ތަރުބިއްޔަތު
ތަރުބިއްޔަތު

ބުދަ ދުވަހާ ގުޅޭ

އެއީ ފުރަތަމަ ފަހަރަށް ހައިޝަމް ފެނުނު ދުވަހެވެ. އަހަރެންގެ ހިތް ވަރަށް ބާރަށް ތެޅިގަތެވެ. ހީކުރި ގޮތާ މުޅީން ތަފާތުވީމައެވެ. ބަލާބެލުމަށް ހައިޝަމް ހީވަނީ އަހަންނާ ދާދި އެއް އުމުރެއްހެންނެވެ. އިސްތަށިގަނޑު ހުރީ ވަރަށް ތުނިކޮށްފައެވެ. މަތިމަސް ވަރަށް ތުންޏެވެ. އެ އުމުރުގެ ޒުވާނަކު ތުނބުޅި ނުބާލައި ބެހެއްޓީމައި ދިގުވާނެ ވަރަށް ދިގުވެފައިވާ ތުނބުޅިއެކެވެ. ރީތި ދެ ލޮލެވެ. ޕާކިސްތާނު ފިރިހެނުން އަޅާ ކަހަލަ ހެދުމެކެވެ. އަހަރެން ހިތަށްއެރިއެވެ. ރީތި ވަރަކަށް ތުނބުޅި ހުރެފައި، ޖިންސާއި ގަމީސް ލައިފައި ހުރި ނަމަ، ހައިޝަމް ހާދަހާ ރީތިވާނެއެވެ.

ކައިވެނީގެ ހުތުބާ ފެށުނެވެ. އަހަންނަށް ސިއްރުން ބެލެނީ ހައިޝަމްގެ ލޮލަށެވެ. އެއްބައި ފަހަރު ހީވަނީ ގަދަ މުށިކުލައިގެ ކަޅިއެއްހެންނެވެ. އަނެއްބައި ފަހަރު ހީވަނީ ކަޅުކުލައިގެ ކަޅިއެއްހެންނެވެ. ހައިޝަމް އޮޅިގެން ވެސް އިސްއުފުލައެއް ނުލައެވެ. އަހަންނަށް ދިމާއަކަށް ނުބަލައެވެ. ބެލިޔަސް އަހަރެންގެ މޫނުން ހައިޝަމްއަށް އެންމެ ތަންކޮޅެއް ވެސް ނުފެންނާނެތީކަން ނޭނގެއެވެ. ކައިވެނިކޮށް ނިމުމުން ވެސް ހައިޝަމް އަހަންނަކާ ވާހަކައެއް ނުދައްކައެވެ. ކައިވެނި ޕާޓީއެއް ނުބާއްވައެވެ. ބޭއްވީ ކުޑަ ސަޔެކެވެ. ހައިޝަމްގެ ފަރާތުން ހަމަ އެކަނި އައީ އޭނަގެ މަންމައާއި ބައްޕައެވެ. އަހަރެންގެ އާއިލާއިން އަހަރެންގެ މަންމައާއި ބައްޕަ އެކަންޏެވެ. ސައިގެ ކަންތައް ނިމުމުން ހައިޝަމް ދިޔައީ އޭނަގެ ގެއަށެވެ. އަހަރެން ނިދީ އަހަރެންގެ ގޭގައެވެ. އަހަރެންގެ ކޮޓަރީގައެވެ. ހިތަށްއެރިއެވެ. އެއީ ކޮން ކަހަލަ ކައިވެންޏެއް ހެއްޔެވެ؟ ކައިވެނީގެ ފުރަތަމަ ރޭ އެހެން މީހުން ވެސް ކަންކުރަނީ އެ ގޮތަށް ހެއްޔެވެ؟ ކޮންމެވެސް މީހަކު އަހަންނަށް އެ ކަން ވެސް ކިޔައިދިން ނަމައެވެ.

