ޑޮލަރުގެ ދިގު ކިއޫގެ ބަދަލުގައި ފަސޭހަ އިންތިޒާމަކަށް
ޑޮލަރުގެ ދިގު ކިއޫގެ ބަދަލުގައި ފަސޭހަ އިންތިޒާމަކަށް

މިދިޔަ ބުރާސްފަތި ދުވަހު އޭނާ ޑޮލަރު ކިއޫ އަށް އެރީ ތިން ވަނަ ފަހަރަށެވެ. އޭގެ ކުރިން ދެ ދުވަހަކު ކިއޫގައި ހުރެ އެތައް އިރެއް ވީއިރު ވެސް ނަމްބަރާ ލައްވާނުލުމުން އެނބުރި ގެ އަށް ދިޔައީ އެވެ. އަންނަ ހަފުތާގައި އަނބިދަރިން ވެސް ހިމެނޭ ގޮތަށް، އާއިލާގެ ހަތް މީހުންނާ އެކު އަވަށްޓެރިި ލަންކާ އަށް ޗުއްޓީ ހޭދަކޮށްލަން ފުރަން ވާއިރަށް ޑޮލަރު ނުލިބި ދާނެތީ އިބްރާހިމް ރަޝީދު ހުރީ ވަރަށް ކަންބޮޑުވެފަ އެވެ.

ޑޮލަރުގެ ދިގު ކިއޫގެ ބަދަލުގައި ފަސޭހަ އިންތިޒާމަކަށް
ޑޮލަރުގެ ދިގު ކިއޫގެ ބަދަލުގައި ފަސޭހަ އިންތިޒާމަކަށް

ބޭންކުތަކުން ދަތުރުވެރިންނަށް ޑޮލަރު ވިއްކުން ހުއްޓާލައި މިއަދުން ފެށިގެން މަރުކަޒީ ބޭންކުން ޑޮލަރު ވިއްކަން ފެށި އަޑު އިވުމާ އެކު، ހެނދުނު 9:00 އަށް އެންމެ ފުރަތަމަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ވަތް މީހުންގެ ތެރޭގައި ރަޝީދު ހިމެނުނެވެ. ގާތްގަނޑަކަށް 20 މިނިޓު ކޮށްފައި އެ ތަނުން ނުކުމެގެން އައިއިރު، ރަޝީދުގެ އަތުގައި ޑޮލަރު ލިބޭނެ ގަޑި ޖަހާފައި އޮތް ސްލިޕް އޮތެވެ. އޮފީސް ނިންމާލާފައި ގެ އަށް ދާ މަގުމަތީގައި އެމްއެމްއޭ އަށް ވަދެ، ޑޮލަރު ނަގައިގެން ގެ އަށް ދާންވީ އެވެ.

ޑޮލަރުގެ ދިގު ކިއޫގެ ބަދަލުގައި ފަސޭހަ އިންތިޒާމަކަށް
ޑޮލަރުގެ ދިގު ކިއޫގެ ބަދަލުގައި ފަސޭހަ އިންތިޒާމަކަށް

"މިއީ ވަރަށް ބޮޑު ފަސޭހައެއް. ކިތައް ގަޑިއިރު ބޭންކު ދޮށުގައި ހުންނަން ޖެހުނީ؟ ބޮޑު އުނދަގުލަކުން ސަލާމަތް މިވީ،" އަމިއްލަ އޮފީހެއްގައި އެޑްމިން އޮފިސަރެއްގެ ވަޒީފާ އަދާކުރާ ރަޝީދު ބުންޏެވެ.

ޑޮލަރުގެ ދިގު ކިއޫގެ ބަދަލުގައި ފަސޭހަ އިންތިޒާމަކަށް
ޑޮލަރުގެ ދިގު ކިއޫގެ ބަދަލުގައި ފަސޭހަ އިންތިޒާމަކަށް

ސްކޫލު ބޮޑު ބަންދު ފެށިފައި ވާއިރު، ޑޮލަރު ލިބުން ތާށިވެ، އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ހުންނަ ބޭންކް އޮފްް މޯލްޑިވްސް (ބީއެމްއެލް)ގެ ބްރާންޗު ދޮށުގައި ދިގު ކިއޫ އޮންނަތާ މިހާރު ދުވަސްތަކެއް ވެއްޖެ އެވެ. އަދި ދަތުރު ނުކުރާ އެތައް ބަޔަކު ހެނދުނުއްސުރެ ކިއޫ އަށް ވަދެ، ނަންބަރު ލިބުމުން ބޮޑު އަގުގައި އެ ނަންބަރު ވިއްކުމުގެ މައްސަލަ ވެސް އޮތީ ކުރިމަތިވެފަ އެވެ.

