24 މެއި 2021 - 09:44

އިނގިރޭސި ޕްރިމިއާ ލީގު ހަތް ވަނަ ފަހަރަށް ރޭ އުފުލާލި، މެންޗެސްޓާ ސިޓީން އެ ކްލަބްގެގެ ކުރީގެ ދަނޑު، "މެއިން ރޯޑް ސްޓޭޑިއަމް" ގައި ކްއީންސް ޕާކް ރޭންޖާސް (ކިއުޕީއާރް) އާ ދެކޮޅަށް 1994-1995 ގެ ޕްރިމިއާ ލީގުގެ ފަހު މެޗުގައި ސިޓީގެ ގޯލް ބަލަހައްޓަން ނުކުތީ، މި އިންޓަވިއުގައި އަހަރެމެން މި ކިޔައިދޭ ޖޯން 'ބަޖީ' ބްރިޖް އެވެ. ހޫނު މޫސުމުގެ ޗުއްޓިއަށް ޔޫރަޕް ދިޔައީ ތައްޔާރުވަމުންނެވެ. ފުޓްބޯޅަ ސީޒަންގެ ފަހު މެޗުތަކުގެ އޮއިވަރުގައި ފުޓްބޯޅަ ފޭނުން ތިބީ ޖެހިފަ އެވެ.

މެއި 14، 1995 ގައި، ސިޓީގެ ޖޯޒީ އާއި ކީޕަރު އަންގި ލައްވައިގެން ކިއުޕީއާރް އާ ދެކޮޅަށް ކުޅެން ބަޖީ ނުކުތުމުން، އިނގިރޭސި ފުޓްބޯޅައިގެ ތާރީހްގެ ތެރެއަށް އޭނާގެ ނަން ވަދެގެން ދިޔައީ އެވެ. އެ ދުވަހުގެ މެޗާ އެކު ދުނިޔޭގެ އެންމެ ބޮޑު ލީގު، ޕްރިމިއާ ލީގުގައި ކުޅުނު އެންމެ ދުވަސްވީ ކުޅުންތެރިޔާގެ ރެކޯޑް އޮތީ އޭނާ އަށެވެ. އެ މެޗުގައި ކުޅެން ނުކުތް އިރު އޭނާގެ އުމުރަކީ 43 އަހަރާއި 162 ދުވަހެވެ.

ޕްރިމިއާ ލީގުގެ މެޗަކުން ރެކޯޑް ފޮތަށް އެރި، މި ކީޕަރަށް ރާއްޖޭގެ ފުޓްބޯޅައިގެ ވާހަކަ އަލެއް ނޫނެވެ. ރާއްޖޭގެ ފުޓްބޯޅައާ ބެހޭގޮތުން ޝައުގުވެރި ވާހަކަތަކެއް އޭނާގެ އެބަހުއްޓެވެ. ނަމަވެސް އެއަށް ވުރެ ކުރިން އަދި އޭނާއާ ގުޅޭ މާ ހާއްސަ ވާހަކައެއް ކިޔައިދޭނަމަވެ.

ފުޓްބޯޅަ ބަލާ ދިވެހި ފޭނުންނަށް ބަޖީގެ ނަން އަލެއް ނުވާނެ އެވެ. ފޭސްބުކް މެދުވެރިކޮށް ދެކުނު އޭޝިއާ އަށް ލައިވްކުރާ ލަ ލީގާގެ މެޗުތަކުގެ އެއް އެނަލިސްޓަކީ، ބަޖީ އެވެ. އޮމާންގައި މިހާރު ދިރިއުޅޭ ބަޖީ އަކީ، "ދުނިޔޭގެ ފުޓްބޯޅައިގެ މެޕުން ޖާގަ ނުލިބޭ" ގައުމުތަކުން، ޕްރިމިއާ ލީގަށް ކުޅުންތެރިން ހޯދުމުގައި އެކްސްޕާޓެއް ކަމަށް އޭނާ ބުނެ އެވެ.