ޖެހިގެން އައި ދުވަހު ވެސް އަހަރެން ހުރީ ގޭގައެވެ. އެއީ ހަމަ އެހެން ދުވަސްތައް ކަހަލަ ދުވަހެކެވެ. ހައިޝަމްއެއް ނާދެއެވެ. ޚަބަރެއް ވެސް ނުވެއެވެ. އެ ކަމާ މީހަކު ކަންބޮޑުވެގެނެއް ވެސް ނޫޅެއެވެ. އެ ވާހަކައެއް ނުވެސް ދައްކައެވެ. މެންދުރުވުމުން އަހަންނަކަށް ނީނދެވުނެވެ. ހިތަށްއެރިއެވެ. ކޮންމެވެސް މީހަކު މި ވާހަކަ ދައްކަން އެބަ ޖެހެއެވެ. އަހަރެން ކައިވެންޏެއްކުރީ އަލަށެވެ. އަހަރެންގެ ގެއަކީ އެހެން ގޭގެޔާ ތަފާތު ގެއެކެވެ. ބައްޕަ ރާވައިފައިވާ ގޮތް އަހަންނަށް ވިސްނައިލަން ވެސް ނޭނގެއެވެ. ވަކި އުމުރެއް ވަންދެން ދެ މީހުން ދެ ގޭގައި ތިބެނީ ހެއްޔެވެ؟ އެއީ ކޮން އުމުރެއް ހެއްޔެވެ؟

"ކިހިނެއްވާން މި އުޅެނީ މަންމާ؟" ކުޑަކޮށް ހިތްހަމަނުޖެހިފައި އަހަރެން ސުވާލުކުރީމެވެ. "ކޮންމެވެސް މީހަކު އަހަންނަށް ކިޔައިދީބަލަ!"

"އެކުން މާ އަނގަ ގަދަނުކޮށް މަޑުމަޑުން އިނދެބަލަ ދަރިފުޅާ!" މަންމަ ވަރަށް ހަމަޖެހިލައިފައި ބުންޏެވެ. "ތީ އަންހެންކުދިން އުޅޭ ގޮތެއް ނޫނޭ! ހަވީރު ފަހެއްޖަހާ އިރު ތައްޔާރުވެގެން ހުރޭ!"

އަހަރެންގެ ސުވާލަށް ޖަވާބެއް ލިބުމުގެ ބަދަލުގައި އިތުރު ސުވާލުތައް އުފެދުނީއެވެ.

"ކޮން ތާކަށް ދާން؟" އަހަރެން އެހީމެވެ. "އަހަރެން އެކޮޅަށް ޗޭންޖުވަނީތަ؟ އޭނަ މިކޮޅަށް އަންނަނީތަ؟"

"ބަރާބަރު ފަހެއް ޖަހާ އިރު އަހަރުމެން ނިކުންނާނީ!" އަހަރެންގެ ސުވާލު އިވުނުކަމަށް ނަހަދައި މަންމަ ބުންޏެވެ. "ދަރިފުޅު މާ ބޮޑަށް އަނގަނުތަޅާ ވަރަށް ބަސްއަހައިގެން އިންނާނީ އިނގޭ."

އަހަރެން ތައްޔާރުވީމެވެ. ބިރުން ހުރެއެވެ. ފިރިމީހާޔާ ހަތަރުކަޅި ހަމަކޮށްފައި ބުނާނީ ކީކޭ ކަމެއް ވެސް އަހަންނަކަށް ނޭނގެއެވެ. ހައިޝަމްއަށް އަހަރެން ގޮވައިލަންޖެހޭނީ އޭނަގެ ނަމުން ހެއްޔެވެ؟ ދެން ހާލު އަހައިލީމައި ނިމުނީ ހެއްޔެވެ؟ ހާދަހާ ގިނަ ކަންތައްތަކެއް އަހަރެން އޮޅުންފިލުވަން ބޭނުމެވެ. އަނެއްކޮޅުން އަހަރެންގެ ކޮޓަރި އެއްވެސް ވަރަކަށް ތައްޔާރެއް ނުކުރެއެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ މުޅި ކޮޓަރިއަށް ނަޒަރުހިންގަން އަހަރެން އިނީމެވެ.

"ހިނގާ ދަމާ!" ފަހެއް ޖަހަނިކޮށް ކޮޓަރީގެ ދޮރު ހުޅުވައިލައިފައި މަންމަ ބުންޏެވެ.

ގޭގެ ދޮރުމައްޗަށް އަހަރުމެން ނިކުތްތާ މާ ގިނަ އިރެއް ނުވެ ޓެކްސީއެއް މަޑުކުރިއެވެ. އަހަރުމެން ކާރަށް އެރީމެވެ. އިތުރު އެއްވެސް އެއްޗެއް ކާރަކަށް ނާރުވައެވެ.

