ގާޒާގެ ދުލުން؛ ކާމިޔާބު ލިބުނީ އަހަންނަށް
ގާޒާގެ ދުލުން؛ ކާމިޔާބު ލިބުނީ އަހަންނަށް

މި މަހުގެ 10 ވަނަ ދުވަހު، އިޒްރޭލުން ފަލަސްތީނުގެ ގާޒާ އަށް ދޭން ފެށި އުދުވާނީ ހަމަލާތައް 11 ދުވަހަށް ދެމިގެން ދިޔަ އެވެ. މި މަހުގެ 21 ވަނަ ދުވަހަށް ފެށުމާއެކު، ހަމަލާތައް ހުއްޓައިލިއިރު، ފަލަސްތީނުގެ 279 މީހުން ޝަހީދުވި އެވެ. އޭގެ ތެރޭގައި 69 ކުޑަކުދިންނާއި 40 އަންހެނުންނާއި 17 މުސްކުޅިން ހިމެނެ އެވެ. އަދި 8900 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ އިރު، އޭގެ ތެރެއިން 90 މީހަކު އަދިވެސް އޮތީ ސީރިއަސް ހާލަތެއްގަ އެވެ.

ގާޒާގެ ދުލުން؛ ކާމިޔާބު ލިބުނީ އަހަންނަށް
ގާޒާގެ ދުލުން؛ ކާމިޔާބު ލިބުނީ އަހަންނަށް

އިޒްރޭލުން ދިން ބޮމާއި މިސައިލް ހަމަލާތަކުގައި ގާޒާގެ 17،000 އަށް ވުރެ ގިނަ ގެ ވަނީ ދިރިނުއުޅުވޭ ވަރަށް ހަލާކުވެފަ އެވެ. އޭގެ އިތުރުން 14،500 އަށް ވުރެ ގިނަ ގެއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. އޮފީސްތަކާއި އެޕާޓްމަންޓްތައް ހުންނަ އެތައް ޓަވަރެއް ވަނީ ބިމާ ހަމަކޮށްލައިފަ އެވެ. މީގެ ސަބަބުން، 70 ހާހަށް ވުރެ ގިނަ މީހުން މިހާރު ވެސް ތިބީ، ބޯހިޔާވަހި ކަމެއް ނެތި މަގުމަތި ވެފަ އެވެ.

ގާޒާގެ ދުލުން؛ ކާމިޔާބު ލިބުނީ އަހަންނަށް
ގާޒާގެ ދުލުން؛ ކާމިޔާބު ލިބުނީ އަހަންނަށް

ގާޒާގެ ސްކޫލް މަދަރުސާތަކުގެ ތެރެއިން 53 ތަނެއް ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. އޭގެ ސަބަބުން، 60،0000 އަށް ވުރެ ގިނަ ދަރިވަރުންގެ ކިޔެވުމަށް ވަނީ ބުރޫ އަރައިފަ އެވެ. ގާޒާގެ ހަ ހޮސްޕިޓަލަކާއި ސިއްހީ ޚިދުމަތްދޭ 11 މަރުކަޒެއް ވެސް ހަލާކުވި އެވެ. ބޯފެން ވިއުގައިގެ 50 ޕަސެންޓު ހަލާކުވެ، ގާޒާގެ މިލިއަނެއްހާ މީހުން މިހާރު ވެސް ތިބީ، ބަރާބަރަށް ސާފު ބޯފެން ލިބުމުން މަހުރޫމްވެފަ އެވެ. އިގްތިސާދީ ގޮތުން ލިބުނު ގެއްލުން އަދި އަންދާޒާ ވެސް ކޮށްލަން ނޭނގެ އެވެ.

ގާޒާގެ ދުލުން؛ ކާމިޔާބު ލިބުނީ އަހަންނަށް
ގާޒާގެ ދުލުން؛ ކާމިޔާބު ލިބުނީ އަހަންނަށް

ގާޒާގެ ހުރިހާ ގުނަވަންތަކެއް ބިނދި، ޒަހަމްތަކުން ލޭ މަނާނުވެ، ނޭވާ ހޮޅިއަށް އެޅިފައި އޮތް އިރު، އަދިވެސް ތިޔަ ބުނަނީ، ހަނގުރާމައިގައި ކާމިޔާބު ލިބުނީ ތިމަންނައަށޭ ހެއްޔެވެ؟

ގާޒާގެ ދުލުން؛ ކާމިޔާބު ލިބުނީ އަހަންނަށް
ގާޒާގެ ދުލުން؛ ކާމިޔާބު ލިބުނީ އަހަންނަށް

