ފަންޑުކުރާ މީހުން ހޯދަން މުހިންމު އެހީއެއް ނެތް!
ފަންޑުކުރާ މީހުން ހޯދަން މުހިންމު އެހީއެއް ނެތް!

އައިއީޑީއެއް ގޮއްވާލައި ޓެރަރިސްޓް ހަމަލާއެއް ދީފި އެވެ. އެކަން ކުރި ކަމަށް ޔަގީނާ ގާތަށް ބެލެވޭ ބަޔަކު އެ ތިބީ ހައްޔަރުކޮށްފަ އެވެ. ހެކިތަކެއް ވެސް ހޯދައިފި އެވެ. ހައްޔަރުކޮށްފައި ތިބި މީހުން ކުރިން ކޮށްފައި ހުރި ކަންކަމާއި އުޅެމުން އައި ގޮތާއި ވަރި ކައިވެނީގެ ތަފްސީލަށް ވުރެ އެންމެން ވެސް އެނގެން ބޭނުންވަނީ އެއީ ބަޔަކު އަޑީގައި ތިބެން އެ މީހުން ލައްވައި ކުރުވި ކަމެއް ނަމަ އެ ބައެކެވެ. ފަންޑުކުރި މީހުން ކޮބައިހޭ އެ ގޮވަނީ އެހެންވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ނުރައްކާތެރި ހަމަލާގެ ފަހަތުގައި ބަޔަކު ތިބޭނެ ކަމަށް ފުލުހުން ގަބޫލުކުރެ އެވެ. މިއީ ދެތިން މީހަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި މިކަމުގެ އަޑީގައި ބަޔަކު ތިބޭނެ ކަމަށާއި އެ ބަޔަކު ހޯދަން ތަހުގީގުގައި ވަރަށް ބޮޑު އިސްކަމެއް ދޭނެ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ ވިދާޅުވެފަ އެވެ. އެކަމަކު އަދި ތަހުގީގުގެ މިހާ ކުރީކޮޅު، ނޭނގޭ ކަމަކީ އައިއީޑީ ގޮއްވާލި މީހުންނަށް އެހީ ލިބިފައިވާ ގޮތެވެ. މާލީ ގޮތުންތޯ ނުވަތަ އެހެން ގޮތަކުންތޯ އެނގޭނީ ފަހުންނެވެ.

ފުލުހުން މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންނާ ހަރުކަށި ފިކުރާ ގުޅެ އެވެ. މި ފިކުރުގެ މީހުންނާ ގުޅުން ހުރި ތަހުގީގުތަކުގައި ކުރިން މަސައްކަތްކޮށްފައިވާ މީހުން ބުނާ ގޮތުގައި ދީނީ ފިކުރުގެ ތެރެއިން މިކަން ކޮށްފައިވާ ނަމަ ފައިސާގެ މާބޮޑު ކަމެއް މިކަމުގެ ތެރޭގައި ނުހިމެނުން ވެސް އެއީ އެކަށީގެންވެ އެވެ. އެކަމަކު އަދި ގޮތެއް ނިންމަން މާ އަވަހެވެ.

"ދީނުގެ ނަމުގައި މިކަހަލަ ކަންކަން އެހެން މީހުން ލައްވާ ކުރުވާ މީހުން ސިކުނޑި ދޮވެލާނީ. އެ މީހުންގެ ޓާގެޓަކަށްވާ މީހާއާ މެދު އިންތިހާ ދަރަޖައިގެ ނަފްރަތު އުފެއްދުމަށް ފަހު އެ މީހެއްގެ ދުވަސް ދުއްވާލުން އެއީ ދީނީ ކަމެއްގެ ގޮތުގައި ވިސްނައިދޭ. އެކަމަކު ކަން ކުރަން އެ ނެރޭ މީހުންނަށް މާލީ މަންފާއެއް ނުލިބުނަސް އެ މީހުން ލައްވާ އެކަން ކުރުވާ ބައެއްގެ ފަހަތުގައި ވެސް ބަޔަކު ތިބެދާނެ،" ޓެރަރިޒަމް ފައިނޭންސިންގައި އާންމު ވިސްނުމުގެ ތެެރެއިން ދެނެގަންނަން އުނދަގޫ ވަރަށް ގިނަ ކަންކަން ހުންނަކަން ފާހަގަކޮށް ވާހަކަ ދެއްކި، ތަހުގީގުތަކުގެ ތަޖުރިބާ ހުރި މީހަކު ކިޔައިދިނެވެ.

