24 މެއި 2021 - 22:47

ކޮވިޑު-19 އަށް ޓެސްޓުކުރި 5،500 އަށްވުރެ ގިނަ ސާމްޕަލްގެ ތެރެއިން 1،400 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އިއްޔެ ހަވީރު 6:00 އިން މިއަދު 6:00 އަށް 5،581 ސާމްޕަލް ޓެސްޓުކުރި ކަމަށެވެ. އޭގެ ތެރެއިން 1،417 މީހުން ޕޮޒިޓިވްވެފައި ވެ އެވެ. އެއީ މީގެ ކުރީގެ ސާމްޕަލްތަކާއެކު ކަމެއް ނުވަތަ ހަމައެކަނި މިއަދު ނެގި ސާމްޕަލްތައް ކަމެއް ނުބުނެ އެވެ.
އަލަށް ޕޮޒިޓިވްވެފައި ވަނީ މާލެ ސަރަހައްދުން 1،097 މީހަކާއި ރަށްރަށުން 303 މީހަކާއި ރިސޯޓުތަކުން 17 މީހެކެވެ. އެއާއެކު، ކޮވިޑުގެ އެކްޓިވް ކޭސްތައް ވަނީ 24،057 އަށް އަރައިފަ އެވެ. ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން 282 މީހަކަށް ފަރުވާ ދެ އެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 814 މީހަކު ބަލިން ރަނގަޅުވެފައި ވެ އެވެ. ހަމައެއާއެކު، ބަލީގައި މިއަދު އެކަނި ވެސް 10 މީހުން މަރުވެފައި ވެ އެވެ.
ކޮވިިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާތީ އަންނަ ބުދަ ދުވަހުން ފެށިގެން ކާފިއުގެ ވަގުތު ހަވީރު 4:00 ން ހެނދުނު 8:00 އަށް އިތުރުކޮށް ޒަރޫރީ ބޭނުންތަކަށް ބޭރަށް ނުކުމެވޭނީ ވެސް ފުލުހުންގެ ހުއްދައާއެކު ކަމަށް ވަނީ ނިންމައިފަ އެވެ.