ޑޮލަރުގެ ދިގު ކިއޫގެ ބަދަލުގައި ފަސޭހަ އިންތިޒާމަކަށް
ޑޮލަރުގެ ދިގު ކިއޫގެ ބަދަލުގައި ފަސޭހަ އިންތިޒާމަކަށް

އެކަމަކު އެމްއެމްއޭ އިން ދިވެހި ދަތުރުވެރިންނަށް ޑޮލަރު ވިއްކަން މިއަދު ފެށުމާ އެކު ޑޮލަރު ކިއޫ މުޅިން ހިނގައްޖެ އެވެ. ޑޮލަރު ގަންނަން ދާ މީހުން އެމްއެމްއޭގެ މައި ދޮރުން އެތެރެ އަށް ވަނުމާ އެކު، އެ ތަނުގެ ލޮބީގައި ތިބޭ ފަސްވަރަކަށް މުވައްޒަފުން އެ މީހަކު ގެންދާ ޓިކެޓާއި ޕާސްޕޯޓް ބަލަ އެވެ. މިއަދު ނުވަތަ ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި ފުރާ މީހަކުތޯ ޔަގީން ކުރުމަށް ފަހު، ނަމްބަރެއް ދޫކުރެ އެވެ. އެ ނަމްބަރު ހިފައިގެން ދާން ޖެހެނީ އެމްއެމްއޭގެ ދެވަނަ ބުރީގައި ހުންނަ އޮޑިޓޯރިއަމް އަށެވެ.

ކުރިން ބޮޑު ކޮންފަރެންސް ހޯލެއްގެ ގޮތުގައި އޮތް އޮޑިޓޯރިއަމް މިހާރު ވަނީ ހިދުމަތް ދޭ ތަނަކަށް ބަދަލުކޮށްފަ އެވެ. އެ ތަނުގައި 10 ކައުންޓަރު ބަހައްޓައި ޑިޖިޓަލް ކިއޫ ސިސްޓަމެއް ހަރުކޮށްފައި ވާއިރު، ނަމްބަރު ޖެހެންދެން އިށީނދެ ތިބޭނެ ގޮނޑި ވަނީ ޖަހައިފަ އެވެ. އެ ތަން ފުރިއްޖެ ނަމަ، ހަމަ އެ ބުރީގެ އަނެއް ފަޅީގައި ހުންނަ ބޮޑު ކޮޓަރިއެއްގެ ތެރޭގައި މަޑުކޮށްލެވޭނެ ގޮތަށް އެ ތަނުގައި ވެސް ވަނީ ގޮނޑި ޖަހައިފަ އެވެ.

"ހަމައެކަނި ނަމްބަރު ޖެހެންދެން މަޑުކޮށްލަން ޖެހޭ ވަގުތުކޮޅު ނޫނީ އަނެއް ގޮތަށް މަޑުކުރާކަށް ނުޖެހޭނެ. މީހުން ގިނަވެއްޖެ ނަމަ، ކައުންޓަރުގެ އަދަދު ވެސް އިތުރުކުރެވޭ ގޮތަށް، ވަރަށް ފްލެކްސިބަލް ގޮތަކަށް އިންތިޒާމުތައް ހަމަޖައްސާފައި ވާނީ،" ޑޮލަރު ވިއްކުމުގެ ކަންކަން ބަލަހައްޓަވާ، އެމްއެމްއޭގެ ކްރެޑިޓް ގެރެންޓީ ޔުނިޓުގެ އިސް ވެރިޔާ އިބްރާހިމް ނާސިރު "މިހާރު" އަށް ވިދާޅުވި އެވެ.

އެކަކަށް އެންމެ ގިނައިން ގެންދެވޭ އަދަދު ކަމަށްވާ ފަސް ޓިކެޓާއި ޕާސްޕޯޓް ހިފައިގެން ގޮސް ހުރި މުހައްމަދު އިގުބާލް ޑޮލަރު ގަންނަން ދިޔަތާ އޭރު އަދި މާ ގިނައިރެއް ނުވެ އެވެ. ގާތްގަނޑަކަށް 15 މިނިޓުގެ ތެރޭގައި އޭނާގެ ނަމްބަރު ޖެހުމުން ކައުންޓަރަށް ގޮސް، އެ ތަނުގައި ވީ ފަސް ވަރަކަށް މިނިޓެވެ. ހަވީރު 4:25 ގައި ޑޮލަރު ގަންނަން އަންނަންވީ ސްލިޕް ދިނުމުން އޭނާ އެނބުރި ގެ އަށް ދިޔައީ އެވެ.

"ކުރިން މިއީ ބޮޑު ބޮލުގައި ރިހުމެއް. އެހާ ވަގުތު ދުއްވައިގެން، އެހާ މަސައްކަތްކޮށްގެން ވެސް ކުރިން ޔަގީންކަމެއް ނޯވޭ އެ ދުވަހަކު ޑޮލަރު ލިބޭނެ ކަމެއް. މިހާރު އެހާ ފަސޭހައިން، ޔަގީންކަމާ އެކު އެބަ ލިބޭ،" އާއިލާގެ ތިން މީހަކާ އެކު އިންޑިއާ އަށް ފުރަން ތައްޔާރުވަމުން އަންނަ އިގުބާލް ބުންޏެވެ.

