24 މެއި 2021 - 13:19

ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން އަންނަ ބަލި މީހުންނަށް، ގަޑިން ގަޑިއަށް ކާން ނުލިބުމާއި ފެންނުވެރުވުމާއި އަޅާނުލުމުގެ ޝަކުވާތައް ގިނަވެއްޖެ އެވެ.
ކޮވިޑްގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް ހުޅުމާލޭގައި ހަދާފައި ހުންނަ އެންމެ ބޮޑު ފެސިލިޓީ މިހާރު ހުރީ ފުލްވެފަ އެވެ. އެޑްމިޓްކުރާ ބަލި މީހުންގެ ހާލު ގޯހެވެ. އެކަމަކު އެތަނުގައި ފަރުވާ ދޭން، އެންމެ އެކަށީގެންވާ އަދަދަށް ނަރުހުންނާއި ޑޮކްޓަރުންނެއް ނެތެވެ.
ހާލަތު ގޯސްވަމުން ދާއިރު މިހާރު އެންމެ ގިނައިން އިވެނީ ފެސިލިޓީގައި ތިބޭ މީހުންނަށް އަޅާނުލާ ކަމުގެ ޝަކުވާ އެވެ. އާއިލާއާ ވަކިން، އެކަނިމާ އެކަނި ބަލި މީހުން ތިބޭއިރު، ގިނަ މީހުންގެ އެންމެ އަސާސީ ކަންކަން ވެސް ކޮށްދޭން ޖެހެނީ ނަރުހުންނެވެ. ނޫނީ އެކަންޏެވެ.
"މިހާރު" އާ ވާހަކަ ދެއްކި ޒުވާން އަންހެން ކުއްޖަކު ބުނި ގޮތުގައި ކޮވިޑް ފެސިލިޓީގައި އޮތް އޭނާގެ ބައްޕައަށް ރޭގަނޑު އަށެއް ޖަހާކަންހާއިރު ގުޅުމުން، ފުރަތަމަ ވެސް ބުނީ ވަރަށް ބަނޑުހައި ކަމަށެވެ. ހެނދުނުން ފެށިގެން އެއްވެސް އެއްޗެއް ނުކާ ކަމަށް ބައްޕަ ބުނި ކަމަށް އޭނާ ބުންޏެވެ.
"އަހަރެން ބުނިން ބައްޕައަށް ކޮންމެ އިރަކު ވެސް ކާއެއްޗެހި ފޮނުވަމެއް ނޫންހޭ، ކީއްވެހޭ ނުކަނީ. ދެން ބުނީ ކާން ނުދޭ ކަމަށް،" އެ ޒުވާނާ ބުންޏެވެ.
އޭނާގެ 61 އަހަރުގެ ބައްޕައަށް ކޮވިޑް ޖެހި ހާލު ސީރިއަސްވުމާ އެކު އެންމެ ފުރަތަމަ ވެސް ގެންދިޔައީ، މެޑިކަލް ފެސިލިޓީގެ އައިސީޔޫއަށެވެ. އެތަނުގައި ބޭއްވުމަށް ފަހު ހާލު ރަނގަޅުވާން ފެށުމުން، ހައި ޑިޕެންޑެންސީ ޔުނިޓް (އެޗްޑީޔޫ) އަށް ބަދަލުކުރީ އެވެ. ކާން ނުލިބުމުގެ މައްސަލަ ދިމާވީ އެތަނަށް ބަދަލުކުރި ފަހުންނެވެ.
އާއިލާއާ ދުރުގައި، އެކަނިމާ އެކަނި އޮތް ބައްޕަ ހައިބަނޑާ އޮތުން އެ އާއިލާއަށް ތަހައްމަލު ކުރަން އުނދަގޫވި އެވެ. އެތަނުގައި ތިބޭ މީހުންނަށް ހިދުމަތް ނުދެވޭ ނަމަ، އާއިލާގެ މީހަކު ވެއްދުމަށް އާދޭސްކުރި އެވެ. އެކަމަކު އެޗްޑީޔޫ އަށް ވާތީ ބޭރުން މީހުންނަށް ނުވަދޭނެ ކަމަށާއި މީހުން ވަދެ ތިބެން ޖާގަ ވެސް ނެތް ކަމަށް ފެސިލިޓީން ޖަވާބު ދިން ކަމަށް ބުންޏެވެ.
