20 ނޮވެމްބަރ 2016 - 08:42

މިލާން (ނޮވެމްބަރު 20) – ވަކިވަކި ކުޅުންތެރިންގެ ހުނަރަށް ބަލާއިރު އިންޓަ މިލާނަކީ ޔުވެންޓަސްއާ އެއް ފެންވަރެއްގެ ޓީމެއް ކަމަށާއި އެ ޓީމަށް ފުރިހަމައަށް އިހުތިރާމް ދޭން ޖެހޭ ކަމަށް އޭސީ މިލާނުގެ ކޯޗު ވިންޗެންޒޯ މޮންޓެލާ ބުނެފި އެވެ.
މިލާން ޑާބީ މެޗުގައި މިރޭ ވާދަވެރި މި ދެ ޓީމު ކުރިމަތިލާއިރު މި ވަގުތު ކުރީގައި އޮތީ މިލާނެވެ. ލީގުގެ ތިން ވަނައިގައި މިލާން އޮތްއިރު އިންޓަ އޮތީ 10 ވަނައިގަ އެވެ. މޮންޓެލާއާ އެކު މިލާނުގެ ޒުވާން ކުޅުންތެރިން ރަނގަޅު ފޯމެއްގައި ތިބިއިރު އިންޓަ އަށް މި ސީޒަނުގައި ވަނީ މައްސަލަކާ ދިމާވެފަ އެވެ. އެގޮތުން ކޯޗު ފްރޭންކް ޑި ބޮއާ ވަކިކޮށްފައިވާއިރު މިރޭގެ މެޗަކީ އާ ކޯޗު ސްޓެފާނޯ ޕިއޯލީގެ ފުރަތަމަ މެޗެވެ.
"އަހަރެން ގަބޫލެއް ނުކުރަން މެޗުގެ ފޭވަރިޓަކީ މިލާން ކަމަށް. އިންޑިވިޖުއަލީ ބަލާއިރު އިންޓަ އަކީ ޔުވެންޓަސް ފެންވަރުގެ ޓީމެއް. އެހެންވެ މި މެޗު އަންޑައެެސްޓިމޭޓް ކުރެވޭކަށް ނެތް. މެޗުގައި އަހަރެމެން ޖެހޭނީ އަހަރެމެންގެ ހުރި ހުނަރެއް ނެރެ އަދި މޮޅުވުމުގެ އަޒުމުގައި ތިބެ އިހުތިރާމާ އެކު ކުޅެން،" މޮންޓެލާ ބުންޏެވެ.
މޮންޓެލާ ބުނީ އިންޓަގެ އާ ކޯޗަށް ޓީމުގެ ޓެކްޓިކްސް އަށް މަސައްކަތްކުރަން ވަގުތު ނުލިބޭނެ ކަމަށާއި އޭނާ މަސައްކަތްކުރާނީ ކުޅުންތެރިންގެ ވިސްނުން ރަނގަޅުކުރަން ކަމަށެވެ. އަދި މި މެޗުގައި މާބޮޑު ޓެކްސްޓިސްއެއް މަސައްކަތެއް ވެސް ނުކުރާނެ ކަމަށާއި ކާމިޔާބު ލިބޭނީ ރަނގަޅަށް މެޗަށް ކޮންސްޓްރޭޓްކުރާ ޓީމަކަށް ކަމަށް އޭނާ ބުންޏެވެ.
އިޓަލީ ގައުމީ ޓީމަށް ކުޅެނިކޮށް މިލާނުގެ އިތުބާރު ޑިފެންޑަރު އަލެސިއޯ ރޮމަނިލޯ އަށް އަނިޔާވެފައިވާއިރު ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ ފިޓްވެ މިރޭ ކުޅޭނެ އެވެ. އޭނާ ނެތިއްޖެ ނަމަ އެ މަގާމަށް ކުޅޭނީ ޕެރެގުއޭގެ ޒުވާން ޑިފެންޑަރު ގުސްޓާވޯ ގޯމޭޒް ނުވަތަ ކޮލަމްބިއާގެ ތަޖުރިބާކާރު ޑިފެންޑަރު ކްރިސްޓިއަން ޒަޕާޓާ އެވެ.
މިރޭގެ މެޗަކީ މިލާނުގެ ވެރިޔާ ސިލްވިއޯ ބާލުސްކޯނީގެ ދައުރުގައި އެ ޓީމު ކުޅޭނެ ފަހު ޑާބީ މެޗެވެ. އެ ކްލަބް ޗައިނާގެ ކުންފުންޏަކަށް ވިއްކާލާފައިވާއިރު އަންނަ މަހުން ފެށިގެން ޓީމު ހިންގާނީ އެ ކުންފުނިންނެެވެ.
އިންޓަގެ ކޯޗު ޕިއޯލީ ބުނީ އިންޓަގެ ކުޅުންތެރިންގެ ވިސްނުމާއި ޕޮޒިޓިވް އެޓިޓިއުޑާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށާއި މެޗަށް ކުޅުންތެރިން ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށެވެ.
"ކުޅުންތެރިންގެ އިތުބާރު ވަރަށް ބޮޑު. މިއީ އަހަރެމެން އެނބުރި އަންނަން ލިބޭ ރަނގަޅު ފުރުސަތެއް. މިއީ ކުރީގެ ވާހަކަދައްކަންވީ ވަގުތެއް ނޫން. ބޮޑަށް ކުރިމަގާ ބެހޭގޮތުން ވިސްނައި ވާހަކަދައްކަންވީ،" ޕިއޯލީ ބުންޏެވެ.
ސެން ސީރޯ ސްޓޭޑިއަމުގައި މިރޭ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 00:45 ގަ އެވެ.