23 މެއި 2021 - 13:37

މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނުގެ ގާޒާ އަށް ދެމުން ދިޔަ ހަމަލާތަކާއި، ފަލަސްތީނުގެ ހަނގުރާމަވެރިން އިޒްރޭލަށް ދެމުން ދިޔަ ރޮކެޓް ހަމަލާތައް ހުއްޓައިލަން، ދެ ފަރާތުން ނިންމި ނިންމުން، ރަނގަޅަށް ތަންފީޒުކުރުމަށް، އދ.ގެ ސަލާމަތީ މަޖިލީހުން ގޮވާލައިފި އެވެ.
ސަލާމަތީ މަޖިލީހުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން 11 ދުވަސް ވަންދެން އިޒްރޭލު ސިފައިން ގާޒާއަށް ދެމުން ދިޔަ އުދުވާނީ ހަމަލާތަކާއި، އޭގެ ބަދަލުގައި ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތްތަކުން އިޒްރޭލަށް ދެމުން ދިޔަ ރޮކެޓް ހަމަލާތައް ހުއްޓައިލަން ދެ ފަރާތުން ނިންމި ނިންމުން، ފުރިހަމަ މާނައިގައި ތަންފީޒުކުރަންޖެހޭނެ ކަމަށެވެ.
ސަލާމަތީ މަޖިލީހުގެ މި ބަޔާނަށް، ބައިނަލްއަގްވާމީ މުޖްތަމައުގައި މާބޮޑު ތަރުހީބެއް ލިބިފައިނުވާ އިރު، ފަލަސްތީނުން ވަނީ މި ބަޔާނާ މެދު ނުރުހުން ފާޅުކޮށްފަ އެވެ. އދ. ގައި ހުންނަވާ ފަލަސްތީނުގެ މަންދޫބު ރިޔާޒް މަންސޫރު ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނަށް އެއްވެސް ތާއީދެއް ކުރުމެއް ނެތި ނެރޭ ބަޔާނެއްގެ ބޭނުންތެރިކަމެއް ނުފެންނަ ކަމަށެވެ.
"ފަލަސްތީނު ރައްޔިތުންނަށް ދެމުން ދިޔަ އުދުވާނުތައް ހުއްޓައިލިފަހުން، އަލް ގުދުސްގަޔާއި އަގްސާ އަދި ޝައިހު ޖައްރާހް އަވަށާއި، އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ އެހެން ބިންތަކުގައި އުޅޭ އަހަރެމެންގެ ރައްޔިތުންނަށް ތާއީދުކުރުމެއް ނެތި، ސަލާމަތީ މަޖިލީހުން މިފަދަ ބަޔާނެއް ނެރުމުގެ ބޭނުމެއް އޮތް ކަމަކަށް އަހަރެމެން ނުދެކެން،" ރިޔާޒް މަންސޫރު ވިދާޅުވި އެވެ.
އިޒްރޭލުގެ އުދުވާނީ ހަމަލާތަކުގައި ފަލަސްތީނުގެ 279 މީހުން ޝަހީދުވެ، 8900 އަށް ވުރެ ގިނަ މީހުން ޒަޚަމްވެގެން ދިޔައިރު ވެސް، ބަހެއް ނުބުނެ އޮތް ސަލާމަތީ މަޖިލީހުން، މި މައްސަލައިގައި ފުރަތަމަ ފަހަރަށް ބަޔާނެއް މިނެރުނީ، ހަމަލާތައް ހުއްޓައިލިތާ ދެ ދުވަސް ވާން ކައިރިވެފައި ވަނިކޮށެވެ.
އިޒްރޭލުގެ ހަމަލާތައް ކުރިއަށް ދިޔައިރު، އެ ހަމަލާތައް ހުއްޓައިލަން ގޮވައިލާ ބަޔާނެއް ނެރުމަށް، ސަލާމަތީ މަޖިލީހުގެ މިހާރުގެ ރިއާސަތު ބަލަހައްޓާ ގައުމުގެ ހައިސިއްޔަތުން ޗައިނާއިން، ތިން ފަހަރަށް، ބަޔާނެއްގެ ދެލިކޮޕީ ތައްޔާރުކޮށް، މަޝްވަރާތަކަށް ހުށަހެޅި އެވެ. ނަމަވެސް އެއިން ކޮންމެ ފަހަރަކު އެމެރިކާ ވީޓޯ ކުރުމުގެ ސަބަބުން އެ ބަޔާން ނެރެވޭ ގޮތް ނުވީ އެވެ.
އޭގެ ފަހުން ފަރަންސޭސި ވިލާތާއި މިސްރާއި ޖޯޑަން ގުޅިގެން އެކުލަވައިލި ގަރާރެއް ވެސް ސަލާމަތީ މަޖިލީހަށް ފޮނުވި އެވެ. އެ ގަރާރުވެސް އެމެރިކާގެ ވީޓޯއާ ހެދި ފާސްކުރެވޭ ގޮތެއް ނުވި އެވެ.
މިމަހުގެ 21 ވަނަ ދުވަހު ހަމަލާތައް ހުއްޓައިލުމާ ގުޅިގެން، ސަލާމަތީ މަޖިލީހުން ރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ، ގާޒާގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ވީއެންމެ އަވަހަކަށް ފޯރުވައިދިނުމަކީ ބޭނުންތެރި ކަމެއް ކަމަށެވެ. އަދި އިޒްރޭލުގެ ހަމަލާތައް ހުއްޓުވުމަށް މިސްރާއި، ސަރަހައްދުގެ އެހެން ގައުމުތަކުން އަދާކުރި ދައުރަށް، ސަލާމަތީ މަޖިލީހުގެ ބަޔާނުގައި ޝުކުރު އަދާކޮށްފައިވެ އެވެ.
އެމެރިކާގެ ރުހުމާއި ތާއީދާއެކު އިޒްރޭލުން ދިން އުދުވާނީ ހަމަލާތަކުގައި، ފަލަސްތީނުގެ 279 މީހުން ޝަހީދުވެ 8900 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވެ އެވެ. އޭގެ އިތުރުން އިމާރާތްތައް ސުންނާފަތި ކުރުމުގެ ސަބަބުން އެތައް ހާސް ބަޔަކު ވަނީ މަގުމަތިވެފަ އެވެ.
އިޒްރޭލުގެ ހަމަލާތަކުގައި ގާޒާގެ ބޯފެން ވިއުގައިގެ 50 އިންސައްތަ ހަލާކުވެ، ގާޒާގެ 600000 އަށް ވުރެ ގިނަ މީހުން ބޯފެނަށް ޖެހިފައިވާ އިރު، ހަލާކުވެފައިވާ ތަންތަން މަރާމާތުކުރުމަށް އެތައް މަހެއް ނަގާނެ އެވެ.
އަދި އެކަމަށް އެތައް ސަތޭކަ މިލިއަން ޑޮލަރެއް ޚަރަދުވާނެ ކަމަށް ފަލަސްތީނު ސަރުކާރުން ބުނެ އެވެ.