25 މެއި 2021 - 07:52

ކޮވިޑު-19 ފެތުރޭތީ މޮނިޓަރިންގެ ހާލަތަށް ގެންނަ ހުރިހާ ރަށެއްގައި ކޮންމެ ދުވަހަކު ހަތް ގަޑިއިރުގެ ކާފިއު ހިންގައި ހަރުކަށި ފިޔަވަޅުތަކެއް އަޅަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފި އެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި މިއަދު ނެރުނު އެންގުމުގައި ބުނީ، ކޮވިޑު ފެތުރުން ހުއްޓުވުމަށްޓަކައި، މޮނިޓަރިންގެ ހާލަތަށް ގެންނަ ރަށްރަށުގައި ވަކި ގޮތެއް އަންގަންދެން މާދަމާއިން ފެށިގެން ވަރުގަދަ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
ރަށަކުން މީހަކު ކޮވިޑަށް ޕޮޒިޓިވްވުމުން ކޮންޓެކްޓް ޓްރޭސިން ނިމެންދެން ނުވަތަ އެ ރަށެއްގެ ހާލަތު ބަދަލުވަންދެން އެ ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެ އެވެ. މޮނިޓަރިންގެ ހާލަތަށް ގެނައުމުން މިހާތަނަށް މަނާކުރަމުން ދިޔައީ އެ ރަށަކަށް އެރައި ފޭބުމެވެ. ހާލަތު ގޯސްވާ ރަށްރަށުގައި ހާއްސަ ފިޔަވަޅުތައް އަޅަން އަންގަ އެވެ.
ނަމަވެސް އެޗްޕީއޭ އިން މިހާރު އާއްމުކޮށްފައިވާ އެންގުމުގައިވާ ގޮތުން، މާދަމާ އިން ފެށިގެން ވަރުގަދަ ފިޔަވަޅުތަކެއް އަޅާނެ އެވެ.
- ރޭގަނޑު 9:00 ން ފަތިހު 4:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާއްމު ތަންތަނަށް މީހުން ނުކުތުން މަނާކުރުން. ނަމަވެސް ރަށުގައި ބަލި ފެތުރުމުގެ ހާލަތަށް ބަލައި މި ފިޔަވަޅު އަޅާފައިވާ މަގުތަކަށް ބަދަލުގެންނާނެ.
- ޒަރޫރީ ބޭނުންތަކުގައި މެނުވީ ގެއިން ބޭރަށް ނުނިކުތުން.
- ޕާޓީތަކާއި ހަފުލުތަކާއި ރަސްމިއްޔާތުތައް ބޭއްވުން ހުއްޓާލުން.
- އެއްގެއިން އަނެއް ގެއަށް ޒިޔާރަތްކުރުން ހުއްޓާލުން.
- އެއްފަހަރާ ތިން މީހުންނަށް ވުރެ ގިނައިން މަގުމައްޗާއި އާއްމު ތަންތަނުގައި އެއްވެއުޅުން ހުއްޓާލުން.
- ސެލޫންތަކާއި ޖިމްތަކާއި ބޯކޮށާ ތަންތަން ބަންދުކުރުން.
- ކުޅިވަރުގެ ހުރިހާ ހަރަކާތަކާއި ކަސްރަތު ހަރަކާތްތައް ހިންގުން ހުއްޓާލުން.
- ފިހާރަތަކުން ހިދުމަތް ދޭއިރު އެޗްޕީއޭއިން އާއްމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ހިދުމަތް ދިނުން.
- ޔުނިވާސިީތަކާއި ކޮލެޖުތަކަށް ދަރިވަރުން ހާޒިރުކޮށްގެން ކްލާސްތައް ގެންދިއުން ހުއްޓާލުން.
- ހޮޓާ/ކެފޭ/ރެސްޓޯރެންޓުތަކާއި ކާބޯތަކެތީގެ ހިދުމަތްދޭ އެހެނިހެން ތަންތަނުން ދޭ ހިދުމަތްތައް ހުއްޓާލުން. އޭގެ ތެރޭގައި ޑެލިވަރީގެ ހިދުމަތެއް ނުހިމެނޭ.
އެ ބައްޔާ ގުޅިގެން މިހާރު ވެސް 60 އަށް ވުރެ ގިނަ ރަށް އޮތީ މޮނިޓަރިންގެ ހާލަތުގަ އެވެ. އޭގެ ތެރެއިން ބައެއް ރަށްރަށުގެ ހާލަތު ގޯސްވުމުން ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް އަޅަން އެޗްޕީއޭ އިން ވަނީ އަންގައިފަ އެވެ.
މޮނިޓަރިންގެ ހާލަތުގައި އޮންނަ ރަށްރަށުގައި ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ނިންމިއިރު، މުޅި ރާއްޖޭގައި ކޮވިޑުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. އެގޮތުން، ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވާއިރު އެ ބަލީގައި މި މަހު އެކަނި ވެސް ރިކޯޑު އަދަދަކަށް މީހުން މަރުވެފައި ވެ އެވެ. އެއާއެކު، މާލޭގައި މާދަމާއިން ފެށިގެން ކާފިއުގެެ ވަގުތު އިތުރުކޮށް ފިޔަވަޅުތައް ހަރުކަށިކުރަން ނިންމާފައި ވެ އެވެ.