ޝަންކަރްގެ ފިލްމުގައި ޗަރަންއާ އެކު އާލިއާ؟
ޝަންކަރްގެ ފިލްމުގައި ޗަރަންއާ އެކު އާލިއާ؟

އިންޑިއާގެ މަޝްހޫރު ޑައިރެކްޓަރު އެސް ޝަންކަރް، އެކްޓަރު ރާމް ޗަރަންއާ އެކު ހަދަން ނިންމާފައިވާ ފިލްމުގެ ބަތަލާގެ ރޯލަށް އާލިއާ ބަޓް ގެންނަން، ޗަރަން ލަފާ ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޓައިމްސް އޮފް އިންޑިއާ އިން ބުނެފައިވާ ގޮތުގައި އާލިއާ ފިލްމަށް ގެންނަން ޗަރަން ލަފާދިނީ ދެ ތަރިން އެކީގައި ފެންނާނެ ފުރަތަމަ ފިލްމު "އާރްއާރްއާރް" ގެ ތަޖުރިބާއާ ގުޅިގެންނެވެ.

މި އަހަރުގެ އޮކްޓޯބަރު 13 އަށް ތާވަލުކޮށްފައި އޮތް ޑައިރެކްޓަރު އެސްއެސް ރާޖަމޯލީގެ ފިލްމުގައި އާލިއާ ކުޅެފައި ވަނީ ޗަރަންގެ ބައިވެރިޔާގެ ރޯލެވެ. އެގޮތުން "އާރްއާރްއާރް" ގައި އާލިއާގެ ދެއްކި ހުނަރު ފެނިފައި ޗަރަން ވަރަށް ހިތްހަމަޖެހި، އާލިއާއާ އެކު އިތުރަށް މަސައްކަތްކުރުމުގެ ޝައުގުވެރިކަން އުފެދުނީ ކަމަށް ބުންޏެވެ. ތެލެގޫ ފިލްމުތައް ކުޅޭ އެންމެ މަޝްހޫރު އަދި އެންމެ ކާމިޔާބު އެކްޓަރުންގެ ތެރޭގައި ހިމެނޭ ޗަރަން އަކީ 2013 ގެ "ޒަންޖީރު" ގައި ޕްރިޔަންކާ ޗޯޕްރާއާ އެކު މަސައްކަތްކުރުމުގެ ފުރުސަތު ލިބުނު ތަރިއެކެވެ.

ޝަންކަރްގެ ފިލްމުގެ ބަތަލާގެ ރޯލަށް އާލިއާ ގެންނަން އޭނާ ލަފާ ދީފައިވާތީ އެކަމާ ދޭތެރޭ ޑައިރެކްޓަރު ސީރިއަސްކޮށް ވިސްނާނެ ކަމަށް ބުންޏެވެ.

ނަން އަދި ހާމަނުކުރާ ޝަންކަރްގެ އާ ފިލްމު ޗަރަންއާ އެކު ހަދަން ނިންމިކަން އިއުލާންކުރީ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އެ ފިލްމަކީ ޝަންކަރްގެ ޑައިރެކްޓްކުރާ 15 ވަނަ ފިލްމެވެ. އަދި 2018 ގައި ރަޖްނީކާންތުގެ "2.0" ގެނެސްދިން ޑައިރެކްޓަރު އެންމެ އަވަހަށް ގެނެސްދޭން އޮތް ފިލްމަކީ "ވާނުވާގައި" އޮތް މަސައްކަތެއް ކަމަށްވާ ކަމަލް ހަސަންގެ "އިންޑިއަން 2" އެވެ.

ޗަރަންއާ އެކު ހަދާ ފިލްމު އަންނަ އަހަރު ގެނެސްދޭން ނިންމާފައިވާ އިރު، ބޮލީވުޑްގެ އެކްޓަރު ރަންވީރު ސިންގްއާ އެކު ވެސް ފިލްމެއް ހަދަން މިދިޔަ މަހު ޝަންކަރް އިއުލާންކޮށްފައިވެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން އެ ފިލްމުގެ ބަތަލާ އަކީ ކިއާރާ އަދުވާނީ އެވެ.

ދާދި ފަހުން ތެލެގޫ އެކްޓަރު އައްލޫ އަރުޖުންއާ އެކު "ފުރޫޓީ" ޖޫހުގެ އިޝްތިހާރެއް ކުޅުނު އާލިއާ، 28، ގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "އާރްއާރްއާރް" ގެ އިތުރުން "ގަންގޫބާއީ ކަތިއަވާޅީ" އާއި "ބުރައްމަސްތުރާ" އަދި "ޑާލިންސް" ހިމެނެ އެވެ.