23 މެއި 2021 - 13:40

ފަލަސްތީނުގެ ގާޒާގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ދިން އުދުވާނީ ހަމަލާތަކުގައި، ގާޒާގެ ގެތަކަށް ސާފު ބޯފެން ފޯރުކޮށްދިނުމަށް ގާއިމުކޮށްފައިވާ ބޯފެން ވިއުގައިގެ 50 ޕަސެންޓް ހަލާކުވެ، 800000 މީހުން ބޯފެނަށް ޖެހިފައިވާ ކަމަށް އދ. އިން ބުނެފި އެވެ.
ފަލަސްތީނުގެ ހައުސިން މިނިސްޓްރީއާ ހަވާލާދީ އދ.ގެ އިންސާނީ އެހީތެރިކަމާ ބެހޭ އިދާރާއިން ބުނި ގޮތުގައި، އިޒްރޭލުން 11 ދުވަސް ވަންދެން ގާޒާއަށް ދިން ހަމަލާތަކުގައި، ގާޒާގެ 17000 އަށް ވުރެ ގިނަ ގެ ވަނީ ދިރިނުއުޅުވޭ ވަރަށް ހަލާކުވެފަ އެވެ. އަދި 14500 އަށް ވުރެ ގިނަ ގެއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.
އދ. އިން ބުނި ގޮތުގައި ގާޒާގައި ކިޔަވައިދިނުމަށް ބޭނުންކުރާ ސްކޫލް މަދަރުސާތަކުގެ ތެރެއިން 53 ތެނެއް ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. އަދި ހަ ހޮސްޕިޓަލަކާއި ސިއްހީ ޚިދުމަތްދޭ 11 މަރުކަޒެއް ވެސް ވަނީ ހަލާކުވެފަ އެވެ. އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން ގާޒާގެ ސްކޫލް މަދަރުސާތަކުގެ ކިޔެވުން މެދުކަނޑައިލަން ޖެހުމުގެ ސަބަބުން، 600000 އަށް ވުރެ ގިނަ ދަރިވަރުންގެ ކިޔެވުމަށް ވަނީ ބުރޫ އަރައިފަ އެވެ.
އިޒްރޭލުން ފަލަސްތީނުގެ ސަރަހައްދުތަކަށް ހަމަލާ ދޭ ކޮންމެ ފަހަރަކު، ފަލަސްތީނު ރައްޔިތުންގެ އަސާސީ ޚިދުމަތްތަކާ ބެހޭ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ދެ އެވެ. އެ ގޮތުން، އިންޖީނުގެތަކަށާއި ހޮސްޕިޓަލްތަކަށާއި، ސްކޫލް މަދަރުސާތަކުގެ އިތުރުން އޮފީސް އިމާރާތްތަކަށާއި، މީހުން ދިރިއުޅޭ ގޯތިގެދޮރަށާއި އެޕާޓްމަންޓް އިމާރާތްތަކަށް ވެސް ހަމަލާދީ ހަލާކުކޮށްލަ އެވެ.
އެއިން ކޮންމެ ތަނަކަށް ހަމަލާ ދިނުމަށް ފަހު އިޒްރޭލުން ބުނެފައިވަނީ، އެ ތަންތަނަށް ހަމަލާ ދެނީ، ފަލަސްތީނުގެ ހަނގުރާމަވެރިން އެ ތަންތަނުގައި ފިލައިގެން އުޅޭތީ ކަމަށެވެ. ނަމަވެސް މިއީ އިތުބާރު ހުރި އެއްވެސް މަސްދަރަކުން ސާބިތުވެފައިވާ ތުހުމަތެއް ނޫނެވެ.
މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހާ ހަމައަށް، އިޒްރޭލުން ގާޒާއަށް ދިން އުދުވާނީ ހަމަލާތަކުގައި ފަލަސްތީނުގެ 279 މީހުން ޝަހީދުވި އެވެ. އޭގެ ތެރޭގައި 69 ކުޑަކުދިންނާއި 40 އަންހެނުންނާއި 17 މުސްކުޅިން ހިމެނެ އެވެ. އަދި 8900 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ އިރު، އޭގެ ތެރެއިން 90 މީހަކު އަދިވެސް އޮތީ ސީރިއަސް ހާލަތެއްގަ އެވެ.