އާސެނަލްގެ ޕާޓޭއަށް ލަލީގާގެ ޗެމްޕިއަނެއްގެ ދަރަޖަ
އާސެނަލްގެ ޕާޓޭއަށް ލަލީގާގެ ޗެމްޕިއަނެއްގެ ދަރަޖަ

މެޑްރިޑް (24 މެއި) - ލަ ލީގާގެ ޓްރޮފީ ރޭ އުފުލާލި އެތުލެޓިކޯ މެޑްރިޑަށް މި ސީޒަންގައި ކުޅުނު، އާސެނަލްގެ މިހާރުގެ މިޑްފީލްޑާ ތޯމަސް ޕާޓޭއަށް ވެސް ޗެމްޕިއަނެއްގެ ދަރަޖަ ދީފި އެވެ.

އާސެނަލްއަށް ބަދަލު ވުމުގެ ކުރިން، ޕާޓޭ ވަނީ މި ސީޒަންގައި އެތުލެޓިކޯއަށް ތިން މެޗު ކުޅެފަ އެވެ. އެތުލެޓީކޯއަށް 45 މިލިއަން ޕައުންޑް ދިނުމަށް ފަހު އާސެނަލްއިން ޕާޓޭ ގެންދިޔައީ އޭގެ ފަހުންނެވެ. އަދި އެ ޓްރާންސްފާގެ ޑީލުގެ ދަށުން އާސެނަލްގެ ލޫކަސް ޓްރައޯރޭ ލޯނެއްގެ ދަށުން އެތުލެޓިކޯއަށް ބަދަލުވި އެވެ.

މި ސީޒަނަކީ، އާސެނަލްއަށް ނާކާމިޔާބު ސީޒަނެކެވެ. އެ ޓީމަށް 25 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ޔޫރަޕްގެ މުބާރާތުން ޖާގަ ނުލިބި ސީޒަން ނިންމާލަން ޖެހުނީ އެވެ.

ލަލީގާ ގައި ކުޅުންތެރިންނަށް މެޑަލްއެއް ނުދެ އެވެ. އެހެންވެ އެތުލެޓިކޯއަށް ލީގުގައި ކުޅުނު ކޮންމެ ކުޅުންތެރިޔަކަށް ޗެމްޕިއަނެއްގެ ދަރަޖަ ދޭނެ އެވެ. އެތުލެޓިކޯގައި މިހާރު ނެތަސް ޗެމްޕިއަނެއްގެ ދަރަޖަ ލިބޭނެ އަނެއް ކުޅުންތެރިޔަކީ، ޖަނަވަރީގައި ޓީމު ދޫކޮށްލި ޑިއޭގޯ ކޮސްޓާ އެވެ.

ހަތް އަހަރަށް ފަހު ލަ ލީގާގެ ޗެމްޕިއަންކަން އެތުލެޓިކޯއިން ހޯދީ، ހޮނިހިރު ދުވަހުގެ ރޭ ރެއާލް ވަޔަޑޮލިޑް ބަލި ކުރުމަށް ފަހު އެވެ. އެ ޓީމު ލީގު ކާމިޔާބު ކުރީ ވާދަވެރި ރެއާލް މެޑްރިޑަށް ވުރެ އިތުރަށް ދެ ޕޮއިންޓް ހޯދައިގެންނެވެ.