23 މެއި 2021 - 18:23

އެކައުންޓިން ދާއިރާ އަށް ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ ކުރީގެ އޮޑިޓަ ޖެނެރަލް އިސްމާއިލް ފަތުހީ ކޮވިޑް ބަލީގެ އާލާސްކަންފުޅުގައި، އުމުރުން 80 އަހަރުގައި މިއަދު އަވަހާރަވެއްޖެ އެވެ.
ނޮވެމްބަރު، 1993 އިން ޖެނުއަރީ 16، 2008 އަށް އޭނާ ވަނީ އޮޑިޓަ ޖެނެރަލްގެ މަގާމު އަދާކުރައްވައިފަ އެވެ. އަދި އެކައުންޓިން ދާއިރާ ކުރިއެރުވުމަށް ވަރަށް ގިނަ މަސައްކަތް ކުރައްވާފައިވެ އެވެ. ދައުލަތުގެ ފައިސާ ބެލެހެއްޓުމުގެ ނިޒާމު ޒަމާނީކޮށް ރާއްޖޭގައި ބުކްކީޕިން ދިވެހި ބަހުން ކިޔަވައިދެއްވަން ފެއްޓެވުމާއި އަތޮޅުތަކުގައި ދައުލަތުގެ މާލީ މަސައްކަތްކުރާ މީހުން މާލެ ގެނެސް ތަމްރީނުކުރުމުގައި އިސްމާއިލް ފަތުހީ ވަނީ އަގުހުރި މަސައްކަތްތަކެއް ކުރައްވައިފަ އެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރުކަމާއި ދައުލަތުގެ އިސް މަގާމުތަކެއް ދިގު މުއްދަތަކަށް އަދާކުރެއްވި މޫސާ ފަތުހީގެ ކޮއްކޯފުޅު އިސްމާއިލް ފަތުހީއަށް ލައިފްޓައިމް އެޗީވްމަންޓް އެވޯޑާއި ރާއްޖޭގެ އެކައުންޓިން ދާއިރާގެ ބައްޕަގެ ލަގަބު 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު ވަނީ އަރުވައިފަ އެވެ.
ޔުނިވަސިޓީ އޮފް ބޮމްބޭ އިން ކޮމާސްގެ ދާއިރާއިން ބެޗަލާސް ޑިގްރީ ހާސިލްކުރައްވައި ސަރުކާރުގެ އެކި ވަޒީފާތައް އިސްމާއިލް ފަތުހީ އަދާކުރެއްވި އެވެ. އޭގެ ތެރޭގައި ނެޝަނަލް ޕްލޭނިން އެޖެންސީ އަދި މިނިސްޓްރީ އޮފް ފިނޭންސްގެ ޑިރެކްޓަރުކަމާއި އެމްއެމްއޭގެ ވައިސް ގަވަރުނަރުކަން ހިމެނެ އެވެ. ރާއްޖޭގެ ފުރަތަމަ އޮޑިޓް ބިލް ޑްރާފްޓް ކުރެއްވުމުގައި ވެސް އޭނާ އިސް ދައުރެއް އަދާކުރެއްވި އެވެ.
އިސްމާއިލް ފަތުހީ ވަނީ ސަރުކާރަށް 46 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރައްވައިފަ އެވެ. އޭނާ އަށް ނިޝާން އިއްޒުއްދީނުގެ އިއްޒަތް އެރުވީ 2013 ވަނަ އަހަރު އެވެ.