24 މެއި 2021 - 15:34

ކޮވިޑު-19 ގައި މިއަދު ރާއްޖެއިން ހަތް ވަނަ މީހަކު މަރުވެ މިހާތަނަށް ރާއްޖޭން މި ބަލީގައި އެންމެ ގިނަ މީހުން މަރުވި ދުވަހުގެ އަދަދާ އެއްވަރުވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެނިކޮށް މެންދުރު ފަހު 2:25 ގައި 78 އަހަރުގެ މީހަކު މަރުވެފައިވާ ކަމަށެވެ.
މިއީ އެ ބަލީގައި މި މަހު މަރުވި 61 ވަނަ މީހާ އެވެ. އެއާ އެކު، ކޮވިޑުގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 135 އަށް އެރީ އެވެ.
މިއަދު ދެން މަރުވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އައި ހަތަރު މީހަކާއި އައިޖީއެމްއެޗްގެ އިމަޖަންސީ ރޫމަށް ގެންދިޔަ މީހެއްގެ އިތުރުން ޅ. ހިންނަވަރު މަރުކަޒުގައި ފަރުވާ ދެމުންދިޔަ މީހެކެވެ.
ރާއްޖޭގައި ހަލުއިކަމާއެކު ކޮވިޑް ފެތުރެން ފެށިފަހުން އެއް ދުވަހަކާ އެންމެ ގިނަ މީހުން މަރުވެފައިވަނީ ވެސް މި މަހުގެ ތެރޭގަ އެވެ.