އާނއެކެވެ. ކާމިޔާބު ލިބުނީ އަހަންނަށެވެ. ފަލަސްތީނުގެ ބިމުގައި، ހަތިޔާރުގެ ބާރުގައި އިނގިރޭސިން ގާއިމުކޮށްދިން، އިޒްރޭލޭ ކިޔާ ޔަހޫދީ ދައުލަތުން ވަށައިގެން ހިސޯރުކޮށްފައި އޮތް، މުޅި ދުނިޔެއަށް މަޝްހޫރު ގާޒާ އަށެވެ. އެއީ ކީއްވެކަން ބުނެދެން ހެއްޔެވެ؟

މުޅި ދުނިޔެ އާއި އިސްލާމީ އުންމަތް ބަލަން ތިއްބައި، ޔަހޫދީ ދައުލަތުން އަހަރެންގެ މައްޗަށް ވެރިވެގަތީ، 1967 ވަނަ އަހަރުގެ ޖޫން މަހު ކުރި، މަޝްހޫރު "ހަ ދުވަހުގެ ހަނގުރާމަ" ތެރޭގަ އެވެ. އެ ދުވަހުގެ ފަހުން، ސުލްހައާއި އަމާންކަމުގެ ދުވަހަކަށް އަހަރެންނަށް އިރެއް ނާރަ އެވެ. ބިރެއް ނެތި ލޮލު ފިޔައެއް ޖަހައިލެވުނު ރެޔެއް ހުވަފެނުން ވެސް ނުދެކެމެވެ.

ހަ ދުވަހުގެ ހަނގުރާމަ އަށް ފަހު، އަހަރެންނަށް ކޮންމެ ދުވަހަކީ ވެސް ހަނގުރާމައިގެ ދުވަހެކެވެ. ކޮންމެ ދުވަހަކަށް އިރު އަރަނީ، އަހަރެންގެ މެޔާ ދިމާލަށް ޔަހޫދީ ސިފައިންގެ ހަތިޔާރުތައް އަމާޒުކޮށްފައި ހުއްޓަ އެވެ.

އިރު އޮއްސިގެން ދަނީ އެ ހާލަތުގަ އެވެ. ނަމަވެސް، އެއިގެ ތެރެއިން ޔަހޫދީ ދައުލަތަށް ކާމިޔާބު ލިބުނު ދުވަހެއް ނިކަން ބުނެދީ ބަލާށެވެ.

މި ފަހަރުގެ ހަމަލާތަކުގައި، ޔަހޫދީ ސިފައިން އަހަރެންނަށް ހަމަލާދިނީ، މުޅި ދުނިޔޭގައިވާ އެންމެ ޒަމާނީ އަސްކަރީ ޓެކްނޮލޮޖީ ބޭނުންކޮށްގެން، އެމެރިކާގައި އުފައްދާފައި ހުރި، މިސައިލްތަކާއި ބޮންތަކާއި ޓޭންކުތަކުންނެވެ. ރައްދުގައި އަހަރެން ހަމަލާދިނީ، ބާ ދަގަނޑު ހޮޅި އާއި މަދަނީ ކަންކަމުގައި ބޭނުންކުރާ އެކި ބާވަތުގެ ކެމިކަލްތައް ބޭނުންކޮށްގެން ހެދި ރޮކެޓްތަކުންނެވެ.

ޔަހޫދީން އަހަރެންނަށް ހަމަލާ ދޭން ފެށީ، އެ މީހުންގެ އަމިއްލަ ފުރާނަ ސަލާމަތްކުރަން އެޅެން ހުރި އެންމެ ވަރުގަދަ ފިޔަވަޅުތައް އަޅައިގެންނެވެ. އަހަރެންގެ ދަރިއެއްގެ އަތުގައި، ޔަހޫދީންނަށް ހަމަލާއެއް ދެވޭނެ ފިޔޮއްސެއްގެ މިންވަރު ވެސް އޮތްތޯ، އެ މީހުންގެ އަސްކަރީ ސެޓެލައިޓްތަކުންނާއި ޑްރޯންތަކުން ކަޅިއަޅައި ބަލަމުން ދިޔައެވެ. އަހަރެންގެ ރޮކެޓް ހަމަލާތައް ނާކާމިޔާބު ކޮށްލުމުގެ ޔަގީންކަމާއެކު، އެކަތައިގެ ގުއްބު އިޒްރޭލުގެ މަތިން ފަތުރައިލި އެވެ.

ނަމަވެސް، އެކަމުގައި ވެސް ޔަހޫދީންނަށް 100 ޕަސެންޓް ކާމިޔާބެއް ނުވި އެވެ. އަހަރެން ދިން ރޮކެޓް ހަމަލާތަކުގައި، އެ މީހުންގެ ކިތަންމެ އިމާރާތެއް، ބިމާ ހަމަނުވިޔަސް ހަލާކުވި އެވެ. އެތައް މަގެއް ހަލާކުވި އެވެ.