އޮމާންގެ ގައުމީ ޓީމުގެ ގޯލްކީޕަރު ކޯޗް ކަމާ ބަޖީ ހަވާލުވީ ބޮޑު ޕްރަޕޯސަލްއަކާ އެކު އެވެ. އޭނާ ވައުދުވީ ޕްރިމިއާ ލީގުގައި ކުޅޭނެ ކުޅުންތެރިޔަކު އޮމާން އިން ހޯދުމަށެވެ. އެ ވައުދު އޭނާ ފުއްދައި، އޮމާންގެ ކީޕަރު އަލީ އަލް ހަބަސީއަށް، ޕްރިމިއާ ލީގުން ޖާގަ ހޯދައިދިނެވެ.

"އަހަރެން ކަނޑައެޅީ ފަސް އަހަރުގެ ޓާގެޓެއް، އޮމާންގެ އެފްއޭގައި އަހަރެން ބުނިން އަހަންނަށް ފަސް އަހަރު ދޭށޭ އޮމާންއަށް އުފަން އޮމާންގެ ނަސްލު ކުޅުންތެރިޔަކު ޕްރިމިއާ ލީގަން ގެންދާނަމޭ،" "މިހާރު" އަށް ދިން އިންޓަވިއުގައި ބަޖީ ބުންޏެވެ.
"ފުރަތަމަ މަސައްކަތް ފަށައިގެން އަހަރެން މާޔޫސްވި އޮމާންގެ ޓޮޕް ޑިވިޝަންގައި ނެތް ޕްރިމިއާ ލީގުގެ ކޮލިޓީ ހުރި ކުޅުންތެރިއެއް. ދެން އަހަރެން ބެލީ ސީނިއާ ކެރިއާ ނުފަށައި ހުރި ޔޫތު ކުޅުންތެރިޔަކަށް. އަހަންނަށް ފެނުުނީ ތިން ވަނަ ޑިވިޝަންގައި ކުޅެމުން ދިޔަ ކީޕަރެއް. އޭނާގެ ކުޅުން އަހަންނަށް ކަމުދިޔައިމަ އޮމާންގެ ފުރަތަމަ ޑިވިޝަންގެ ކުލަބެއްގެ ކޯޗަކު ކައިރީ ބުނެގެން އޭނާ ފުރަތަމަ ޑިވިޝަނަށް ގެނައީ."
އަލީ އަލް ހަބަސީ ޕްރިމިއާ ލީގުގެ ފެންވަރުގެ ތަރިއަކަށް ހެދުމަށް، ބަޖީ ވަނީ މެދުކެނޑުމެއްނެތި ދެ އަހަރު މަސައްކަތް ކޮށްފަ އެވެ. ޓްރޭނިންގައި ގިނަ ވަގުތު ހޭދަ ކުރީ، ހަބަސީގެ ފެންވަރު މަތިކޮށް ގައުމީ ޓީމާ ހަމައަށް ގެންގޮސް ދިނުމަށެވެ.
"އޭނާ ގޮވައިގެން ކޮންމެ ދުވަހަކު އަހަރެން މަސައްކަތް ކުރަން، ޖިމްގައި، ދަނޑުގައި. ދެ އަހަރު ފަހުން އޭނާ ގައުމީ ޓީމަށް ނެގީމަ ބައެއް މީހުންނަށް ކަމަކު ނުދިޔަ. އާ ކީޕަރެއް ވީމާ ކަމުނުދިޔައީ. އެކަމަކު އަހަރެން ބުނިން އަހަންނޭ މީ ގޯލްކީޕިން ކޯޗަކީ ކީޕަރު ނަގާނީ އަހަންނޭ. އިއްތިފާގުން ވީ ގޮތަކީ އޭރު ގައުމީ ޓީމުގެ އެއް ވަނަ ކީޕަރަށް އަނިޔާއެއް ވެގެން ސްކޮޑާ ވަކިވާން ޖެހުމުން އަހަރެން ނިންމީ އަލީ އަލް ހަބަސީ ލައްވައި ކުޅުވަން،" އޮމާންގައި ކުރި މަސައްކަތުގެ ތަޖުރިބާތައް ބަޖީ ހިއްސާ ކުރި އެވެ.
"ގައުމީ ޓީމުގައި މޮޅަށް ކުޅެން ފެށީމާ ދެން މީހުންނަށް ގަބޫލު ކުރެވުނީ އަހަރެން ދައްކާ ވާހަކަ. އެހާ ހިސާބުން އަހަރެން މަސައްކަތް ފަށައިފިން އޭނާއަށް ޕްރިމިއާ ލީގު ޖާގައެއް ލިބޭތޯ ބަލަން."
