ކުރިއަށް އޮތީ މޫސުން ގޯސް ދުވަސްތަކެއް
ކުރިއަށް އޮތީ މޫސުން ގޯސް ދުވަސްތަކެއް

ކުރިއަށް އޮތް ހަަތަރު ދުވަހު، ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާކޮށްފި އެވެ.

މިވަގުތު ރާއްޖޭގެ އެއްވެސް ސަރަހައްދަކަށް މޫސުމާ ބެހޭ އެލާޓެއް ނެރެފައި ނެތަސް މެޓުން ބުނީ ހުޅަނގު މޫސުމުގެ ބާރުގަދަވެ ކުރިއަށް އޮތްް ހަތަރު ދުވަހު ރާއްޖެއަށް، ވަކިން ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރެއަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށެވެ.

އާންމު ގޮތެއްގައި ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 50 މޭލާއި 60 މޭލާ ދެމެދުގެ ބާރުމިނަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މެޓުން ބުންޏެވެ.

މެޓުން ބުނި ގޮތުގައި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، އުދަ އެރުން ވެސް އެކަށީގެންވާ ކަމަށް ބުންޏެވެ.
އަދި ރާއްޖެއާ ދުރުން ބަންގާޅު ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު ކުރިއަށް އޮތް 24 ގަޑިއިރުތެރޭގައި އިތުރަށް ބާރުގަދަވެ ތޫފާނަކަށްވުމުގެ ފުރުސަތު ވެސް އެބަ އޮތް ކަމަށް މެޓުން ލަފާކުރެ އެވެ.

މެޓުން ބުނި އެ ކޮޅިގަނޑު ދާނީ އުތުރު ހުޅަނގު އުތުރުން ރާއްޖެއާ ދުރަށެވެ.

މެޓުން ވަނީ ރާއްޖޭގެ ސަރަހައްދުގައި ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށްލަފާކުރެވޭތީ އެންމެން ވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

މިފަހުން ކުރި ވިއްސާރާގައި ވެސް ބައެއް ރަށްރަށަށް ވަރަށް ބޮޑެތި ގެއްލުންވި އެވެ. އެގޮތުން އެންމެ އުތުރުގެ ބައެއް ރަށްރަށަށް ރާޅު އަރައި ގެއްލުންތަކެއް ލިބުނުއިރު ހއ. ހޯރަފުށީގައި އޮންނަ އެއާޕޯޓަށް ވެސް ގެއްލުންވި އެވެ. އެ ދުވަހު ލިބުނު ގެއްލުންތަކާ ގުޅިގެން އަދިވެސް އެ އެއާޕޯޓް އޮތީ ބަންދުކޮށްފަ އެވެ.