22 މެއި 2021 - 16:05

ބޮމެއް ގޮއްވާލައިގެން މަރައިލަން ދިން ހަމަލާއަށް ހަަރަދުކުރި މީހުން ހޯދަން ނެޝަަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) އިން ނޫޅޭ ކަމުގެ ޚަބަރު ލިބޭ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ޓްވިޓާ ހޭންޑުލް އެއް ކަމަށް ބެލެވޭ "އެލެކްސް އަހްމަދު" ގެ އެކައުންޓުން މިއަދު ބުނެފި އެވެ.
ނަޝީދުގެ ޓްވިޓާ ހޭންޑުލްއެއް ކަން އަދި ކަށަވަރުކުރެވިފައި ނުވާ ނަމަވެސް އެ މަނިކުފާނުގެ ވަރަށް ޒާތީ މައުލޫމާތާއި ވަރަށް އަރިސް ބޭފުޅަކަށް ނޫނީ ނުލިބޭނެ ފޮޓޯތައް ވެސް ޓްވީޓްކުރާ އެލެކްސްގެ އެކައުންޓުން މިއަދު މިގޮތަށް ތުހުމަތުކޮށްފައި މި ވަނީ ހަމަލާ އަށް ފަންޑުކުރި ބަޔަކު ހޯދަން ނަޝީދުގެ އަރިސް ބޭފުޅުންނާއި އެމްޑީޕީގެ އާންމު މެންބަރުން ވެސް ސޯޝަލް މީޑިއާގައި ގޮވާލައި އެކަމަށް ކެމްޕޭނެއް ފަށާފައި ވަނިކޮށެވެ.
ފުލުހުންގެ ތަހުގީގާ ގުޅޭ ގޮތުން މިހާތަނަށް އާންމުކޮށްފައިވާ މައުލޫމާތުގައި މިއީ ބަޔަކު ފައިސާ ދީގެން ކުރުވި ކަމެއްގެ ގޮތުގައި ބުނެފައެއް ނުވެ އެވެ. ނަމަވެސް މިއީ ދެތިން މީހަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި އަޑީގައި ތިބި ބަޔަކު ހޯދަން އިސްކަން ދީގެން މަސައްކަތްކުރަމުން އަންނަ ކަމަށް ބުނެފައިވެ އެވެ. ހަމަލާގެ ތުހުމަތަށް ހައްޔަރުކޮށްފައިވަނީ ހަރުކަށި ފިކުރުގެ ބަޔަކު ކަމަށް ވިޔަސް ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމަށް އުފައްދާފައިވާ އެންސީޓީސީން އަދި މިކަމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
އެލެކްސްގެ ޓްވީޓް އެތައް ބަޔަކު މިހާތަނަށް ރިޓްވީޓްކޮށްްފައި ވާއިރު އޭގެތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަަރު އިމްތިޔާޒް ފަހުމީ އާއި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) އަދި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވެސް ހިމެނެ އެވެ.
އެލެކްސް އަހުމަދުގެ ނަމުގައި 2012 ވަަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ އެ ޓްވިޓާ ހޭންޑުލް އަކީ ނަޝީދުގެ ނުރަސްމީ އެކައުންޓެއް ކަމަށް އެ ހޭންޑުލް އިން އެއް ފަހަރު ބުންޏެވެ. އެއީ މީހަކު އެގޮތަށް ސުވާލު އުފެއްދުމުންނެވެ. ނަމަވެސް އެކަން ނަޝީދު މިހައިތަނަށް ކަށަވަރުކޮށްދެއްވާފައެއް ނުވެ އެވެ. އެކި ކަންކަމާ ގުޅޭ ގޮތުން އެލެކްސްގެ އެކައުންޓުން ޓްވީޓްކުރުމަށް ފަހު އެއާ ދާދި އެއްގޮތަށް ނަޝީދުގެ އެކައުންޓުން ވެސް ބައެއް ޓްވީޓްތައް ކުރެ އެވެ.