24 މެއި 2021 - 18:33

އިންޑިއާގައި ހަލުވިކަމާ އެކު ފެތުރެމުން ދާ ކޮވިޑް-19 ބަލީގައި އެ ގައުމުން މަރުވި މީހުންގެ އަދަދު ތިން ލައްކަ ފަހަނަޅައި ހިނގައްޖެ އެވެ.
ނަމަވެސް ކަމާ ބެހޭ ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި، އިންޑިއާ އިން މަރުވި މީހުންގެ އަދަދު މާ މަތިވާނެ އެވެ. ސަބަބަކީ، އިންޑިއާގެ ބައެއް އަވަށްތަކުން ކޮވިޑްގައި މަރުވާ މީހުންގެ ފުރިހަމަ މައުލޫމާތުތައް، މައި ސަރުކާރާ ހިއްސާ ނުކުރެވޭތީ އެވެ.
އިންޑިޔާގެ 26 މިލިއަނަށް ވުރެ ގިނަ މީހުންނަށް މިހާތަނަށް ކޮވިޑް ޖެހިއްޖެ އެވެ. އިންޑިޔާއަކީ ދުނިޔޭގެ ނިސްބަތުން ދެ ވަނަ އަށް އެންމެ ގިނަ މީހުންނަށް ކޮވިޑް ޖެހުނު ގައުމެވެ. އެންމެ ގިނަ މީހުންނަށް މި ބަލި ޖެހިފައިވަނީ އެމެރިކާއިންނެވެ.
މުޅި ދުނިޔެ އަށް މިވަބާ މިހާރު ފެތުރި، 167 މިލިއަން މީހުންނަށް މި ބަލި ޖެހިފައިވާ އިރު، އެންމެ ހަލުވިކަމާ އެކު ފެތުރެމުން ދަނީ އެމެރިކާގަ އެވެ. އެ ގައުމުގެ 33 މިލިއަން މީހަކަށް މި ބަލި ޖެހިއްޖެ އެވެ. އަދި 6 ލައްކައަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.
ކޮވިޑް ބަލީގައި، ދެ ވަނައަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ އިޓަލީންނެވެ. އެ ގައުމުގެ 16 މިލިއަން މީހުންނަށް ކޮވިޑް ޖެހިފައިވާއިރު، މަރުވި މީހުންގެ އަދަދު ވަނީ، ހަތަރު ލައްކަ ފަހަނައަޅައިފަ އެވެ. މުޅި ދުނިޔެއިން މި ބަލީގައި މިހާތަނަށް މަރުވި މީހުންގެ އަދަދު، މިހާރު ވަނީ 3.4 މިލިއަނަށް ވުރެ އިތުރުވެފަ އެވެ.
އިންޑިޔާއަކީ ކޮވިޑް ބަލި މިހާރު އެންމެ ހަލުވިކަމާ އެކު ފެތުރެމުންދާ ގައުމެވެ. މާޗު 12، 2020ގައި އެގައުމުން ކޮވިޑް ބަލީގެ ފުރަތަމަ މީހާ ފެނުނު ފަހުން، ކޮވިޑްގައި މަރުވި މީހުންގެ އަދަދު 200000 އަށް އެރީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ. އަދި މަރުވި މީހުންގެ އަދަދު 300000 އަށް އަރައިގެން ދިޔައީ މަހަކަށް ވުރެ ވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގަ އެވެ.
މިދިޔަ 26 ދުވަހުގެ ތެރޭގައި އެކަނިވެސް، ކޮވިޑް ޖެހިގެން އިންޑިޔާއިން 102533 މީހުން މަރުވި އެވެ. ދުވަހުން ދުވަހަށް މަރުވާ މީހުންގެ އަދަދު، މިދިޔަ ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި އާދަޔާ ޚިލާފަށް އިތުރުވުމުގެ ސަބަބުން، ގަބުރުތައް އެންދުމަށް ވެސް ވަނީ ހުރަސް އެޅިފަ އެވެ. އޭގެ ސަބަބުން، އިންޑިއާގެ ރަށްފުށު ބައެއް ސަރަހައްދުތަކުގައި، މަރުވާ މީހުންގެ ހަށިތައް ކޯރުތަކަށް އުކަމުންދާ ކަމަށް ވެސް ޚަބަރު ލިބެ އެވެ.
ކޮވިޑް ވަބާގެ ދެ ވަނަ ރާޅު އިންޑިއާއަށް ފެތުރިގަތުމާއެކު، އެ ގައުމުގެ ސިއްހީ ނިޒާމަށް އޮބިނޯންނަ ވަރަށް، މީހުންނަށް މި ބަލި ޖެހެން ފެށިއެވެ. ގިނަ ހޮސްޕިޓަލުތަކުން އޮކްސިޖަން ހުސްވެފައިވާ އިރު، ބައެއް ހޮސްޕިޓަލުތަކުން އެންމެ ޒަރޫރީ ބޭސްތައް ލިބެން ނެތް ކަމަށް މައުލޫމާތު ލިބެ އެވެ.
ކޮވިޑް ފެތުރުން އިންތިހާއަށް އިތުރުވެފައިވާ އިރު، މިބައްޔާ ދެކޮޅަށް އުފައްދާފައިވާ ވެކްސިން ޖެހުމުގެ ޕްރޮގްރާމް ވެސް އެހާ ރަނގަޅަށް މިހާރު ކުރިއަށް ނުދާ ކަމަށް ޚަބަރުތައް ބުނެ އެވެ. ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ އެތައް ހާސް ބަޔަކު، ދެ ވަނަ ޑޯޒް ޖެހޭނެ ދުވަހެއްގެ އިންތިޒާރުގައި މިހާރު ވެސް އެބަ ތިއްބެވެ.