މިއަދު ކޮވިޑްގެ ފަސް ވަނަ މަރު، ޖުމްލަ އަދަދު 134 އަށް
މިއަދު ކޮވިޑްގެ ފަސް ވަނަ މަރު، ޖުމްލަ އަދަދު 134 އަށް

ރާއްޖެ އިން މިއަދުގެ މިހާތަނަށް ކޮވިޑްގައި ފަސް މީހަކު މަރުވެއްޖެ އެވެ.

އެ ބަލީގައި އެންމެ ފަހުން މަރުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އައި އުމުރުން 85 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ މަރުވީ މިއަދު ހެނދުނު 7:45 ގަ އެވެ.

އެޗްޕީއޭ އިން ބުނީ، ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އައި އުމުރުން 93 އަހަރުގެ ދިވެހި ފިރިހެނަކު ވެސް މިއަދު މަރުވެފައިވާ ކަމަށެވެ. އެ މީހާ މަރުވީ ހެނދުނު 6:55 ގަ އެވެ.

އޭގެ ކުރިން ވެސް މިއަދު ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އައި އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނަކާއި 58 އަހަރުގެ ދިވެހި ފިރިހެނަކު ވެސް މަރުވެފަ އެވެ. އަދި ރޭ ދަންވަރު 2:02 ގައި ވަނީ އައިޖީއެމްއެޗްގެ އިމަޖެންސީ ރޫމަށް ގެންދިޔަ އުމުރުން 81 އަހަަރުގެ މީހަކު ވެސް އެ ބަލީގައި މަރުވެފަ އެވެ.

މިއަދުގެ މިހާތަނަށް ކޮވިޑްގައި ފަސް މީހަކު މަރުވިއިރު، އިއްޔެ ވެސް ބަލީގައި ހަ މީހަކު މަރުވި އެވެ.

ކޮވިޑްގައި މަރުވި މީހުންގެ ޖުމުލަ އަދަދު 134 އަށް އަރާފައިވާއިރު އޭގެ ތެރެއިން 59 މީހުން މަރުވީ މި މަހުގަ އެވެ. އެހެންވެ، މި މޭ މަހަކީ ކޮވިޑް ބަލީގައި އެންމެ ގިނަ މީހުން މަރުވި މަހެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުން ގިނަވެގެން އެތައް ބަޔަކު އެންމެ ކުރިއްސުރެ ކަންބޮޑުވަމުން އަންނައިރު، މިހާރު ދައްކަން ޖެހިފައި ވަނީ އެ ބަލީގައި ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު މަރުވާތީ އެ ވާހަކަ އެވެ.