އެތައް އުޅަނދެއް ބޭނުން ނުކުރެވޭ ވަރުވި އެވެ. ސިފައިންގެ ތެރެއިން މަރުވި މީހުންގެ އަދަދު އޮތީ ސިއްރުކޮށްފަ އެވެ.

ޔަހޫދީ ސިފައިން އަހަރެންނަށް ހަމަލާދިނީ، އަހަރެންގެ ބޯމަތިން އުދުއްސި ޑްރޯންތަކާއި ހެލިކޮޕްޓަރުތަކާއި ފައިޓަރު ބޯޓުތައް ބޭނުންކޮށްގެންނެވެ. ޔަހޫދީ ދައުލަތަށް ހަމަލާދިނުމަށް، އަހަރެންގެ އެންމެ ދަރިއަކު ވެސް، އެ ދައުލަތުގެ ތެރެއަކަށް ނުވަދެ އެވެ. ނަމަވެސް، ޔަހޫދީ ދައުލަތުގެ އެންމެ ފުނަށް އަހަރެން ހަމަލާ ދިނީމެވެ. އިޒްރޭލުގެ އެންމެ ދުރު ރަށްތަކަށް ވެސް ހަމަލާ ދިނީމެވެ.

އޭގެ ސަބަބުން، މުޅި ޔަހޫދީ ދައުލަތް ހުއްޓުމަކަށް ނާދޭ ހެއްޔެވެ؟ އެ މީހުންގެ އޮތް ހަމައެކަނި ބައިނަލްއަގްވާމީ ވައިގެ ބަނދަރު (ބެން ޖޫރިޔޫން) 11 ދުވަހަށް ބަންދުކުރުވީ އަހަރެންނެވެ. އެ ވައިގެ ބަނދަރަށް ކޮންމެ ދުވަހަކު ދަތުރުކުރާ، އެމެރިކާގެ ޑެލްޓާ އެއާލައިން، ޔުނައިޓެޑް އެއާލައިން، ޖަރުމަންގެ ލުފްތަންސާ، އެމިރޭޓްސްގެ ފްލައި ދުބާއީ އާއި އިއްތިހާދު އެއާވޭޒް އަދި އޮސްޓްރިއަން އެއާވޭޒްގެ ދަތުރުތައް ހުއްޓައިނުލާ ހެއްޔެވެ؟

އަހަރެން ފޮނުވައިލި ރޮކެޓްތަކަކީ އޭގައި މާ ބާރުގަދަ ވޯހެޑެއް ހިމެނޭ އެއްޗެއް ނޫނެވެ. ނަމަވެސް ރޮކެޓެއް އުދުއްސައިލާ ކޮންމެ ފަހަރަކު، މުޅި އިޒްރޭލުގައި އިންޒާރުގެ ބަރުގޮނު ގުގުމައިނުލާ ހެއްޔެވެ؟ ސިފައިންނާއި އާންމުން ބިންގަރާސްތަކަށް ވަދެ، މުޅި އިޒްރޭލު ހުއްޓުމަކަށް ނާދޭ ހެއްޔެވެ؟ އިޒްރޭލުގެ އެތެރޭގެ ފަތުރުވެރިކަމުގެ ހުރިހާ ހަރަކާތްތަކެއް ހުއްޓައިލުމަށް މަޖުބޫރު ކުރީމެވެ. އިޒްރޭލުގެ މެދުތެރޭ ރަށްތަކުގެ މެދުގައި ކުރަމުން އައި ރޭލު ދަތުރުތައް ހުއްޓުވީމެވެ.

އިޒްރޭލުން އަހަންނަށް ދިން ހަމަލާތަކުގެ ސަބަބުން، އެ ދައުލަތަށް އެ ލިބުނީ ކިތައް މިލިއަން ޑޮލަރުގެ ގެއްލުން ހެއްޔެވެ؟ އެގާރަ ދުވަހުގެ ތެރޭގައި، އެ ގައުމުގެ އިގްތިސާދަށް، މަދުވެގެން ހަތް ބިލިއަން ޝޭކަލް (2.14 ބިލިއަން ޑޮލަރު)ގެ ގެއްލުން ލިބިފައިވާ ކަމަށް އެ ބުނަނީ އިޒްރޭލު އަމިއްލައަށެވެ.

