24 މެއި 2021 - 08:24

ޑައިރެކްޓަރު އިމްތިއާޒް އަލީގެ ތިން ވަނަ ފިލްމެއް އެކްޓަރު ރަންބީރް ކަޕޫރަށް ހުށަހަޅައިފި އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ރަންބީރާ އެކު 2015 ގެ "ތަމާޝާ" އާއި 2011 ގެ "ރޮކްސްޓާ" ގެނެސްދިން ޑައިރެކްޓަރު ދެ ސްކްރިޕްޓެއްގެ މަސައްކަތްކުރަމުން އަންނަ އިރު، އެ ދޭތި ވެސް ރަންބީރާ ހިއްސާކޮށްފައިވެ އެވެ. އޭގެ ތެރެއިން އެކައްޗަކީ ކޮންޓްރަވާޝަލް މިއުޒިޝަން އަމަރް ސިންގް ޗަމްކީލާގެ ބަޔޮގްރެފިކަލް ޑްރާމާއަކާއި އަމިއްލަ އަށް މަރުވުމުގެ މައްސަލަތަކާ ބެހޭ ގޮތުން ލިޔާ ސްކްރިޕްޓެކެވެ.
ހަންގާމާ އިން ބުނި ގޮތުގައި އެ ދޭތީގެ ތެރެއިން އެކައްޗަށް ރަންބީރް މިހާރު އަނގަބަހުން އެއްބަސް ވެސް ވެފައިވެ އެވެ. އެކަމަކު އެއީ ކޮން ފިލްމެއް ކަމެއް އަދި ނޭނގެ އެވެ.
"ރޮކްސްޓާ" ގައި ރަންބީރް ކުޅުނީ މިއުޒިޝަނެއްގެ ރޯލު ކަމަށްވާތީ، އެކަހަލަ ރޯލެއް ދެން އޭނާ ތަކުރާރުކުރާނެ ކަމަކަށް ނުބެލެވެ އެވެ. ރަންބީރްގެ އަތުގައި މި ވަގުތު ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި ޝޫޓީން ފަށާފައި އޮތް ޑައިރެކްޓަރު ލަވް ރަންޖަންގެ ރޮމޭންޓިކް ކޮމެޑީއަކާއި ސަންދީޕް ރެޑީ ވަންގާގެ، އޮކްޓޯބަރުގައި ޝޫޓިން ފަށަން ތާވަލުކޮށްފައި އޮތް "އެނިމަލް" ހިމެނެ އެވެ.
މީގެ އިތުރުން "ޝަމްޝޭރާ" އާއި "ބުރައްމަސްތުރާ" އަކީ ދެން އެންމެ އަވަހަށް ރިލީޒްވާނެ ރަންބީރްގެ ފިލްމުތަކެވެ. އޭނާގެ އެންމެ ފަހުގެ ފިލްމަކީ 2018 ގެ "ސަންޖޫ" އެވެ.
"ޖަބް ވީ މެޓް" އާއި "ލަވް އާޖް ކަލް" ފަދަ ފިލްމުތައް ގެނެސްދިން އިމްތިއާޒްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ކާތިކް އާރިޔަނާއި ސާރާ އަލީ ޚާނާ އެކު ގެނެސްދިން "ލަވް އާޖް ކަލް" އެވެ.