ނީނާގެ އޮޓޮބަޔޮގްރަފީ އަންނަ މަހުގެ 14 ގައި
ނީނާގެ އޮޓޮބަޔޮގްރަފީ އަންނަ މަހުގެ 14 ގައި

ބޮލީވުޑްގެ ހުނަރުވެރި ބަތަލާ ނީނާ ގުޕްތާގެ އޮޓޮބަޔޮގްރަފީ އަންނަ މަހުގެ 14 ގައި ނެރެން ނިންމައިފި އެވެ.

"ސަޗް ކަހޫ ތޯ" ގެ ނަން ދީފައިވާ ފޮތުގެ ކަވަރު އިންސްޓަގްރްމާގައި ޕޯސްޓްކޮށް، 61 އަހަރުގެ ބަތަލާ ބުނީ އެއަށް މިހާރު ޕްރީ-އޯޑަރު ވެސް ކުރެވޭނެ ކަމަށެވެ. މި ފޮތުގައި ނީނާގެ ފިލްމީ ކެރިއަރާއި އަމިއްލަ ދިރިއުޅުމުގެ ވަރަށް ގިނަ ވާހަކަތައް ފޭނުންނަށް ކިޔައިދޭނެ އެވެ. އޭނާ ބުނި ގޮތުގައި އޮޓޮބަޔޮގްރަފީ އަކީ އެއްވެސް ފޮރުވުމެއް ނެތި އޭނާގެ ދިރިއުޅުން ސިފަކޮށްދޭނެ އެއްޗެކެވެ.

މީގެ ތިން އަހަރު ކުރިން ރިލީޒްކުރި ފިލްމު "ބަދާއީ ހޯ" ގައި އުމުރުން ދުވަސްވެފައި ހުއްޓައި ބަލިވެއިންނަ އަންބެއްގެ ރޯލު ކުޅެގެން އާންމުންގެ ސަމާލުކަން ވަރަށް ބޮޑަށް ލިބުނު ނީނާ އަކީ މިހާތަނަށް ވަރަށް ގިނަ ފިލްމުތަކާއި ޓީވީ ސިލްސިލާތަކުގައި ވެސް މަސައްކަތްކޮށްފައިވާ ފަންނާނެކެވެ.

މަޝްހޫރު ފެޝަން ޑިޒައިނަރު މަސާބާ ގުޕްތާގެ މަންމަގެ އެންމެ ފަހުގެ ފިލްމަކީ މި މަހުގެ 18 ގައި ނެޓްފްލިކްސް އިން ޕްރީމިއާކުރި އަރުޖުން ކަޕޫރްގެ "ސަރުދާރު ކާ ގްރޭންޑްސަން" އެވެ.

މި ފަހުން ނުކުތް ކާމިޔާބު ފިލްމުތައް ކަމަށްވާ "ވީރޭ ދީ ވެޑިން" އާއި "މުލްކު" އާއި "ޕަންގާ" އަދި "ޝުބް މަންގަލް ޒިޔާދާ ސާވުދާން" ފަދަ ފިލްމުތަކުން ފެނިފައިވާ ނީނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "83" އާއި "ޑަޔަލް 100" އާއި "ގުވޯލިއާ" އަދި "ގުޑްބާއި" ހިމެނެ އެވެ.

ނީނާ ކުޅުނު ސިލްސިލާތަކުގެ ތެރެއިން އެންމެ މަޝްހޫރު އެއްޗަކީ އޭނާ ޑައިރެކްޓްކޮށް، ލީޑް ރޯލު ވެސް ކުޅުނު 1998-1999 ގެ "ސާންސް" އެވެ. އެއީ 179 އެޕިސޯޑްގެ އެއްޗެކެވެ.

ނީނާ އާއި ދަރިފުޅު މަސާބާގެ ވާހަކަ ކިޔައިދޭ ސީރީޒްއެއް "މަސާބާ މަސާބާ" ގެ ނަމުގައި ނެޓްފްލިކްސް އިން މިދިޔަ އަހަރު ގެނެސްދިނެވެ. މީގެ ދެވަނަ ސީޒަނެއް ވެސް ވަރަށް އަވަހަށް ގެނެސްދޭނެ އެވެ.

މި ފަހުން ބަޔޮގްރަފީ ނެރުނު އިންޑިއާގެ ތަރިންގެ ތެރޭގައި "އަންފިނިޝްޑް" ގެ ނަމުގައި ބަޔޮގްރަފީ ގެނެސްދިން ޕްރިޔަންކާ ޗޯޕްރާ އާއި "ސްޓޯރީޒް އައި މަސްޓް ޓެލް" ގެ ނަމުގައި ބައޮގްރަފީ ގެނެސްދިން އެކްޓަރު ކަބީރް ބޭދީ އާއި "ލެސަންސް ލައިފް ޓޯޓް މީ، އަންނޯވިންގުލީ" ގެނެސްދިން އަނޫމަޕް ކޭރް ހިމެނެ އެވެ.

މީގެ ކުރިން ވެސް ބޮލީވުޑްގެ މަޝްހޫރު އެތައް ތަރިންނެއްގެ އޮޓޮބަޔޮގްރަފީ ނެރެފައިވެ އެވެ.