ވަކި މީހަކީ ދީނީ ގޮތުން އަދި ސިޔާސީ ގޮތުން ވެސް ބައެއްގެ އަމާޒަކަށްވާ ނަމަ މި ހުރިހާ ގުޅުންތަކަކަސް ވެސް ވިސްނަން ޖެހެ އެވެ.

ޓެރަރިޒަމްގެ އަމަލުތަކާއި ޓެރަރިޒަމް ފައިނޭންސިން ފަދަ ކަންކަމުގައި ކުށެއް ސާބިތުކުރެވޭ ވަރަށް ހެކި ހޯދުމަށް މި ވަގުތަށް ރާއްޖޭގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މި ޒަމާނަށް ފެތޭ ހެއްކާ ބެހޭ ގާނޫނެއް ނެތުން ކަމަށް މިކަމުގައި ވާހަކަ ދެއްކި އެންމެން ވެސް އިއްތިފާގުވެ އެވެ. މިހާރު އޮތީ މާބޮޑު ބޭނުމެއް ނުހިފޭ، މީގެ 45 އަހަރު ކުރީގެ ގާނޫނެކެވެ. ހެއްކާ ބެހޭ ގާނޫނެއް ހަދަން ވާހަކަ ދައްކާތާ އެތައް އަހަރެއް ވެގެން ދިޔައިރު އަދިވެސް އޮތީ ޑްރާފްޓިންގަ އެވެ. މިހާރު އޮތީ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގައި ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅަން ގަސްދުކޮށްފައިވާ ބިލްތަކުގެ ލިސްޓުގަ އެވެ.

"އެންމެ ބޮޑު ހުރަހަކަށް ވާނީ ހެއްކާ ބެހޭ ގާނޫނެއް ނެތުން. ޓެރަރިޒަމް ކަހަލަ ކުށްތަކަކީ އާންމު ކުށްތައް ހިންގާ ގޮތަށް ކުރާ ކަމެއް ނޫން. މާލީ މުއާމަލާތްތައް ވެސް ފަށަލަކޮށް، އަސްލު އޮޅުވާލައި އެ ޒާތުގެ އެތައް ކަމެއް ކުރޭ. މީހަކަށް ހަމަލާއެއް ދިނުން ފަދަ ކަމަކަށް ފަންޑުކުރާ ނަމަ އެ ފައިސާ ދައުރުކުރާނީ ހީވެސް ނުކުރާހާ ދުރުން. އެ ހިސާބަށް ހެކިތައް ގުޅުވާލަން ބޭނުންވަނީ މި ޒަމާނުގެ ކުށުގެ ވެއްޓާ ގުޅޭ ހެއްކާ ބެހޭ ގާނޫނެއް،" މައްސަލައިގެ ބާވަތުން، ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި ގާނޫނީ ވަކީލަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޓެރިޒަމް ފައިނޭންސިން ފަދަ ކަންކަމުގައި ކުށް ސާބިތުކުރުމަށް، ގާނޫނީ އާންމު ނިޒާމުގެ ތެރެއިން ހެކި ހުށަހަޅަންޖެހޭ ނަމަ ގިނަވާނީ ސާބިތުނުވާ މައްސަލަތައް ކަމަށެވެ. މިސާލެއްގެ ގޮތުން އޭނާ ވިދާޅުވީ އަޑި ނޭނގޭ މަރުގެ ބައެއް މައްސަލަތުކައި ހައްޔަރުކުރި ބައެއް މީހުންނަށް ގާނޫނީ ކަންކަމާއި އެ މީހުންގެ އާއިލާގެ ކަންކަމުގައި އެ މީހުންނާ ގުޅުމެއް ނެތް ފަރާތްތަކުން މާލީ އެހީވެފައި ހުންނަ ކަމަށާއި އެކަމަކު މިހާރު އޮތް ނިޒާމުގެ ތެރެއިން އެއީ "ހަމަ އެއްވެސް މައްސަލައެއް ނޫން" ކަމަށް ވިދާޅުވި އެވެ.

