ބުދަ ދުވަހުން ފެށިގެން މާލެ އާއި ހުޅުމާލެއާ ދެމެދު ދަތުރުކުރުން ވެސް މަނާވާނެ
ބުދަ ދުވަހުން ފެށިގެން މާލެ އާއި ހުޅުމާލެއާ ދެމެދު ދަތުރުކުރުން ވެސް މަނާވާނެ

މާލޭ ސަރަހައްދުގައި ކާފިއު ނޫން ވަގުތުތަކުގައި ރެޒިޑެންޝަލް ޕާމިޓާ އެކު ބޭރަށް ނިކުންނައިރު ވެސް މާލެ އާއި ހުޅުމާލެއާ ދެމެދު ދަތުރުކުރުން މަނާވާނެ ކަމަށް އެޗްއީއޯސީން މިއަދު ބުނެފި އެވެ.

މާލޭ ސަރަހައްދުގެ ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާތީ ކާފިއު ވަގުތު ހަވީރު ހަތަރަކުން ހެނދުނު 8:00 އަށް އިތުރުކޮށް، އާ ފިޔަވަޅުތަކެއް އަޅަން ނިންމިކަން އެޗްއީއޯސީން ހަވީރު އިއުލާންކުރި އެވެ.

ކޮންމެ ދުވަހަކު ވެސް ކާފިއު އިއުލާންނުކޮށް އޮންނަ އަށް ގަޑިއިރުގެ ތެރޭގައި ވެސް ކޮންމެ ގެއަކުން ބޭރަށް ނުކުމެވޭނީ ހާއްސަ ފާހެއް ހިފައިގެންނެވެ. އެގޮތުން ކޮންމެ ގެއަކަށް ވެސް ދެ ފާސް ދޫކުރަން ނިންމާފައިވާއިރު ފާސް ދޫކުރަނީ ދެ ގަޑިއަކަށް ބަހާލައިގެންނެވެ. އެއީ ހެނދުނު 8 އިން މެންދުރު 12 އަށް އަދި މެންދުރު 12 އިން ހަވީރު 4 އަށެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ހުއްދައާ އެކު ބޭރަށް ނިކުތަސް މާލެ އާއި ހުޅުމާލެއާ ދެމެދު ދަތުރުކުރުން މަނާވާނެ ކަމަށެވެ.

"ގްރޭޓާ މާލޭ އޭރިއާ މި އޮންނަނީ ދެ ޒޯނަކަށް ބަހާލެވިފައި. އެއީ ހުުޅުމާލެއަކީ އެއް ޒޯން. ވިލިމާލެއާއި މާލެއަކީ އެއް ޒޯން. މާލެ އާއި ވިލިމާލެއާ ދޭތެރޭގައި ދަތުރުކުރެވޭ ގޮތަށް،" މަބްރޫކް ވިދާޅުވި އެވެ.

ހުޅުމާލޭގައި އުޅޭ މީހުންނަށް މާލެއަށް ނާދެވޭ ގޮތަށް، މާލޭގައި އުޅޭ މީހުންނަށް ހުޅުމާލެއަށް ނުދެވޭ ގޮތަށް ހަދާފައި މިވަނީ މި ސަރަހައްދުގެ ކޮވިޑްގެ ކޭސްތައް ވަރަށް ބޮޑަށް އިތުރުވެފައިވާތީ އެވެ. އަދި ބަލީގައި މަރުވާ މީހުންގެ އަދަދުތައް ވެސް މި މަހުގެ ތެރޭގައި ރިކޯޑް އަދަދަކަށް އިތުރުވެފައިވާތީ އެވެ.

މިއަދު އެޅި ފިޔަވަޅުތައް ތަންފީޒުކުރަން ފަށާނީ އަންނަ ބުދަ ދުވަހުން ފެށިގެންނެވެ.

ކޮވިޑް ކޮންޓްރޯލްކުރަން މީގެ ކުރިން ފުލް ލޮކްޑައުނަކަށް ދިޔަ ނަމަވެސް އެކަމުގެ ސަބަބުން އެތައް ބަޔަކަށް ދަތިވާތީ މިފަހަރު ނިންމީ ފިޔަވަޅުތައް ހަރުކަށިކޮށްގެން އެކަން ކާމިޔާބުވޭތޯ އެވެ. ކޭސްތައް އެވްރެޖްކޮށް 1000 އިން މަތީގައި އުޅުނަސް ފުލް ލޮކްޑައުނަކަށް ދިޔުމުގެ ވިސްނުމެއް އަދި ސަރުކާރުގެ ނެެތެވެ.