ސިޓީ ކައުންސިލްގެ ބިންތަކާއި މާރުކޭޓު ގޮޅިތަކުގެ ކުލި ކުޑަކޮށްދީފި
ސިޓީ ކައުންސިލްގެ ބިންތަކާއި މާރުކޭޓު ގޮޅިތަކުގެ ކުލި ކުޑަކޮށްދީފި

މާލޭ ސިޓީ ކައުންސިލުން އަމިއްލަ ވިޔަފާރިތަކަށް ދޫކޮށްފައިވާ ބިންތަކާއި ފައްތިޔާތަކާއި މާރުކޭޓް ގޮޅިތަކުން ނަގަމުން އަންނަ ކުލީގެ 30 ޕަސެންޓް ކުޑަކޮށްދޭން މިއަދު ނިންމައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ކައުންސިލުގެ މިއަދުގެ ބައްދަލުވުމުގައި، ސިޓީ ކައުންސިލުގެ އަމިއްލަ ވިޔަފާރިތަކަށް ދޫކޮށްފައިވާ ބިންތަކާއި ފައްތިޔާތަކާއި މާރުކޭޓް ގޮޅިތަކުން ނަގަމުން އަންނަ ކުލި ކުޑަކޮށްދޭން ނިންމާފައިވާ ކަމަށެވެ.

އެ ތަންތަނުގެ ކުލިން 30 ޕަސެންޓް ކުޑަކޮށްދޭން ނިންމި ނިންމުމާ އެކު ބޮޑު ލުޔެއް ލިބޭނެ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.

ކާނިވާ ސަރަހައްދާއި އަދިވެސް މާލޭގެ އިތުރު ބައެއް ސަރަހައްދުތަކުގައި ވިޔަފާރިކުރަން އަމިއްލަ ބައެއް ފަރާތްތަކަށް ބިން ދޫކޮށްފައިވެ އެވެ. އަދި މާލޭގެ އެކި ސަރަހައްދުތަކުގައި މާރުކޭޓް ހިންގުމަށް ވެސް ސިޓީ ކައުންސިލުން ވަނީ ބިން ކުއްޔަށް ދޫކޮށްފަ އެވެ.

މޭޔަރު ވިދާޅުވި ގޮތުގައި ލޮކްޑައުންގެ ތެރޭގައި ފައްތިޔާތަކުގައި އަޅާފައި ހުންނަ އުޅަނދުތަކުން ވައްކަން ކުރާ ކަމުގެ ޝަކުވާ ވެސް ލިބޭ ކަމަށެވެ.

މޭޔަރު ވިދާޅުވީ ކުލި ކުޑަކުރަން ނިންމީ، ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާތީ ލުޔެއް ދިނުމުގެ ގޮތުން ކަމަށެވެ.

މުއިއްޒު ވިދާޅުވީި ގޮތުގައި ކޮވިޑްގެ ހާލަތުން އަރައިގަނެ، އާދައިގެ ހާލަތަކަށް ދެވެން ދެން އެ ތަންތަނުން ނަގާ ކުލި ކުޑަވާނެ ކަމަށެވެ. އެކަމަކު މި ހާލަތުން އަރައިގަނެވުމާ އެކު އަލުން ކުއްޔަށް ބަދަލު ގެންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި މާލޭގެ ޕާކިން ޒޯންތަކުން ޕްރައިވެޓް ކާރުތަކުން މިހާރު ނަގަމުން އަންނަ 3000ރ.ގެ ބަދަލުގައި 1000ރ. އަށް ކުޑަކުރަން ވެސް ކައުންސިލުން ނިންމާފައިވެ އެވެ. އެކަމަކު ކޮވިޑްގެ ހާލަތުން އަރައިގަނެވި އާންމު ހާލަތަށް ދިއުމާ އެކު ޕްރައިވެޓް ކާރުތަކުގެ ޕާކިން ފީގެ ގޮތުގައި 1500ރ. ނަގާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"ޓެކްސީތައް ފަދައިގެން ޕްރައިވެޓް ކާރުތައް ވެސް މި އޮންނަނީ އަވީގަ އާއި ވާރޭގައި އަދި ރާޅު އަރައިފިއްޔާ ލޮނުގަނޑު ތެރޭގައި. އެހެންވީމަ އެއްވެސް ކަހަލަ ރައްކާތެރިކަމެއް ނެތް،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ކާރުތައް ވެސް ޕާކުކޮށްފައި އޮންނައިރު އެ އެއްޗިއްސަށް ވެސް ރައްކާތެރިކަމެއް ނޯންނަ ކަމަށެވެ. އެހެންވެ، ރައްޔިތުން އަތުން ފައިސާ ނަގާއިރު، އެ ނަގަނީ އެކަށީގެންވާ އަދަދަކަށް ވާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ވާދަވެރިކަން އިތުރުކުރުމަށް އަވަށު ބޯޑުތަކެއް ނެގުމާއި، މާލޭގެ އެކި ބްލޮކްތައް ބެލެހެއްޓުމަށް މީހުން ނަގަން ވެސް ނިންމާފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި މިއަދުގެ ކައުންސިލް ބައްދަލުވުމުގައި ނިންމާފައިވާ އަނެއް ކަމަކީ ކޮވިޑްގެ ހާލަތުން އަރައިގަތުމަށް ސަރުކާރުން ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން 60 އަހަރުން މަތީގެ މީހުންނާއި ހައި ރިސްކް މީހުންގެ ތެރެއިން ކޮންޓެކްޓް ނުކުރެވި، ތިބި 2000 އެއްހާ މީހުން ހޯދުމުގެ މަސައްކަތް ވެސް ކުރުން ކަމަށް މުއިއްޒު ވިދާޅުވެ އެވެ.

އެގޮތުން ދިރާގާއި އުރީދޫ އަދި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުންގެ އެހީއާއެކު އެ މަސައްކަތް ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މިފަހުން މާރުކޭޓްގައި ތިބި މީހުންނާ ބައްދަލުކޮށް އެ މީހުންގެ ޝަކުވާތައް ވެސް މުއިއްޒު އަޑު އެއްސެވި އެވެ. އެކަމަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ފެށުމުގެ ކުރިން ވަގުތީ ހައްލެއް ވެސް ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވި އެވެ.