"ކޮބާ އަހަރެންގެ ސްޓަފް؟" އަހަރެން އެހީމެވެ.

"ސުވާލު ގިނަ ނުކޮށް ރީތިކޮށް އިނދެބަލަ!" ޗޮކެއްކަނޑައިފައި މަންމަ ބުންޏެވެ. "ހައިޝަމްގެ ބައްޕައަކީ ދަރިފުޅު ބައްޕަގެ ވަރަށް ގާތް ރައްޓެއްސެއް. އޭނަ ކުރިމަތީގަ ފާޑުފާޑަށް ނޫޅޭތި! ވަރަށް ބަސްއަހައިގެން އިންނާނީ އިނގޭ."

މަންމަ ކަންތައް ކުރަނީ ދިހަ އަހަރުގެ ކުއްޖަކަށް ކަންތައްކުރާހެންނެެވެ. އެކަމަކު އެ ވަރު ކުދިން ކައިވެނިކުރޭ ހެއްޔެވެ؟ އަހަރެންގެ ހިތް ކުރިޔަށް ވުރެ ބާރަށް ތެޅެން ފެށިއެވެ. ވަގުތުން ފޯނުނަގައިގެން ކުޅެން ފެށީމެވެ.

"ތި ފޯނުގަނޑު ބާއްވަބަލަ!" އަތުން ފޯނު އެއްކައިރިއަށް ޖައްސައިލަމުން މަންމަ ބުންޏެވެ.

"ދެން މަންމާ!" ތަންކޮޅެއް ބާރަށް އަހަންނަށް ބުނެވުނެވެ.

ހައިޝަމްގެ ގެއަށް ވަނީމެވެ. އެ ގޭތެރެއިން އެއްވެސް ދިރުމެއް އަހަންނަކަށް ނުފެނުނެވެ. ހީވަނީ ފަޅުގެއެއް ހެންނެވެ. އަހަރެންގެ ގެ ކަހަލައެވެ. ސިޑިން އަރައިގެން ގޮސް ދޮރު ކައިރިއަށް ހުއްޓުނީމެވެ. ރަނގަބީލު ޖެހީ މަންމައެވެ.

"ތި ފޯނުގަނޑު ދަބަހަށް ލާބަލަ!" ވައި އަޑުން ބުނެވޭނެ އެންމެ ބާރަށް މަންމަ ބުންޏެވެ.

އަހަރެން ފޯނު ދަބަހަށް ލަނިކޮށް ދޮރު ހުޅުވިއެވެ. އެތެރޭގައި ހުރީ ވަރަށް ހިނިއައިސްފައިވާ އަންހެންކުއްޖެކެވެ.

"އައްސަލާމް އަލައިކުމް!" އެ ކުއްޖާ ބުންޏެވެ.

މަންމަ ސަލާން ބަލައިގަތެވެ. އަހަންނަކީ ކާކުކަން އެ ކުއްޖާއަށް އެނގޭ ކަހަލައެވެ. އަހަރުމެން ސޯފާގައި އިށީން ވަގުތު ހައިޝަމްގެ މަންމަ އައެވެ.

"ދަރިފުޅު ދޭބަލަ ދައްތަ ގޮވައިގެން." ވަރަށް ހިނިއައިސްފައި ހައިޝަމްގެ މަންމަ ބުންޏެވެ.

އަހަރުމެންނަށް މަރުހަބާކިއީ ހައިޝަމްގެ ކޮއްކޮކަން އަހަންނަށް އެނގުނެވެ. އޭނަގެ ނަމަކީ ރިފްޒާއެވެ. އަހަރެން ކަހަލަ ދޫ ހަލުވި ކުއްޖެކެވެ. އަހަރެން ގޮވައިގެން ރިފްޒާ ދިޔައީ އޭނަގެ ކޮޓަރިޔަށެވެ. އޭނަ ދެއްކި ވާހަކަތަކުން އަހަންނަށް އެނގުނު ގޮތުގައި، ހައިޝަމްގެ ގެއަކީ، އަހަރެންގެ ގެ ކަހަލަ ގެއެކެވެ. އަހަރެން ގޭގެ ހުރިހާ ގަަވައިދެއް ހައިޝަމްގެ ގޭގައި ވެސް އޮވެއެވެ. ގިނައީ ކުރުން މަނާ ކަންތަކެވެ. އަހަންނަށް ހީވާ ގޮތުގައި، އަހަރެންގެ ބައްޕަ އެ ހުރިހައި ކަމެއް ދަސްކުރީ ހައިޝަމްގެ ބައްޕަ ކައިރިންނެވެ. އެ ދުވަހަކު ހައިޝަމްއާ ދިމައެއް ނުވެއެވެ.