ޕްރިމިއާ ލީގުގެ އެންމެ ބޮޑު ކްލަބުން ފުރުސަތު ލިބޭތޯ ބަޖީ މަސައްކަތް ކުރި އެވެ. އަލީ އަލް ހަބަސީއަށް ޓްރެއަލްއެއް ހޯދަން ބަޖީ ވާހަކަ ދެއްކީ މެންޗެސްޓާ ޔުނައިޓެޑާ އެވެ.
"[އެލެކްސް] ފާގަސަން އަށް އަހަރެން ގުޅައިގެން މެންޗެސްޓާ ޔުނައިޓެޑުން އަލީ އަށް ޓްރެޔަލް ހޯދައިދިނީ. އޭނާ އަކީ ހަ ފޫޓް ހުރި އިސްކޮޅުން ދިގު ކީޕަރެއް. ފާގަސަންއަށް އޭނާ ކަމުދިޔަ އަދި ޔުނައިޓެޑްގެ ސްކޮޑްގައި ޖަހަން ބޭނުންވި. ނަމަވެސް އިންގްލެންޑްގެ ވޯކް ވިސާ ނުލިބިގެން އެކަން ކާމިޔާބު ނުވީ. އިނގިރޭސި ވޯކް ވިސާއެއް އަލީ އަކަށް ނުލިބުނު،" ބަޖީ ބުންޏެވެ.
"ޕްރިމިއާ ލީގުގެ ބައެއް އެހެން ކްލަބުތަކާ އަހަރެން ވާހަކަ ދެއްކިން. އަހަރެން ދިޔައީ އޭނާ ގޮވައިގެން ބޯލްޓަން ވޮންޑާސްގައި ހުރި ބިގް ސޭމް [ސޭމް އެލަޑައިސް] ކައިރިއަށް. ސޭމް ބުނި ބަޖީ އޭ މެންޗެސްޓާ ޔުނައިޓެޑުން ހޯދަން އުޅެ ނުލިބުނު ވޯކް ވިސާ އިންގްލެންޑްގެ އެހެން ކްލަބަކަށް ނުލިބޭނެޔޭ."
އަލީ އަލް ހަބަސީގެ ކެރިއާ ބިނާކޮށްދިނުމަށް، ބަޖީ ވައުދުވި މަސައްކަތް އެހާ ހިސާބުން ނިމުނީއެއް ނޫނެވެ. އަލަޑައިސްގެ ލަފާގެ މަތިން ނޯވޭގެ ލީން އޮސްލޯއަށް އޭނާ ބަދަލުވި އެވެ. އެގޮތަށް އަމަލު ކުރަން އެލަޑައިސް ލަފާ ދިނީ ނޯވޭގައި ދެ އަހަރު ހޭދަ ކުރުމުން އިނގިރޭސި ވޯކް ވިސާ ހޯދަން ފަސޭހަ ވާނެތީ ކަމަށް ބަޖީ ބުންޏެވެ.
ނޯވޭގެ ލީގުގައި ތިން އަހަރު ހޭދަ ކުރުމަށް ފަހު، އަލީ އަލް ހަބަސީ ބޯލްޓަން ވޮންޑާސްއަށް ބަދަލުވީ 2006 ގަ އެވެ. ޕްރިމިއާ ލީގުގައި އޭނާ އެންމެ ފުރަތަމަ މެޗެއް ކުޅުނީ ލޯނު އެއްބަސްވުމުގެ ދަށުން އޭރު އޭނާ ކުޅުނު ވިގަން އެތުލެޓިކްއަށެވެ. ޔޫރޮޕާ ލީގުގައި ވެސް ކުޅުނު ކީޕަރަކީ މިހާތަނަށް އޮމާންގެ ފުޓްބޯޅައިގައި އުފެއްދި އެންމެ މޮޅު ކުޅުންތެރިޔާ އެވެ. ބަޖީގެ މަސައްކަތަށް ތައުރީފެވެ.