"މީހަކަށް އެހީވުން އެއީ ކުށެއް ނޫން. އެހެންވެ ހެއްކާ ބެހޭ ގާނޫނެއް މި ބޭނުންވަނީ ވަކި ހާލަތްތަކެއްގައި މިފަދަ ފައިސާ ވެސް ހެއްކާއި ގަރީނާގެ ގޮތުގައި ޝަރީއަތުން ބަލައިގަންނަންޖެހޭ ގޮތް ހެދުމަށް. މިހާރު މިފަދަ ގިނަ ކަންކަން މި އޮންނަނީ މައްސަލަ ބަލާ ގާޒީގެ އިހުތިޔާރަށް،" ވަކީލް ވިދާޅުވި އެވެ.

ގާނޫނީ އެހެން ބޭފުޅަކު ވިދާޅުވި ގޮތުގައި ފައިސާ ދިނީ އެވެނި މިވެނި މީހެކޭ ބުނުމުން އެކަން ސާބިތުވާންޖެހޭނެ ކަމަށް އާންމު ވިސްނުމުގައި މީހުން ގަބޫލުކުރި ނަމަވެސް އެ ގޮތް ވަރަށް ނުރައްކާ ކަމަށާއި ބޭނުންވަނީ އިންޓެލިޖެންސާއި އެހެން ގޮތްގޮތުން ލިބޭ މައުލޫމާތާއި ހެއްކާއި ގަރީނާތައް ގުޅުވާލެވޭނެ ގާނޫނެއް ކަމަށެވެ. އޭނާ އެ ވިދާޅުވި ގޮތް، ފައިސާ އަށް ރާއްޖޭގައި މިހާތަނަށް ހިންގި ކަމަށް ބެލެވިފައިވާ އެންމެ ބޮޑު ގަތުލް ކަމަށްވާ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ ގަތުލްގައި ވެސް ދިމާވެފައިވެ އެވެ.

"ހަމަލާ ރޭވި އިރު ފައިސާގެ ވާހަކަ ދެއްކި ކަމަށާއި ފައިސާ ދޭނީ ކާކުކަން ބުނީ މިވެނި މީހެކޭ އެބަ ބުނޭ. އެކަމަކު ހަމައެކަނި ބުނުމެއްގެ މައްޗަށް ދައުވާކޮށް ކުށް ސާބިތުކުރާނީ ކިހިނެއް؟ ކުށް ކުރި މީހާ އަށް، އޭނާ އަށް ފައިސާ ހަރަދުކުރަން ނުޖެހޭ މީހެއްގެ ފަރާތުން ކޮންމެ ސިފައެއްގައި ވިޔަސް ފައިސާ ލިބިފައިވާ ނަމަ އަދި ފައިސާ ދިން މީހާ އަށް ތުހުމަތު ހުރި އެއީ މިފަދަ ކަންކަމުގައި ބޭނުންކުރެވޭނެ ހެކި ގަރީނާގެ ގޮތުގައި ކަނޑައަޅައިގެން ނޫނީ ރާވައިގެން ހިންގާ ޖަރީމާތަކުގައި ކުށް ސާބިތެއް ނުކުރެވޭނެ."