އެ މީހުން އަހަރެންނަށް ހަމަލާ ދޭން އެންމެ މިސައިލެއް ފޮނުވައިލުމަށް ކިތައް މިލިއަން ޑޮލަރު ޚަރަދު ކުރަންޖެހޭ ހެއްޔެވެ؟ ބައެއް ހިސާބުތައް ބުނާ ގޮތުން، އުޅަނދުތަކުގެ ތެލުގެ ޚަރަދަށް އެކަނިވެސް، 36 މިލިއަން ޑޮލަރު ޚަރަދުވާނެ އެވެ. ރިޒާވް ސިފައިން 30 ހާސް މީހުން ޚިދުމަތަށް ނެރުމަށް 7.6 މިލިއަން ޑޮލަރު، ހަނގުރާމަވެރި ހަތިޔާރަށް 337 މިލިއަން ޑޮލަރު، އެކަތައިގެ ގުއްބު ހިންގުމަށް 86 މިލިއަން ޑޮލަރު ޚަރަދުވާނެ އެވެ.

އެ އުދުވާނުގައި، އެމެރިކާގައި އުފައްދާފައިވާ އެފް-35، އެފް-16 އަދި އެފް-15 މަރުކާގެ ފައިޓަރު ބޯޓުތަކާއި އަޕާޗޭ ހެލިކޮޕްޓަރުތައް ބޭނުންކުރި އެވެ. އިޒްރޭލުން އަމިއްލައަށް އުފައްދާފައިވާ "ހެރޮން" މަރުކާގެ ޑްރޯންތަކުގެ އިތުރުން، އިޒްރޭލުގެ އެއްގަމު ސިފައިންގެ ޓޭންކުތަކާއި ކަނޑުގެ ސިފައިންގެ މަނަވަރުތައް ބޭނުންކުރި އެވެ.

މުޅި ދުނިޔެ މިއަދު ގޮވަމުން އެދަނީ، އިޒްރޭލަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށެވެ. އިޒްރޭލަށް ހަތިޔާރު ނުވިއްކުމަށެވެ. އިޒްރޭލާ ގުޅުން ބަދަހި ނުކުރުމަށެވެ. ޔަހޫދީ އުފެއްދުންތައް ނުގަނެ ބޮއިކޮޓް ކުރުމަށެވެ.

ޔަހޫދީ ދައުލަތުގެ ހަމަލާތަކުގައި އަހަރެންގެ 279 ދަރިން ޝަހީދުކޮށްލި އެވެ. ނަމަވެސް އަހަރެން ކަރުނައެއް ނާޅަމެވެ. ސަބަބަކީ، އެ މީހުން މަރުވެ ދިޔަކަމަށް ޔަހޫދީންނަށާއި މުޅި ދުނިޔެ އަށް ހީވިޔަސް، އަހަރެން އެކަން ގަބޫލެއް ނުކުރަމެވެ. އެބައިމީހުންގެ ވެރިރަސްކަލާނގެ ހަޒްރަތުގައި ރިޒްގު ލިބޭ ހާލުގައި، އެ ދަރިން އަދިވެސް ދިރިތިބިކަން އަހަރެންނަށް ޔަގީން ވާތީ އެވެ.

އަހަރެންގެ ހަމަލާތަކުގައި ޔަހޫދީ ދައުލަތުން، އެ މީހުން ބުނާ ގޮތުން މަރުވީ އެންމެ 12 މީހުންނެވެ.

ނަމަވެސް އަދިވެސް އެ މީހުން އެތިބީ ފުން ހިތާމައެއްގަ އެވެ. ސަބަބަކީ، މީސްތަކުންކުރެ ދުނިޔޭގެ ދިރިއުޅުމަށް އެންމެ ދަހިވެތިކަން ބޮޑު ބަޔަކީ ޔަހޫދީން ކަމަށް ވާތީ އެވެ. އެއިން ކޮންމެ މީހަކުމެ، އެއްހާސް އަހަރަށް އުމުރު ދިގުވާނެނަމައޭ ހީކޮށް، އެކަމަށް އެދިއެދި ތިބެ އެވެ.

ތަފާތަކީ އެއީ އެވެ. އެ މީހުން ދިރިތިބުމަށް ލޯބިކުރާ ވަރަށް، ނުވަތަ އެއަށް ވުރެ ވެސް ބޮޑަށް، ﷲގެ މަގުގައި ޝަހީދުވުމަށް އަހަރެންގެ ދަރިން ލޯބިކުރެ އެވެ. އަހަރެންނަށް ގެއްލުނު އެއްޗެއް ނެތެވެ. މުޅި ދުނިޔޭގެ ލޯތްބާއި ހަމްދަރުދީ ލިބިއްޖެ އެވެ. މުޅި ދުނިޔެ އެ ގޮވަނީ އަހަރެންނަށް އެހީތެރިވުމަށެވެ. ވީއިރު، ކާމިޔާބު ލިބުނީ ކޮން ބަޔަކަށް ހެއްޔެވެ؟