އޮމާންގެ އިތުރުން ފިލިޕީންސް، މެލޭޝިއާ އަދި އިންޑިއާގެ ފުޓްބޯޅައިގައި ވެސް ބަޖީ، މަސައްކަތްކުރި އެވެ. އިންޑިއަން ސުޕަ ލީގުގެ ކްލަބު، ކެރަލާ ބްލަސްޓާގައި ބަޖީ މަސައްކަތް ކުރީ ގޯލްކީޕިންގެ ކޮންސަލްޓެންޓެއްގެ މަގާމުގަ އެވެ. އޭނާ ދެކޭ ގޮތުގައި ދުނިޔޭގެ ފުޓްބޯޅައިގެ މެޕުން ޖާގަ ހޯދުމަށް ރާއްޖެ އާއި އިންޑިއާއަށް ވެސް އޮތީ އުސޫލެކެވެ.
ދުނިޔޭގެ ފުޓްބޯޅައިގެ މެޕުން ޖާގަ ހޯދާ ވާހަކަ އަކީ އިންޑިއާގެ ފުޓްބޯޅައިގައި ގަދައަށް ދެކެވޭ ވާހަކަ އެކެވެ. ނަމަވެސް ބަޖީ ދެކޭގޮތުގައި ވޯލްޑް ކަޕްގެ ވާހަކަ އާއި ދުނިޔޭގެ ފުޓްބޯޅައިގެ މެޕުން ޖާގަ ހޯދާ ވާހަކަ އިންޑިއާއިން ދެއްކުމުގެ ކުރިން އެންމެ ފަުރަތަމަ ކުރަން ޖެހޭ ކަމަކީ ޕްރިމިއާ ލީގުގެ ތަރިއެއް ހޯދުމެވެ. އޭނާ ބުނީ ރާއްޖެއަށް ވެސް އޮތީ ހަމަ އެ އުސޫލު ކަމަށެވެ.
"ވޯލްޑް ކަޕަށް މި ކޮލިފައިވަނީ ދުނިޔޭގެ އެންމެ ވަރުގަދަ ލީގުތަކުގެ ކުޅޭ ކުޅުންތެރިން ހިމެނޭ ގައުމުތައް. އަހަރެން އިންޑިއަން ސުޕަ ލީގުގައި މަސައްކަތް ކުރިއިރުވެސް އަހަރެން ބުނަން އެމީހުން ކައިރީގައި ކަލޭމެން ކުރަން ޖެހޭ ކަމަކީ މިއޭ، އިންޑިއާއަށް އުފަން އިންޑިއާގެ މަންމަ އަކާއި ބައްޕައަކަށް ނިސްބަތްވާ އިންޑިއާގެ ރަށްވެހިކަން އޮތް ކުޅުންތެރިޔެކަށް ޕްރިމިއާ ލީގުން ފުރުސަތު ހޯދައި ދިނުމޭ،" ބަޖީ ބުންޏެވެ.
"އަހަރެންގެ ކުރިމަތިގައި އިންޑިއާ އާއި ދިވެހިރާއްޖެ ހަމަހަމަ. އެއީ މި ދެ ގައުމަކަށްވެސް އަދި ނެތް ވޯލްޑް ކަޕަށް ދެވިފައެއް، ނެތް ޕްރިމިއާ ލީގުގެ ކުޅުންތެރިޔަކު އުފެއްދިފައެއް. އެހެންވީމަ އަހަންނަށް މި ދެ ގައުމުވެސް ހަމަހަމަ. ޕްރިމިއާ ލީގަކީ ދުނިޔޭގެ ފުޓްބޯޅައިގެ މެޕް. ފުޓްބޯޅައިގެ މެޕުން ރާއްޖެ އާއި އިންޑިއާވެސް ޖާގަ ހޯދާ ކަމަށް ވަންޏާމު އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ޕްރިމިއާ ލީގުގެ ކުޅުންތެރިޔެއް ހޯދުން."
ރާއްޖެ ކަހަލަ ކުޑަ ގައުމަކުން ޕްރިމިއާ ލީގުގެ ފެންވަރުގެ ތަރިއަކު ހޯދޭނެތޯ ސުވާލު ކުރުމުން އޭނާ ބުނީ މިހެންނެވެ.
