އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު އަންނަ ސެޕްޓެމްބަރުގައި
އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު އަންނަ ސެޕްޓެމްބަރުގައި

އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގެ ވޯޓުލުން އަންނަ ސެޕްޓެމްބަރު މަހު ބާއްވަން ނިންމައިފި އެވެ.

އެ ޕާޓީން މިރޭ ކުރި އިއުލާނުގައި ބުނީ އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖެއްސި ވޯޓުލުން އަންނަ ސެޕްޓެމްބަރު 25 އަށް ފަސްކޮށްފައިވާ ކަމަށެވެ.

އެ އިންތިހާބު ފަސްކުރީ ކުރީގެ ރައީސް އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން، އެ މަނިކުފާނުގެ ހާލުކޮޅު ސީރިއަސްވެ ފަރުވާ ދެމުން އަންނާތީ އެވެ. އެހެންވެ، މި ފަދަ ވަގުތެއްގައި ދާއިރާތަކުގެ އިންތިހާބު ބޭއްވުމަކީ ރަނގަޅު ކަމަކަށް ނުވާނެ ކަމަށް އެމްޑީޕީން ކުރިން ވަނީ ބުނެފަ އެވެ.

އިއުލާނުގައި ބުނީ އިންތިހާބުގައި ވާދަކުރެވޭނީ މި މަހުގެ އަށެއްގެ ކުރިން ލިޔުން ހުށަހެޅި މީހުންގެ ތެރެއިން ޕާޓީގެ ގައުމީ ހިންގާ ކޮމިޓީން ކަނޑައަޅާފައިވާ ޝަރުތުތައް ހަމަވާ މީހުންނަށެވެ. ޝަރުތު ހަމަވާ ކެންޑިޑޭޓުން ދެނެގަތުމަށްފަހު ލިސްޓު އިއުލާނުކުރާނެ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.

އެ ޝަރުތުތަކުގެ ތެރޭގައި މީހުން މެރުމާއި ރޭޕް ކުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށް ކޮށްފައިވާ މީހުންނަށް ނުވުމާއި އެސެޓް ރިކަވަރީ ކޮމިޝަނާއި ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން ނެރެފައިވާ ރިޕޯޓެއްގައި، ކުށެއްގައި ބައިވެރިވެފައިވާ މީހަކަށް ނުވުން ހިމެނެ އެވެ.

އޭގެ އިތުރުން އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ހިމެނޭ މީހުންނަށް ވެސް އިންތިހާބުގައި ވާދައެއް ނުކުރެވޭނެ އެވެ.

މި އިންތިހާބުގައި އެމްޑީޕީގެ 455 މަގާމަށް މީހުން އިންތިހާބު ކުރުމަށް ހުޅުވައިލި އެވެ. ވޯޓުލުމުގެ ހައްގު، އެ ޕާޓީގެ ދަފުތަރުގައި ހިމެނޭ 93،354 މީހަކަށް ލިބޭނެ އެވެ.