ނަޝީދުގެ ސެކިއުރިޓީ ބްރީޗްވި ގޮތުގެ އިންކުއަރީއަށް މައުލޫމާތު ދޭ މުވައްޒަފުންނަށް ފިޔަވަޅު ނާޅަން އެދެފި
ނަޝީދުގެ ސެކިއުރިޓީ ބްރީޗްވި ގޮތުގެ އިންކުއަރީއަށް މައުލޫމާތު ދޭ މުވައްޒަފުންނަށް ފިޔަވަޅު ނާޅަން އެދެފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅޭ ގޮތުން ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ހިންގާ އިންކުއަރީ އަށް ހާޒިރުކުރާ މީހުން ދޭ މައުލޫމާތަކާ ގުޅިގެން އެ މީހުންގެ ވަޒީފާއަށް އަސަރުކުރާ ފަދަ ފިޔަވަޅެއް ނާޅަން އެ ކޮމިޓީން އެދިއްޖެ އެވެ.

މަޖިލީހުގެ އިދާރާއިން މިއަދު ނެރުނު ދެންނެވުމެއްގައި ބުނީ އިންކުއަރީއަށް ހާާޒިރުކުރާ ސިފައިންނާއި ފުލުހުން އަދި ދައުލަތުގެ އެހެން މުވައްޒަފަކަށް ވެސް، އިންކުއަރީ އަށް ދޭ މައުލޫމާތާ ގުޅިގެން ފިޔަވަޅު ނާޅަން އިލްތިމާސްކުރާ ކަމަށެވެ.

މި މަހުގެ ހަ ވަނަ ދުވަހު ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅޭ ގޮތުން ކޮމިޓީން ހިންގަމުން އަންނަ އިންކުއަރީގައި ބަލާނީ ނަޝީދުގެ ސެކިއުރިޓީ ބްރީޗްވި ގޮތެކެވެ. އެ މަނިކުފާނުގެ ސެކިއުރިޓީ ބަލަހައްޓަނީ ސިފައިންނެވެ.

ކޮމިޓީގެ އިންކުއަރީގެ ސްކޯޕުގައި ހިމެނެނީ މައިގަނޑު ހަ ކަމެކެވެ. އެއީ ނަޝީދަށް ހަމަލާ ދިނުމުގެ ކުރިން އެ ހަމަލާއާ ގުޅޭ އެއްވެސް މައުލޫމާތެއް ސަލާމަތީ ހިދުމަތްދޭ ފަރާތްތަކާއި ދައުލަތުގެ އެއްވެސް އިދާރާއަކަށް ލިބިފައިވޭތޯ ބެލުމާއި ސަލާމަތީ ބާރުތަކުން ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް އެ ހިދުމަތް ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ މިންގަނޑުތައް ބެލުމާއި ސަލާމަތީ ބާރުތަކުން ނަޝީދަށް ހިމާޔަތާއި ރައްކާތެރިކަން ދިނުމުގައި އަމަލުކުރަމުން ދިޔަ ގޮތް ދެނެގަތުމެވެ.

މަޖިލީހުން ހިންގާ އިންކުއަރީ އަށް މައުލޫމާތު ހިއްސާކުރަން ވެސް މިހާރު ވަނީ ހުޅުވާލައިފަ އެވެ. މަޖިލީހުން ބުނީ މައުލޫމާތު ދޭން ބޭނުންވާ ނަމަ 7798798 ފޯނަށް ގުޅައިގެންނާއި[email protected]އަށް އީމެއިލް މެދުވެރިކޮށްގެން ވެސް މައުލޫމާތު ދެވޭނެ ކަމަށެވެ.

ނަޝީދަށް ހަމަލާއެއް ދޭން އުޅޭކަމުގެ މައުލޫމާތެއް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އަދި 241 ކޮމިޓީގެ ވެސް މެމްބަރު އިލްޔާސް ލަބީބަށް ލިބިވަޑައިގެން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ ހިއްސާކުރެއްވި ކަމަށް އޭނާ ކުރިން ވަނީ ވިދާޅުވެފަ އެވެ

ބޮމުގެ ހަަމަލާގައި ނަޝީދު ވަރަށް ބޮޑަށް ޒަހަމްވެ އޭޑީކޭ ހޮސްޕިޓަލްގައި ގިނަ ސާޖަރީތަކެއް ހެއްދެވުމަށް ފަހު މިހާރު ފަރުވާ ހޯއްދަވަނީ ޖަރުމަނުގަ އެވެ.

ނަޝީދަށް ދިން ހަމަލާގައި ބައިވެރިވާ ކަމުގެ ތުހުމަތަށް މިހާތަނަށް ހަތަރު މީހަކު ހައްޔަރުކޮށްފައިވެ އެވެ.