ކޮވިޑުގައި މިއަދު މަރުވި މީހުންގެ އަދަދު 10 އަށް އަރައިފި
ކޮވިޑުގައި މިއަދު މަރުވި މީހުންގެ އަދަދު 10 އަށް އަރައިފި

ކޮވިޑު-19 ގައި މިއަދު ރާއްޖެއިން މަރުވި މީހުންގެ އަދަދު 10 އަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް 86 އަހަރުގެ ޖަޕާނު ފިރިހެނަކު މިރޭ 7:53 ގައި މަރުވެފައިވާ ކަމަށެވެ. އެއީ ރާއްޖެއިން މަރުވި 139 ވަނަ މީހާ އެވެ.

ހަލުވި ކަމާއިއެކު ރާއްޖޭގައި ކޮވިޑް ފެތުރެމުން ދާއިރު، އެ ބަލީގައި މަރުވާ މީހުންގެ އަދަދު ވެސް އެއް ދުވަހުން އަނެއް ދުވަހަށް ދަނީ އިތުރުވަމުންނެވެ. އެގޮތުން، މިއަދަކީ އެ ބަލީގައި މިހާތަނަށް އެއް ދުވަހާ އެންމެ ގިނަ މީހުން މަރުވި ދުވަހެވެ. މިއަދު އެކަނި ވެސް 10 މީހުން މަރުވިއިރު މި މަހު އެ ބަލީގައި މަރުވި މީހުންގެ އަދަދު ވެސް 68 އަށް އެރީ އެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށް މާލޭގައި މިއަދު ވަނީ އިތުރު ހަރުކަށި ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެގޮތުން މިހާރު އިއުލާންކޮށްފައިވާ ކާފިއުގެ ވަގުތުގެ އިތުރުން ދެން ބޭރަށް ނިކުމެވޭނީ، ކޮންމެ ގެއަކަށް ދޫކޮށްފައިވާ ފާސް ހިފައިގެންނެވެ.