ޓެރަރިސްޓް ހަމަލާތައް ރޭވުމާއި ހަނގުރާމަވެރި ހަތިޔާރު އުފެއްދުމާއި ހަނގުރާމަ އަށް ރާއްޖޭން ބޭރަށް ދިއުން ފަދަ ޓެރަރިޒަމްގެ ވަރަށް ސީރިއަސް މައްސަލަތަކުގައި ގިނަ ދައުވާތަކެއް ސާބިތު ނުވެ، ނުރައްކާތެރި އެތައް ބަޔަކު ދޫވެފައިވާ އެއް ސަބަބަކީ ވެސް ހެއްކާ ބެހޭ ރަނގަޅު ގާނޫނެއް ނެތުމެވެ. ރާއްޖޭގައި މީހަކު އަމިއްލަ އަށް މަރުވެގެން ދޭން އުޅުނު ކަމަށް ބުނާ ބޮމުގެ ހަމަލާއަކާ ގުޅިގެން ކުރި ދައުވާއެއްގައި ވެސް ދިމާވީ ހެކި ވަޒަންކުރުމުގެ މައްސަލަ އެވެ.

"މިހެން އުޅޭ މީހުން ވާހަކަ ދައްކާއިރު ސަމާލުވާނެ. ކޯޑު ބަސްތައް ބޭނުންކުރޭ. ސާބިތުނުވި އެ ބޮޑު މައްސަލާގައި ވެސް މާލީ މުއާމަލާތާއި ކޮށްފައިވާ މުއާމަލާތްތަކާއި އެތައް ކަމެއް ހުރި ހެއްކާއި ގަރީނާގެ ގޮތުގައި ބެލޭނެ. އެކަމަކު މައްސަލައަކަށް އެ ވީ ހެއްކާ ބެހޭ ގާނޫނު. މިހާރު އޮންނަ ގޮތުން ވިއްޔާ ގާޒީ ބޭނުމިއްޔާ، ދައުލަތުން އެ ހުށަހެޅި އެއްޗެއް ހެއްކެއްގެ ގޮތުގައި ބަލައިގަންނަންވީ. ބަލައި ނުގަތަސް އެއީ ގޯސްކޮށް ކުރި ކަމަކަށް ވެސް ނުވޭ. ގާނޫނެއް އޮންނަ ނަމަ މި މައްސަލަ ދިމައެއް ނުވާނެ،" ކުރިން ވާހަކަ ދެއްކެވި ވަކީލް ވިދާޅުވި އެވެ.

ޓެރަރިޒަމާ ގުޅޭ އެހެން ބައެއް ދައުވާތަކަށް ބަލާއިރު ވެސް މީގެ ބައިވަރު މިސާލު އެބަހުއްޓެވެ. ސީރިއާ ހަނގުރާމައަށް ތުރުކީ މަގުން ދިޔަ މީހަކު ތުރުކީން ހައްޔަރުކޮށް ޑީޕޯޓްކޮށްލުމުން އެ މީހަކީ ސީރިއާ އަށް ދިޔަ މީހެއްކަން ސާބިތުކޮށްދޭން ސީރިއާ އަށް އެތެރެވިކަމުގެ ހެއްކެއްގެ ގޮތުން ލިޔެކިޔުން ހުށަހަޅަން އެބަ ބުނެ އެވެ. ހަނގުރާމަކުރަން ސީރިއާ އަށް ދާ މީހަކު އެ ގައުމަށް ވަންނާނީ ވަގަށް ކަމަށް ވާއިރު އެކަން ސާބިތުކޮށްދޭން އިންޓެލިޖެންސް މައުލޫމާތާއި އެ މީހާގެ ދަތުރުތަކާ ގުޅޭ އެހެން މައުލޫމާތު ނޫން އެހެން އެއްޗެއް ހޯދުމަކީ އުނދަގޫ ކަމަކަށް ވާނެ އެވެ. މިއީ ހެއްކާ ބެހޭ ގާނޫނަކުން ނޫނީ ކުރަން ފަސޭހަ ކަންކަމެއް ނޫނެވެ.