މިއަދުގެ ހަ ވަނަ މަރު ހިންނަވަރުން
މިއަދުގެ ހަ ވަނަ މަރު ހިންނަވަރުން

ޅ. ހިންނަވަރުން ކޮވިޑް ޖެހިގެން މީހަކު މިއަދު މަރުވެއްޖެ އެވެ.

ހިންނަވަރު ކައުންސިލްގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި މަރުވެފައި ވަނީ އުމުރުން 87 އަހަރުގެ ފިރިހެނެކެވެ.

މިމަހުގެ 19 ވަނަ ދުވަހު ނެގި ސާމްޕަލަކުން ކޮވިޑަށް ޕޮޒިޓިވްވި އެ މީހާގެ ހާލު ދެރަވަގެން ހިންނަވަރު ސިއްހީ މަރުކަޒުގައި އެމީހާއަށް ފަރުވާދޭން ފެށީ މިމަހުގެ 21 ވަނަ ދުވަހު އެވެ. އެގޮތުން ބ. އަތޮޅު ކޮވިޑް ފެސިލިޓީއަށް އެ މީހާ ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށް މިއަދު ހެނދުނު 11:00 ގައި އެ މީހާ މަރުވިއިރު އޭނާއަކީ ސިކުނޑީގެ ބައްޔަކަށް ފަރުވާދެމުން ހޯދަމުން އައި މީހެކެވެ.

ހިންނަވަރުން ކޮވިޑްގައި މީހަކު މަރުވިއިރު މިއީ މިއަދު މި ބަލީގައި ރާއްޖެއިން މަރުވި ހަ ވަނަ މީހާ އެވެ. އަދި ރާއްޖޭން މި މަހު މަރުވި 60 ވަނަ މީހާ އެވެ.

މިއަދު ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އައި ހަތަރު މީހަކާއި އައިޖީއެމްއެޗްގެ އިމަޖަންސީ ރޫމަށް ގެންދިޔަ މީހަކު ވެސް ކޮވިޑްގައި މަރުވެފަ އެވެ.

ކޮވިޑްގައި މަރުވި މީހުންގެ ޖުމުލަ އަދަދު 135 އަށް އަރާފައިވާއިރު އޭގެ ތެރެއިން 60 މީހުން މަރުވީ މި މަހުގަ އެވެ. އެހެންވެ، މި މޭ މަހަކީ ކޮވިޑް ބަލީގައި އެންމެ ގިނަ މީހުން މަރުވި މަހެވެ.