23 މެއި 2021 - 21:31

އެމްއެމްޕީއާރްސީ ޚިޔާނާތާ ގުޅިގެން ކްރިމިނަލް ކޯޓުގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް ދައުވާ އުފުލުމަށް ފޮނުވި ހަތް ގަޒިއްޔާ އެ ކޯޓުން ބާތިލްކުރި ހުކުމް އޮތީ، އެ މައްސަލަތަކުގައި ދައުވާ ހުށަހެޅުމުގެ ކުރިން ލިޔަން ފަށައި ގާޒީ އިސްމާއިލް ރަޝީދުގެ ޕެންޑްރައިވެއްގައި ސޭވްކޮށްފައި އޮތް ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފި އެވެ.
އަދީބުގެ މައްޗަށް ހަތް ދައުވާ ބާތިލްކުރީ ތަހުގީގުގެ ތެރެއިން ކުށަށް އިއުތިރާފުވުމާ ބެހޭގޮތުން ދައުލަތާއި އަދީބާ ދެމެދު ހެދި އެއްބަސްވުން ގޯސް ކަމަށާއި އެ އެއްބަސްވުމަށް ބިނާކޮށް ޝަރީއަތް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައެޅުމަށްފަހުގަ އެވެ.
ގަޒިއްޔާތައް ބާތިލްކުރި މައްސަލާގައި މީގެ ކުރިން ސަސްޕެންޑްކުރި ގާޒީގެ މައްސަލަ ބެލުމަށް ފަހު ޖޭއެސްސީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ކަން ހިނގާފައިވާ ގޮތަށް ބަލާއިރު ގާޒީ އިސްމާއިލް މައްސަލާގައި އަމަލުކޮށްފައިވަނީ ނުފޫޒެއް ނެތި ކަމަށް މިނިވަންކަމާއި މުސްތަގިއްލުކަމާ އެކުގައި ކަމަށް ފާހަގަ ނުވާ ކަމަށާއި އެހެންވެ އޭނާ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން މިހާރު ނިންމާފައިވާ ކަމަށެވެ.
ޖޭއެސްސީން ބުނީ ހުށަހެޅި މައްސަލަތަކާ ގުޅިގެން އިޖުރާއީ ކަންތައްތަކެއް ފާހަގަވާ ކަމަށް ވިދާޅުވެ ޖުލައި 12، 2020 ގައި އަޑުއެހުމެއް ބޭއްވުމެއް ފަހު 14 ވަނަ ދުވަހު ހުކުމްކުރި ކަމުގައި ވިޔަސް ތަހުގީގަށް ލިބިފައިވާ ޕެންޑްރައިވްއަކުން ފެބްރުއަރީ 22، 2020 ގެ ތާރީހުގައި ތައްޔާރުކޮށްފައި އޮތް "އިޖުރާއީ ގޮތުން ނިންމާ ނިންމުން" ކަމަށް ބުނާ ޑޮކިއުމެންޓެއް ފެނުނު ކަމަށެވެ. އަދި މި ލިޔުން ސޭވްކޮށްފައިވަނީ "trip finale v2" ގެ ނަމުގައި ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ. ޖޭއެސްސީން ބުނި ގޮތުގައި ގާޒީ ހުކުމް ކުރެއްވީ މި ލިޔުމުގައި އޮތް ގޮތަށެވެ.
"މި ނަމަކީ އާންމުގޮތެއްގައި މި ބާވަތުގެ ފައިލެއް ފަނޑިޔާރަކު ސޭވްކުރާނެ ނަމެއްކަމަށް ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާއިރު ގަބޫލުނުކުރެވޭ" ކަމަށް ޖޭއެސްސީގެ ބަޔާނުގައިވެ އެވެ. އަދި މި ނަމަކީ އަދީބުގެ މައްޗަށް ހުށަހެޅު ގަޒިއްޔާތަކާ ގުޅުމެއް ނެތް އާދަޔާ ހިލާފް ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ. ގާޒީ އިސްމާއިލް ބޭނުންކުރުމަށް ހާއްސަ ކޮމްޕިއުޓަރެއް ކްރިމިނަލް ކޯޓުގައި ހުންނައިރު ވަކި ގަޒިއްޔާތަކެއްގެ ލިޔެކިޔުން ވަކި ޕެންޑްރައިވެއްގައި ގެންގުޅުމާއި ގަޒިއްޔާތަކެއްގެ ދައުވާ ހުށަހެޅުމާ ހަމަޔަށް ނުދަނީސް އެ ގަޒިއްޔާތައް ނިންމާނެ ގޮތުގެ ފައިލް އެ ޕެންޑްރައިވްގައި އޮތުމުން، ގަޒިއްޔާތަކުގައި ގާޒީ އިސްމާއިލް ހުކުމްކުރެއްވީ ނުފޫޒެއް ނެތި މިނިވަންކަމާއި މުސްތަގިއްލުކަމާ އެކުގައި ކަމަށް ނުފެންނަ ކަމަށް ޖޭއެސްސީން ބުންޏެވެ.
އެހެންވެ، ގާޒީ އިސްމާއިލްގެ މި އަމަލަކީ ފަނޑިޔާރުންގެ ސްލޫކީ މިންގަނޑުތަކާ ހިލާފް އަމަލުތަކެއް ކަމަށާއި ގާނޫނުއަސާސީގައި ބުނާ ފަދަ، ފަނޑިޔާރުކަމުގެ މަގާމާ އެކަށީގެންނުވާ އަމަލަކަށް ވާތީ އިސްމާއިލް ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމީ ކަމަށް ޖޭއެސްސީން ބުންޏެވެ.
އަދީބުގެ ދައުވާތަކާ މެދު ގާޒީ އިސްމާއިލް ނިންމެވި ގޮތުގެ މައްސަލަ ޕީޖީ އޮފީހުން ޖޭއެސްސީއަށް ހުށަހެޅުމުން 60 ދުވަހަށް އޭނާ ސަސްޕެންޑްކުރީ މިދިޔަ އަހަރުގެ ޖުލައި 19 ގަ އެވެ. އެއީ ފަނޑިޔާރުކަމުން ވަކި ނުކޮށް ސަސްޕެންޑްކުރެވޭނެ އެންމެ ދިގު މުއްދަތެވެ. ނަމަވެސް ފަނޑިޔާރުގެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފުކުރުމުން، އަލުން މައްސަލަތައް ބަލަން ނިންމުމާ އެކު އަދީބު ވަނީ ދައުލަތާ އެކު ހެދި ޕްލީ ބާގެއިން އެއްބަސްވުމާ އެކު ކުރިއަށް ދާން ނިންމައި ދައުވާތަކަށް އިއުތިރާފްވެފަ އެވެ.
ޖޭއެސްސީން ސަސްޕެންޑްކޮށްފައި ހުރުމަށް ފަހު އެ މުއްދަތު ހަމަވުމުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅުން ފެށިގެން ގާޒީ އިސްމާއިލް ވަނީ އަލުން މަސައްކަތަށް ނުކުންނަވައިފަ އެވެ.