.

އޭނާ ކްލަބު ދޫކޮށްލާނެކަން އެނގޭތީ ޝެންޒެންއިންވެސް އެކަމަށް ތައްޔާރުވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ޝެންޒެންއިން ތައްޔާރުވީ ކްރައިފްގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރި ކާލޯސް ގާސިއާ ހެޑް ކޯޗް ކަމަށް ޕްރަމޯޓް ކުރުމަށެވެ. އެހެންނަމަވެސް މިހަރު އެ މަގާމަށް އަލަވޭޒްގެ ކުރީގެ ކޯޗް ހުއާން ކާލޯސް ގްރެނޭރޯ ގެނައުން މާ ކައިރިކަމަށް ޗައިނާގެ މީޑިއާތަކުން ބުނެ އެވެ.

ބާސާގެ ޑައިރެކްޓާ ލެވަލްގައި މަސައްކަތް ކުރަން ކްރައިފް، 47 ވެސް ހުރީ ތައްޔާރަށެވެ. އަންނަ ސީޒަނަށް ބާސާގެ ސްކޮޑް ބިނާ ކުރުމުގައި، ފުޓްބޯޅަ ޑައިރެކްޓާ މަޓޭއު އަލެމާނީ އަދި ހެޑް އޮފް ޓެކްނިކަލް ސެކެޓްރީ ރޯމަން ޕްލޭނޭސް އާއެކު ކްރައިފް މަސައްކަތް ކުރާނެ ކަމަށް ބެލެވެ އެވެ.

އޭނާގެ ބައްޕަ ޔޯހާން އަކީ ބާސާގެ ތާރީހްގައި އުފެދުނު އެންމެ މޮޅު ކޯޗެވެ. ޔޫއެފާ ޗެމްޕިއަންސް ލީގު ބާސާއަށް ފުރަތަމަ ހޯދައިދިނީ 1992 ގައި ކްރައިފް "ޑްރީމް ޓީމު" ގެ ނަމުގައި ބިނާ ކުރި ޓީމުންނެވެ. ބާސާގެ ކުރީގެ ކޯޗް ޖޯސެފް ގާޑިއޯލާ އަކީވެސް އެ ޓީމުގެ މެންބަރެކެވެ. އަދި ބާސާގެ އެކެޑެމީ ވަރުގަދަ ކޮށް ވަކި ހާއްސަ ސިއްޓަމަކަށް ގޭމް ބިނާ ކުރުމަށް ބާރު އެޅިވެސް ކްރައިފް އެވެ. ފުއްޕާމެއަށް ކެންސަރު ޖެހި، އެބަލީގެ ވޭނުގައި އޭނާ މަރުވީ، މާޗް 2016 ގަ އެވެ.