ކައިވެނިކުރިޔަސް އަހަރެން ހުންނަނީ އަހަރެންގެ ގޭގައެވެ. ހައިޝަމް ހުންނަނީ ހައިޝަމްގެ ގޭގައެވެ. މަންމަ ކޮންމެ ދުވަހަކު ވެސް އަހަރެން ގޮވައިގެން ހައިޝަމްގެ ގެއަށް ދެއެވެ. އެ ގޭގެ މާހައުލަށް އަހަރެން ހޭނުވުމަށް ޓަކައެވެ. އަހަރެން ހުރީ އަހަރެންގެ ގެއިން ނުކުންނަން ބޭނުންވެފައެވެ. މިނިވަންވާން ބޭނުންވެފައެވެ. އެކަމަކު އެއް ކޮށިން ނުކުމެގެން ވަންނަން ޖެހުނީ އަނެއް ކޮށްޓަށެވެ. ހީވާ ކަހަލައެވެ. ބަދަލުވީ ގޭގެ ނަން އެކަންޏެވެ. އަހަރެންގެ ހަޔާތަށް އައި އުފަލެއް ނެތެވެ. ބައެއް ދުވަސްދުވަހު ހައިޝަމްއާ ދިމާވެއެވެ. އޭނަ ވަރަށް ބަސްމަދެވެ. ހީވަނީ އަހަންނަކީ ދުރުހިލޭ އަންހެނެއްހެންނެވެ.

އެއްދުވަހަކު އަހަރެން ހައިޝަމްގެ ގެއަށް ގެންގޮސްފައި ދެން އަނބުރައި ގެޔަކަށް ނުގެނައެވެ. އެތައް އިރެއްވީ އިރު ވެސް ގެއަށް ދާ ވާހަކައެއް މަންމަ ނުދައްކައެވެ. އެ ދުވަހަކީ ހައިޝަމް ވެސް ގޭގައި އުޅުނު ދުވަހެކެވެ. ލަފާކުރެވޭ ގޮތުގައި ހުރިހައި ކަމެއް އޮތީ ދުރާލައި ހަމަޖެހިފައެވެ. އަހަންނަށް ނޭނގެނީއެވެ. ރިފްޒާޔާ ވާހަކަދައްކަން ކޮޓަރީގައި އިންދައި މަންމަ ދޮރު ހުޅުވައިލިއެވެ. މަންމަ ކައިރީގައި ހައިޝަމްގެ މަންމަ ވެސް ހުއްޓެވެ.

"މިއަދުގެ ފަހުން މީ ދަރިފުޅުގެ ގެ،" އަހަރެން ކައިރިއަށް އައިސް މަންމަ ބުންޏެވެ. "ރީތިކޮށް ބަސްއަހައިގެން އުޅޭ އިނގޭ!"

"އެކަމަކު އަހަރެންގެ ހެދުންތަކާ.." އަހަންނަށް ބުނެވުނީ އެ ހިސާބަށެވެ.

"ދަރިފުޅު އެ ކަމާ ނުވިސްނާ!" މަންމަ އެދުނެވެ.

މަންމަ ދިޔުމާއެކު ދެން ހަދާނެ ގޮތެއް އަހަންނަކަށް ނޭނގުނެވެ. ކިތަންމެ ވަރަށް އެ ގެއަށް ހާނަން މަންމަ މަސައްކަތްކުރި ނަމަވެސް، އެ ދަނޑިވަޅަކަށް އަހަންނަކަށް ތައްޔާރެއް ނުވެވުނެވެ.

"އައްސަލާމް އަލައިކުމް!" ހައިޝަމް ސަލާން ގޮވައިލި އަޑަށް އަހަރެން ބަލައިލީމެވެ.

"ވައަލައިކުމް ސަލާމް!" އަހަރެން ބުނީމެވެ.

