25 މެއި 2021 - 00:40

ކޮވިޑް-19އަށް ފަރުވާ ދެމުން ދިޔަ އިތުރު ދެ މީހަކު މަރުވެ، ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލީގައި މަރުވި މީހުންގެ އަދަދު 13އަށް އަރައިފި އެވެ.
އިއްޔެ އިރުއެރީ ކޮވިޑް ބަލީގެ ގިނަ މަރުތަކެއްގެ ހަބަރާއެކު އެވެ. ހެނދުނު 8 ޖެހުމުގެ ކުރިން ބަލީގައި ފަސް މީހަކު މަރުވި އެވެ. އަދި ކޮންމެ ދެ ގަޑިއިރަކުން މީހުން މަރުވަމުން ގޮސް، ދުވަސް ނިންމާލީ 13 މީހުންގެ މަރާއެކު އެވެ. މި ފަހުން ރާއްޖޭގައި ބަލިމަޑުކަމެއްގައި އެއް ފަހަރާ މިހާ ގިނަ ބަޔަކު މަރެއް ނުވެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނިގޮތުގައި އެންމެ ފަހުން މަރުވެފައިވަނީ، 80 އަހަރުގެ ދިވެހި އަންހެނަކާއި 58 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި ދެ މީހުންނަކީ ވެސް ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ މީހުންނެވެ.
މިއާއެކު ކޮވިޑް ބަލީގައި ރާއްޖޭން މަރުވި މީހުންގެ އަދަދު 142އަށް އެރީ އެވެ. މި މަހު އެކަނި ވެސް 71 މީހުން މި ވަނީ މަރުވެފަ އެވެ.
މިއަދު މަރުވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ ދިހަ މީހަކާއި އައިޖީއެމްއެޗްގެ އިމަޖެންސީ ރޫމުގައި ފަރުވާ ދެމުން ދިޔަ މީހެއްގެ އިތުރުން، ޅ. ހިންނަވަރާއި އައްޑޫން މީހެކެވެ.
ކޮވިޑް ކޮންޓްރޯލް ކުރުމަށް މާލޭގައި މިއަދު ވަނީ އިތުރު ހަރުކަށި ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެގޮތުން މިހާރު އިއުލާންކޮށްފައިވާ ކާފިއުގެ ވަގުތުގެ އިތުރުން ދެން ބޭރަށް ނިކުމެވޭނީ، ކޮންމެ ގެއަކަށް ދޫކޮށްފައިވާ ފާސް ހިފައިގެންނެވެ.