"ފުޓްބޯޅަ އަކީ ވަކި ގައުމަކަށް އޮންނަ ކަމެއް ނޫން. އަހަންނަށް ޔަގީން ހޯދޭނެކަން،" ބަޖީން ބުންޏެވެ.
"ފަސް ވަރަކަށް އަހަރު ތެރޭ ހޯދޭނެ އޮމާންގައި ފަސް އަހަރު ތެރޭ މި ހޯދީ. އަހަރެން ބުނިން އިންޑިއާގައި މަސައްކަތްކުރި އިރު ވެސް. އިންޑިއާގެ ފެޑެރޭޝަންގައި މަސައްކަތްކުރަން އަހަންނަށް ފަސް އަހަރު ދިނަސް ހޯދާނަމޭ. ރާއްޖެއިން ވެސް ހޯދޭނެ."
ރާއްޖެގޭ ފުޓްބޯޅައާ ބެހޭގޮތުން ބަޖީ ވަނީ ވާހަކަ އަޑު އަހައިފަ އެވެ. އަދި ރާއްޖޭގެ ވާހަކަވެސް އޭނާއަށް އަލެއް ނޫނެވެ. އެފްއޭއެމުން 10 ވަރަކަށް އަހަރު ކުރިން އޭނާ އާ ވާހަކަ ދެއްކި ކަމަށް ބަޖީ ބުނެ އެވެ.
"ދިހަ ވަރަކަށް އަހަރު ކުރިން އަހަންނާ ވާހަކަ ދެއްކި ރާއްޖޭގެ އެފްއޭގެ ޖެނަރަލް ސެކެޓްރީ. އޭނާ ބުނި ރާއްޖޭގެ ކޯޗަކަށް ގެންނަން ޝޯޓް ލިސްޓް ކުރި ނަންތަކުގެ ތެރޭގައި އަހަރެންގެ ނަންވެސް ހިމެނެޔޭ،" ބަޖީ ބުންޏެވެ. އަހަންނަށް މެސެޖު ލިބުނު. އެއީ އަހަންނަށް ރާއްޖޭގެ ފުޓްބޯޅައިގެ ވާހަކަ ފުރަތަމަ އަޑު އެހި ގޮތަކީ."
ދިހަ އަހަރު ކުރިން ކަމުގައިވާ ނަމަ، އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ އަކީ ކުރީގެ އެއް ވަނަ ފޯވަޑް ޝާހް އިސްމާއީލް (ސާޔާ) އެވެ. އޭނާ ވިދާޅުވީ ޖެނަރަލް ސެކެޓްރީ ކަމުގައި ހުންނެވި އިރު، ރާއްޖޭގެ ފުޓްބޯޅައިގެ މަގާމަކަށް ގެންނަން، އިނގިރޭސި ވިލާތުގެ އެއްވެސް މިހަކާ ވާހަކަ ނުދައްކާ ކަމަށެވެ. ރާއްޖެއިން އޭނާއާ ވާހަކަ ދެއްކީ ކާކު ކަމެއް ބަޖީ، 69ގެ ހަނދާނަކަށް ނައެވެ.
"އަހަންނަކަށް ރަސްމީ ހުށަހެޅުމެއް ނާދޭ. ޝޯޓް ލިސްޓް ކުރި ކަމަށް ބުނަނީ، އަދި އޭރު އެހެން ޕްރޮޖެކްޓެއްގައި ވެސް މަސައްކަތްކުރަމުން ދާތީ އެކަމާ ނުވިސްނަން،" ބަޖީ ބުންޏެވެ.
ޕްރިމިއާ ލީގުގެ މި ކީޕަރުގެ އަތުގައި އޮތީ، އެ ލީގުގެ އެންމެ ދުވަސްވީ ކުޅުންތެރިޔާގެ ރެކޯޑް އެކަންޏެއް ނޫނެވެ. ދުނިޔޭގެ އެންމެ ގިނަ ކްލަބުތަކަށް ކުޅުނު ކުޅުންތެރިންގެ ލިސްޓްގައި ބަޖީގެ ނަން އޮތީ ދެ ވަނައިގަ އެވެ. އޭނާ ވަނީ 29 ކްލަބަކަށް ކުޅެފަ އެވެ.