ބޭންކުތަކުން ދުވާލަކު 500 ޓިކެޓަށް ޑޮލަރު ވިއްކަމުން އަޔަސް، އެމްއެމްއޭ އިން އެފަދަ ލިމިޓެއް ކަނޑައަޅާފައެއް ނެތެވެ. އެ އިދާރާ އިން އިންތިޒާމުތައް ހަމަޖައްސާފައި ވަނީ ދުވާލަކު 1،000 މީހުންގެ މަގުން، ކުރިއަށް އޮންނަ ހަތް ދުވަހުގެ ތެރޭގައި ފުރާ މީހުންގެ ދެ ބައި ކުޅަ އެއް ބައި ފުރަތަމަކޮޅު ޑޮލަރު ގަންނަން އަންނާނެ ކަމަށް ބަލައިގެންނެވެ. އެހެންވެ، ސާޅީހަކަށް މުވައްޒަފުން މި މަސައްކަތަށް ވަނީ ހާއްސަކޮށްފަ އެވެ.

އެމްއެމްއޭގެ ނާސިރު ވިދާޅުވި ގޮތުގައި ޕާސްޕޯޓާއި ޓިކެޓުގެ ސައްހަކަން ކަށަވަރު ކުރުމަށް ފަހު ދޭ ސްލިޕުގައި ހަވީރު 4 އިން ރޭގަނޑު 8 އާ ދެމެދުގެ ގަޑިއެއް ޖަހާފައި އޮންނާނެ އެވެ. ސްލިޕުގައިވާ ގަޑި އަށް އެމްއެމްއޭ އަށް އައިސް ޑޮލަރު ގަންނައިރު ނަގުދު ފައިސާ އިން ނުވަތަ ބީއެމްއެލްގެ ޑެބިޓް ކާޑުން ވެސް ފައިސާ ދެއްކޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ ވަރަށް އޮމާންކޮށް، ވަރަށް ރީއްޗަށް ހުރިހާ ކަމެއް އެބަ ދޭ. ފުރަތަމަ ދެތިން ދުވަހަށް ފަހު، މި އަށް ވުރެ ވެސް ރީއްޗަށް ކުރިއަށް ދާނެ ކަމަށް މި ބަލަނީ،" ނާސިރު ވިދާޅުވި އެވެ.

- ވިއްކާނީ މިއަދުން ފެށިގެން ޖެނުއަރީ 7ގެ ނިޔަލަށް

- ކޮންމެ ދުވަހަކު ވެސް ވިއްކާނީ ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި ފުރާ މީހުންނަށް އެކަނި

- ޓިކެޓަކަށް 500 ޑޮލަރު

- ގިނަ މީހުންގެ ގްރޫޕެއް ނަމަ ދަތުރުކުރާ އެކަކަށް ގިނަވެގެން ފަސް ޓިކެޓަށް ޑޮލަރު ލިބޭ

- ޕާސްޕޯޓާއި ޓިކެޓު ޗެކުކުރުން: ހެނދުނު 9 އިން އިރުއޮއްސި 6 އަށް

- ޑޮލަރު ވިއްކުން: ހަވީރު 4 އިން ފެށިގެން (ސްލިޕުގައިވާ ގަޑިއަކަށް)

- އިރުއޮއްސި 6 ގެ ކުރިން ޓިކެޓާއި ޕާސްޕޯޓު ހުށަހަޅާ ނަމަ، އެ ދުވަހަކު ޑޮލަރު ލިބޭނެ

ސްކޫލު ބަންދުގައި އެމްއެމްއޭ އިން އެކަނި ޑޮލަރު ވިއްކިޔަސް، އަދިވެސް ރަށްރަށުގައި ހުންނަ ބީއެމްއެލްގެ ބްރާންޗުތަކުން ޑޮލަރު ވިއްކާނެ އެވެ. އެކަމަކު، ބޮޑު ޗުއްޓީ ނިމި، އަންނަ ޖެނުއަރީ އަށަކުން ފެށިގެން ޑޮލަރު ވިއްކާނީ އެއާޕޯޓުގެ ޑިޕާޗާ ޓާމިނަލުން އެކަންޏެވެ. އޭގެ ތެރޭގައި ރާއްޖޭގެ ހުރިހާ އިންޓަނޭޝަނަލް އެއާޕޯޓެއް ހިމެނެ އެވެ.

އެކި ބޭނުންތަކަށް ގިނައިން ބޭރަށް ދަތުުރުކުރާ ދިވެހިން ޑޮލަރަށް ޖެހިގެން އަބަދުވެސް އެ ޝަކުވާ ކުރެ އެވެ. އަތްވާއި ވާރޭގައި ޑޮލަރު ކިއޫގައި އެތައް ގަޑިއިރެއް ހޭދަކުރަން ޖެހުނަސް، ކެތްކޮށްލައިގެން ތިބެނީ އެ ނޫން ގޮތެއް ނެތީމަ އެވެ. ހިތް ފުރޭ ވަރަށް އަދިވެސް ޑޮލަރު ނުލިބުނަސް، ލިބޭ އެތިކޮޅު ހޯދަން ފަސޭހަވުމަކީ ހަމަ ލިބުނު ބޮޑު ލުއެއް ކަމަށް، ޑޮލަރު ގަންނަން އެމްއެމްއޭ އަށް ދިޔަ މީހުން ބުންޏެވެ.