ޔޫރޯގެ ކުރިން އިބްރަހިމޮވިޗް ޔުނައިޓެޑަށް ސޮއިކުރަނީ: ރިޕޯޓް
ޔޫރޯގެ ކުރިން އިބްރަހިމޮވިޗް ޔުނައިޓެޑަށް ސޮއިކުރަނީ: ރިޕޯޓް

މެންޗެސްޓާ (ޖޫން 4) - ޕީއެސްޖީގެ ސްވިޑަން ފޯވާޑް ޒަލަޓަން އިބްރަހިމޮވިޗް މި މަހު 11 ވަނަ ދުވަހު ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުރިން މެންޗެސްޓާ ޔުނައިޓެޑަށް ސޮއިކުރާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ސްކައި ސްޕޯޓްސްގެ ރިޕޯޓެއްގައިވާ ގޮތުން ޔުނައިޓެޑްގެ ވައިސް ޗެއާމަން އެޑް ވުޑްވާޑް ވަނީ އިބްރަހިމޮވިޗްގެ އެޖެންޓާ ބައްދަލުކޮށް އެއް އަހަރުގެ އެއްބަސްވުމެއްގެ ދަށުން ޔުނައިޓެޑަށް އޭނާ ބަދަލުވުމުގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފަ އެވެ. އަދި ޔޫރޯގެ ކުރިން ސޮއިކުރުމަށް އެއްބަސްވެފައިވާ ކަމަށް އެ ރިޕޯޓްގައިވެ އެވެ.

ޔުނައިޓެޑްގެ ކޯޗުކަމާ މޮރީނިއޯ ހަވާލުވެފައިވާއިރު އޭނާގެ ކޯޗުކަމުގައި އެ ޓީމަށް ސޮއިކުރާ ފުރަތަމަ ކުޅުންތެރިޔަކީ އިބްރަހިމޮވިޗަށް ވުމުގެ ފުރުސަތު ވަނީ ބޮޑުވެފަ އެވެ. އިބްރަހިމޮވިޗް ވަނީ ދާދި ފަހުން މޮރީނިއޯ އަށް ތައުރީފްކޮށް ވާހަކަ ދައްކައިފަ އެވެ.

މިދިޔަ ސީޒަނުގެ ނިޔަލަށް ޕީއެސްޖީއާ އެކު އިބްރަހިމޮވިޗް ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާއިރު، އޭނާ ވަނީ އަންނަ ސީޒަނުގައި ފެންނާނީ އެހެން ކްލަބަކުން ކަމަށް ބުނެފަ އެވެ. އަދި ދާނެ ކްލަބެއް ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.

އިބްރަހިމޮވިޗް ހޯދަން ޗައިނާގެ ކްލަބްތަކާއި އިޓަލީގެ ކްލަބްތަކުން ވެސް އަންނަނީ މަޝްވަރާ ކުރަމުންނެވެ. އެހެން ނަމަވެސް ކުރިން މޮރީނިއޯއާ އެކު އިންޓަ މިލާންގައި މޮޅު ކުޅުމެއް ދެއްކި އިބްރަހިމޮވިޗް ބޭނުމީ ޔުނައިޓެޑްގައި ވެސް އެ ކުޅުން ތަކުރާރު ކުރަން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ސްވިޑަންގެ މަލްމޯ އިން ކެރިއަރު ފަށައި ނެދަލެންޑްސްގެ އަޔަކްސް އާއި އިޓަލީގެ ޔުވެންޓަސް އާއި އިންޓަ އާއި އޭސީ މިލާން އަދި ސްޕެއިނުގެ ބާސެލޯނާ އަށް ކުޅެފައިވާ އިބްރަހިމޮވިޗް ވަނީ އޭނާ ކުޅުނު ކޮންމެ ކްލަބަކާ އެކު ލީގު ކާމިޔާބުކޮށްފަ އެވެ.