24 މެއި 2021 - 09:24

ދެ ގަޑިއިރުގެ ތެރޭގައި ކޮވިޑު-19 ގައި ދެ މީހަކު މިއަދު މަރުވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އައިޖީއެމްއެޗްގެ އިމަޖެންސީ ރޫމަށް ގެންދިޔަ 81 އަހަރުގެ ފިރިހެނަކު ރޭ ދަންވަރު 2:02 ގައި މަރުވެފައިވާ ކަމަށެވެ. އެއީ ކޮވިޑު-19 ގެ 130 ވަނަ މަރުގެ ގޮތުގައި ވަނީ ކަނޑައަޅައިފަ އެވެ.
އޭގެ ގާތްގަނޑަކަށް ދެ ގަޑިއިރު ފަހުން 4:25 ގައި މަރުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ 58 އަހަރުގެ ފިރިހެނެކެވެ. އެއީ ބަލީގެ 131 ވަނަ މަރެވެ.
ކޮވިޑުގައި އެންމެ ފަހުން މަރުވި ދެ މީހުންނާއެކު މި މަހު އެކަނި ވެސް އެ ބަލީގައި މަރުވި މީހުންގެ އަދަދު 58 އަށް އެރީ އެވެ.
ކޮވިޑް ޖެހޭ މީހުންގެ އަދަދު ކޮންމެ ދުވަހަކު ހާހުން ގުނެމުން ދާއިރު ވެސް ކޮންމެ ދުވަހަކު އެތައް ބަޔަކު ވެސް ދަނީ މަރުވަމުންނެވެ.
މިއީ މި ބަލީގައި ރާއްޖޭން އެންމެ ގިނަ މީހުން މަރުވި މަހެވެ.