"އެތަނުން ބުނީ އާއިލާއިން އަންނަ މީހާ ނިދަން ވެސް ޖެހޭނީ ގޮނޑިއެއްގައި ކަމަށް. އެކަމަކު ފަހުން އާދޭސްކޮށްގެން، އެތަނުން އެނދެއް ލިބިއްޖެ. އަދި ބައްޕައަށް ކާން ދިނުމުގެ ފުރުސަތު ވެސް ލިބުނު،" އެ ޒުވާނާ ބުންޏެވެ.
އޭނާ ބުނީ ބައްޕަގެ ހާލަތު ދަށަށް ދާތީ، ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫއަށް ބަދަލުކޮށްދިނުމަށް އާއިލާއިން އެދުމުން، ޖާގަނެތް ކަމަށް ބުނެ އެ ފުރުސަތު ނުދިން ކަމަށެވެ.
ސޯޝަލް މީޑިއާ ބަލައިލުމުން، މި ފަދަ އެތައް ޝަކުވާއެއް މިހާރު ފެނެ އެވެ. ބަލި މީހުން ކައިރިއަށް ނަރުހެއް ނުވަތަ ޑޮކްޓަރެއް ވެސް ނާންނަކަމުގެ ޝަކުވާ އެވެ. ގޮވިޔަސް، ސިއްހީ އެހީތެރިން އަޅާނުލާ ވާހަކަ އެވެ. ބައެއް ބަލި މީހުން، ފެސިލިޓީން ޖާގައެއް ލިބޭތޯ، އެތައް ގަޑިއިރު ވަންދެން ކިޔޫގައި، ގޮނޑިއެއްގައި އިންނަން ވެސް ޖެހެ އެވެ. މިއީ ހާލު ގޯސް ވެގެން، ފަރުވާ ދިނުމަށް ގެންދާ މީހުންގެ ހާލަތެވެ.
ތިން ސަތޭކަ މީހުންގެ ޖާގައިގެ މެޑިކަލް ފެސިލިޓީ މިހާރު ވަނީ އެއްކޮށްހެން ފުލްވެފަ އެވެ. ހުޅުމާލޭ ހޮސްޕިޓަލާއި އައިޖީއެމްއެޗާއި އޭޑީކޭގައި ވެސް ކޮވިޑްގެ ބަލި މީހުން ބައިވަރެވެ. އެތަންތަނުގައި ފަރުވާ ދޭން ތިބެނީ މަދު ބައެކެވެ. އެހެންވެ، ބަލި މީހުންނަށް ބޭނުންވާ އެންމެ ފުރިހަމަ އަޅާލުން ނުލިބިދާނެ ކަމަށް، ސަރުކާރުން ކުރިން ވެސް ދިޔައީ ބުނަމުންނެވެ.
އެކަމަކު އެތަނުގައި މަސައްކަތް ކުރާ ވޮލަންޓަރިއަރެއް ބުނި ގޮތުގައި ބަލި މީހުން އިތުރުވާ ވަރަކަށް ނަރުހުންނަށް ވެސް އެންމެ ރަނގަޅަކަށް އަޅައެއް ނުލެވެ އެވެ.
"ކިހިނެއްތޯ އެ މީހުން ހުުރިހާ ކަމެއް ކުރާނީ. ނަރުހަކު ބަލި މީހަކަށް ކާންދޭން އިންނައިރު، އެހެން ބަލި މީހަކު އެބަ ގޮވާ އެހެން ކަމެއްގައި. މަދު ނަރުހުން ތިބޭއިރު، ހުރިހާ އެންމެންނަށް އެޓެންޑް ނުވެވިފައި އޮންނަނީ،" އޭނާ ބުންޏެވެ.
ކޮވިޑް ފެސިލިޓީއާ ގުޅޭގޮތުން ހުރި ޝަކުވާތަކާ ގުޅޭގޮތުން ސަރުކާރުގެ ބަހެއް ލިބޭގޮތެއް ނުވި އެވެ. އެކަމަކު އެޑްމިޓްކުރަންޖެހޭ މީހުން މާ ގިނަވެއްޖެ ނަމަ އެކަށީގެންވާ ގޮތަށް ފަރުވާ ނުދެވިދާނެ ކަމުގެ އިންޒާރު އަބަދުވެސް އައީ ދެމުންނެވެ.