ނަޖީބުގެ އިސްތިއުފާ އަށް އެތައް ހާސް ބަޔަކު ގޮވާލައިފި
ނަޖީބުގެ އިސްތިއުފާ އަށް އެތައް ހާސް ބަޔަކު ގޮވާލައިފި

ކުއާލަ ލަމްޕޫރު (ނޮވެމްބަރު 19) - މެލޭޝިއާގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ އިސްތިއުފާ އަށް އެތައް ހާސް ބަޔަކު މިއަދު ގޮވާލައިފި އެވެ.

ނަޖީބުގެ އިސްތިއުފާ އަށް އެތައް ހާސް ބަޔަކު ގޮވާލައިފި
ނަޖީބުގެ އިސްތިއުފާ އަށް އެތައް ހާސް ބަޔަކު ގޮވާލައިފި

މަދަނީ ޖަމިއްޔާތައް ހިމެނޭ "ބާސިހު" އިން އިންތިޒާމް ކުރި މުޒާހަރާގައި ރީނދޫ ޓީޝާޓުގައި ތިބި އެތައް ހާސް ބަޔަކު ވެރިރަށް ކުއާލަ ލަމްޕޫރަށް ޖަމާވެ ބޮޑު ވަޒީރުގެ އިސްތިއުފާ އަށް ގޮވާލީ މެލޭޝިއާގެ އިންވެސްޓްމަންޓް ބޭންކް 1އެމްޑީބީގެ ބޮޑު ޚިޔާނާތުގައި ނަޖީބު ބައިވެރިވެފައިވާ ކަމަށް ކުރާ ތުހުމަތާ ގުޅިގެންނެވެ. މުޒާހަރާގެ ބައިވެރިން ވަނީ ނަޖީބުގެ މައްޗަށް ދައުވާ ކުރުމަށް ވެސް ގޮވާލައިފަ އެވެ.

1އެމްޑީބީ ބޭންކުން ނަޖީބުގެ އެކައުންޓަށް 681 މިލިއަން ޖަމާކޮށްފައިވާ މައްސަލަ ބެލުމަށް ފަހު މެލޭޝިއާ ސަރުކާރުން ނިންމާފައި ވަނީ އެއީ ސައުދީ ޝާހީ އާއިލާ އިން ދިން ހަދިޔާއެއް ކަމަށެވެ. ނަޖީބު ވެސް ވަނީ ކޮރަޕްޝަނުގެ އެއްވެސް އަމަލެއް އޭނާ ހިންގަވާފައި ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.

އިދިކޮޅު މުޒާހަރާއާ ގުޅިގެން ނަޖީބުގެ ބްލޮގުގައި އާއްމު ކުރައްވާފައިވާ ބަޔާނެއްގައި ވަނީ ބާސިހަކީ އިދިކޮޅު ޕާޓީތަކުގެ ހަތިޔާރެއް ކަމަށާއި އެ މީހުންގެ ބޭނުމަކީ ޑިމޮކްރެސީގެ ހަމަތަކާ އެއްގޮތަށް އިންތިޚާބުކޮށްފައިވާ ސަރުކާރު ވައްޓާލުން ކަމަށް ވިދާޅުވެފަ އެވެ. އަދި މުޒާހަރާ އަށް ބިރުން ފަހަތަށް ނުޖެހޭނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

އެއްވުމުގެ ބައިވެރިންނާ މުޚާތަބްކޮށް ބާސިހުގެ ނައިބު ލީޑަރު ޝަހުރުލް އަމާން ޝާރީ ވިދާޅުވީ އެ މީހުން ނުކުތީ ގައުމު ހަލަބޮލިކޮށް ސަރުކާރު ވައްޓާލަން ނޫން ކަމަށާއި އޭގެ ބަދަލުގައި ގައުމުގެ ބާރު ގަދަކުރަން ކަމަށެވެ.

މިއީ ނަޖީބުގެ އިސްތިއުފާ އަށް ގޮވާލާ ބާސިހު އިން 15 މަސް ދުވަސްތެރޭ އިންތިޒާމްކުރި ބޮޑު ދެ ވަނަ މުޒާހަރާ އެވެ.

މުޒާހަރާގެ ކުރިން ފުލުހުން ވަނީ ރީނދޫ ޓީޝާޓް ގްރޫޕުގެ އެތައް ބަޔަކު ހައްޔަރުކޮށްފަ އެވެ. ފުލުހުންގެ މި އަމަލު ވަނީ އެމްނެސްޓީން ކުށްވެރިކޮށްފަ އެވެ. އަދި އެ މީހުން ދޫކޮށްލުމަށް ވަނީ ގޮވާލައިފަ އެވެ.

ރީނދޫ ޓީޝާޓް މުޒާހަރާއާ ދިމާކޮށް، ސަރުކާރަށް ތާއީދުކުރާ މީހުން ހިމެނޭ ރަތް ޓީޝާޓްލީ މީހުން ވެސް ވަނީ އެއްވުމެއް ބާއްވައިފަ އެވެ.