20 ނޮވެމްބަރ 2016 - 09:30

ބާލިން (ނޮވެމްބަރު 20) - ވާދަވެރި ބޮރޫޝިއާ ޑޯޓްމަންޑް އަތުން 1-0 އިން ބަލިވެ ލީގުގެ އެއް ވަަނަ އަށް އަރަން ލިބުނު ފުރުސަތު ބަޔާން މިއުނިކަށް ގެއްލިއްޖެ އެވެ.
ރޭގެ މެޗުން ބަލިވުމުން ބަޔާން ލީގުގެ ދެ ވަނަ އަށް ވެއްޓުނީ ކުޅުނު 11 މެޗުން 24 ޕޮއިންޓާ އެކު އެވެ. އެއް ވަނައިގައި އޮތީ މި ފަހަރު އަލަށް ލީގަށް ކޮލިފައިވި އާރްބީ ލިޒްޕިގް އެވެ. ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ލިޒްޕިގް އެއް ވަނައިގައި އޮތީ 27 ޕޮއިންޓާ އެކު އެވެ. ހަތަރު އަހަރަށް ފަހު ލީގުގައި ބަޔާންގެ މައްޗަށް އަމިއްލަ ދަނޑުގައި ހޯދި ފުރަތަމަ މޮޅާ އެކު ޑޯޓްމަންޑް ތިން ވަނައިގައި އޮތީ 11 މެޗުން 21 ޕޮއިންޓާ އެކު އެވެ.
ރޭގެ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 11 ވަނަ މިނިޓްގައި ކާމިޔާބުކުރީ ގެބޮންގެ ފޯވާޑް ޕިއޭ އެމެރިކް އޮބާމަޔަންގް އެވެ. އޭނާ މި ލަނޑު ޖެހީ ކުރިން ބަޔާނަށް ކުޅުނު ޖަރުމަނުގެ މިޑްފީލްޑަރު މާރިއޯ ގޮޓްޒާ ދިން ބޯޅައަކުންނެވެ. ލީޑުފުޅާކުރަން އޮބާމަޔަންގަށް ލިބުނު ފުރުސަތުތަކުގެ ބޭނުން އޭނާ އަށް ނުހިފުނެވެ.
ނަތީޖާ ހަމަހަމަ ކުރަން ބަޔާންގެ ފްރޭންކް ރިބެރީ އާއި ޕޮލެންޑްގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ އަށް ލިބުނެވެ. އެހެން ނަމަވެސް އެއިން އެއްވެސް ބޯޅައެއް ގޯލަށް ވައްދާލެވޭ ގޮތެއްނުވި އެވެ.
ރޭގެ މެޗަށް ފަހު ޑޯޓްމަންޑްގެ ކޯޗު ތޯމަސް ޓުޗެލް ބުނީ މިއީ ދިގު އިންތިޒާރެއްގެ ނިމުން ކަމަށެވެ.
"އަހަރެމެން ފާއިތުވި އަހަރުތަކުގައި ލީގުގައި ބަޔާނާ ދެކޮޅަށް ވަރަށް މޮޅަށް ކުޅެފިން. އެކަމަކު ހަމައެކަނި ނުލިބެނީ ރަނގަޅު ނަތީޖާއެއް. އެކަމަށް އަޒުމް ކަނޑައަޅައިގެން ނުކުމެ ކުރި ހިތްވަރު މިއީ. ބަޔާނަކީ އިދިކޮޅަށް ކުޅެން ފަސޭހަ ޓީމެއް ނޫން. އެ ޓީމު އަތުން ލިބޭ ކޮންމެ މޮޅަކީ ކުރިއަށް އެޅޭ ފިޔަވަޅެއް،" ޓުޗެލް ބުންޏެވެ.