ރިފްޒާ ކޮޓަރީގެ ދޮރުމަތީގައި ހައިޝަމް އިސްޖަހައިލައިގެން ހުއްޓެވެ. ކޮންމެ ގޮތެއް ވިޔަސް އޭނައަކީ އަހަރެންގެ ފިރިމީހާއެވެ. އޭނަ ގޮވީމައި ޖެހޭނީ ދާށޭ ހިތަށްއެރިއެވެ. އަހަރެން ހިނގައިގަތުމުން އަހަންނަށް ވުރެ ކުރިން ހައިޝަމް ހިނގައިގަތެވެ. ހައިޝަމް ފަހަތުން އަހަރެން ދިޔައީމެވެ. އޭނަ އެ ބުނަނީ އެހެން ކަމަށް ނިންމައިގެންނެވެ. ހައިޝަމް ކޮޓަރިއެއްގެ ދޮރު ހުޅުވައިިލިއެވެ. އަހަރެން މަޑުމަޑުން ގޮސް ކޮޓަރިއަށް ވަނީމެވެ.

"މީ އަހަރެންގެ ކޮޓަރި!" މަޑުމަޑުން ހައިޝަމް ބުންޏެވެ.

ކޮޓަރީގައި ދައްކާނެ މާ ބޮޑު އެއްޗެއް ނެތެވެ. އެހެންނަމަވެސް ފާހާނައާއި އަލަމާރި ވެސް ހައިޝަމް ދެއްކިއެވެ. ދެން ބުނާނެ އެއްޗެއް، އަހަރުމެން ދެ މީހުން ކުރެ އެކަކަށް ވެސް ނޭނގުނެވެ. އެ ތަނުގައި ހުންނަންވީ ކަމެއް، އިށީންނަންވީ ކަމެއް، އެ ތަނުން ނުކުންނަންވީ ކަމެއް ނޭނގުނެވެ. ކުއްލިއަކަށް ވާހަކަދައްކަން ފެށުނީ ދެ މީހުންނަށް އެކުއެކީގައެވެ. އަނެއްކާ ވެސް ހިމޭން ވަގުތުކޮޅެކެވެ. އެއަށް ފަހު ހައިޝަމް ނުކުމެގެން ދިޔައީއެވެ. އަހަންނަށް އެނގެއެވެ. ކުރިޔަށް އޮތީ އުނދަގޫ ދުވަސްތަކެކެވެ. ކޮޓަރީގައި ހުރި އެއްވެސް އެއްޗެއް އަހަންނާ ރައްޓެއްސެއް ނޫނެވެ. އެނދުގައި ކުޑަމިނުން އިށީންނަ ހިތެއް ވެސް އަހަރެން ނުވިއެވެ. އޮށޯންނަން އަހަރެންގެ ހިތް ރުއްސާނެ ގޮތެއް އަހަންނަކަށް ނޭނގެއެވެ. މަޑުމަޑުން ގޮސް އެނދުގައި އިށީން ވަގުތު މަންމަގެ ފޯނެއް އައެވެ. އަހަރެންގެ ހެދުންތަކާއި އެހެން ހުރިހައި ސާމާނެއް އައީއެވެ. އަހަރެން އެ މަސައްކަތް ފެށީމެވެ. ފޮށި ވެއްދުމުގައި ހައިޝަމް ވެސް އެހީވިއެވެ.

"އިތުރު ހެލްޕެއް ބޭނުން؟" ހައިޝަމް އެހިއެވެ.

އަހަރެން ޖަވާބެއް ނުދެމެވެ. ހައިޝަމް އަނެއްކާ ވެސް ދިޔައީއެވެ. އެކަނިމާއެކަނި އިނދެގެން ރޯން ވެސް އަހަރެން ހިތަށްއެރިއެވެ. އެހީ ބޭނުންވާނެކަން ފިރިމީހާއަށް ނޭނގެންޏާ އަހަރެން ބުންޏަސް އޭނައަށް އެނގޭނެ ހެއްޔެވެ؟ އަހަރެންނަށް ފެނުނު ގޮތަކަށް އެއްޗެހިތައް އަތުރައި ނިންމައިލީމެވެ.

އިރު އޮއްސުނެވެ. ރޭގަނޑު ކެއުމުގައި ގޭގެ އެންމެން ބައިވެރިވިއެވެ. ކާހިތް ނުވިޔަސް ކޮންމެވެސް ވަރަކަށް އަހަންނަށް ކެވުނެވެ. ދެން ޖެހުނީ ނިދާ ގަޑިއެވެ.

ނުނިމޭ