20 ނޮވެމްބަރ 2016 - 09:23

ޓިއުރިން (ނޮވެމްބަރު 20) – މި ގަރުނުގައި އުފަންވި ކުޅުންތެރިންގެ ތެރެއިން ޔޫރަޕުގެ ގަދަ ހަތަރު ލީގުގެ ތެރެއިން ލީގެއްގައި ކުޅުނު ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފް ޔުވެންޓަސްގެ އުމުރުން 16 އަހަރުގެ ފޯވާޑް މޮއިސް ކީން އަށް ލިބިއްޖެ އެވެ.
އިޓަލީގެ 17 އަހަރުން ދަށުގެ ޓީމުގެ ފޯވާޑް ކީން ކުޅެން އެރީ އިޓާލިއަން ލީގުގައި ރޭ ޕެސްކާރާ އަތުން 3-0 އިން ޔުވެންޓަސް މޮޅުވި މެޗުގެ ފަހު ހަ މިނެޓަށެވެ. އޭނާ ވެފައިވަނީ އިޓަލީ، އިންގްލެންޑް، ސްޕެއިން އަދި ޖަރުމަން ލީގުގައި ކުޅުނު 2000 ވަނަ އަހަރު ނުވަތަ އޭގެ ފަހުން އުފަންވި ފުރަތަމަ ކުޅުންތެރިޔާއަށެވެ.
ޔުވެންޓަސްއާ އެކު އަދި ޕްރޮފެޝަނަލް ކޮންޓްރެކްޓެއްގައި ސޮއިކޮށްފައިނުވާ ކީން ވަނީ މިދިޔަ ސީޒަނުގައި ޔުވެންޓަސްގެ ޔޫތު ތީމަށް 30 މެޗުން 25 ގޯލް ޖަހައިދީފަ އެވެ. މި ސީޒަނުގައި ފަސް މެޗުން އޭނާ ވަނީ ފަސް ގޯލް ޖަހައިފަ އެވެ. އައިވަރީ ކޯސްޓް އާއިލާއަކަށް ނިސްބަތްވާ ކީން އުފަންވި އަދި އުޅެބޮޑުވީ އިޓަލީގަ އެވެ.
ޔޫރަޕުގެ އެހެން ލީގުގައި ކުޅެފައިވާ މި ގަރުނުގައި އުފަންވި ކުޅުންތެރިންގެ ތެރޭގައި ފްރާންސް ލީގުގައި ސެޕްޓެމްބަރު މަހު ބޯޑޯއާ ދެކޮޅަށް ކުޅުނު މެޓްޒްގެ އުމުރުން 16 އަހަރުގެ ވިންސެންޓް ތިލް ހިމެނެ އެވެ. އޭނާ ވަނީ ލަގްޒަމްބާގް ގައުމީ ޓީމަށް ހަ މެޗު ކުޅެދީ އެއް ގޯލް ޖަހައިފަ އެވެ.
ރޭ ޔުވެންޓަސް މޮޅުވި މެޗުގައި ގޯލް ޖަހައިދިނީ ސާމީ ކެދީރާ އާއި މާރިއޯ މަންޑުޒުކިޗް އަދި ހެނާނެސް އެވެ. އެ ޓީމު ވަނީ މި މޮޅާ އެކު ލީގުގެ އެއް ވަނައިގައި ހަތް ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. އެ ޓީމަށް 33 ޕޮއިންޓް ލިބިފައިވާއިރު ރޯމާ އާއި އޭސީ މިލާން މިރޭ ކުޅޭ މެޗުތަކުން މޮޅުވެއްޖެ ނަމަ ޔުވެންޓަސްގެ ލީޑު ހަނިވާނެ އެވެ.