23 މެއި 2021 - 22:09

ކޮވިޑް-19 ގައި ރާއްޖެ އިން މިއަދުގެ މިހާތަނަށް ހަ މީހަކު ނިޔާވެއްޖެ އެވެ.
އެ ބަލީގައި މިއަދު ހެނދުނާއި ހަވީރު ތިން މީހަކު ނިޔާވެފައި ވަނިކޮށް، މިރޭ ވެސް ވަނީ ތިން މީހަކު ނިޔާވެފަ އެވެ.
އެޗްޕީއޭ އިން ބުނީ، މިއަދުގެ މިހާތަނަށް ނިޔާވި ހަ މީހުންގެ ތެރެއިން ފަސް މީހަކު ނިޔާވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެނިކޮށް ކަމަށެވެ. އެކަކު ނިޔާވީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދެނިކޮށެވެ.
މިރޭ 6:40 ގައި މިރޭ ފުރަތަމަ ނިޔާވީ އުމުރުން 79 އަހަރުގެ ދިވެހި އަންހެނެކެވެ. އޭގެ ފަހުން، 7:53 ގައި ނިޔާވީ އުމުރުން 68 އަހަރުގެ ދިވެހި އަންހެނެކެވެ. އަަދި އެންމެ ފަހުން މިރޭ 8:12 ގައި ނިޔާވީ އުމުރުން 78 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގެ 17 ވަނަ ފަންގިފިލާގައި ފަރުވާ ދެނިކޮށް ހަވީރު 5:40 ގައި ނިޔާވީ އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މިއާއެކު މި މަހު އެކަނި ވެސް ކޮވިޑްގައި 56 މީހަކު ވަނީ ނިޔާވެފަ އެވެ. އެ ބަލީގައި ޖުމުލަ ނިޔާވި މީހުންގެ އަދަދު 129 އަށް އެރީ އެވެ.
ކޮވިޑްގައި ނިޔާވާ މީހުންގެ އަދަދުތައް އިތުރުވަމުން ދާއިރު، އުމުރުން ހަގު ގިނަ މީހުންނަކީ ކުރިއްސުރެ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުން އައި ބައެއް ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.